ގާސިމް ހައްޔަރުކުރުމުން ސީދާ ހަރަކާތަށް ނިކުތުމަށް އެމްޑީޕީން ނިންމައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކުރުމުން ސީދާ ހަރަކާތަށް ނިކުތުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
އެމްޑީޕީން ކުއްލި ގޮތަކަށް ބާއްވަމުން ގެންދާ އެޕާޓީގެ ގައުމީ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ އެމްޑީޕީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ރައީސް އިބްރާހީމް ވަހީދު އެވެ.
ގަރާރު ހުށަހަޅުއްވަމުން އިބްރާހީމް ވަހީދު ވިދާޅުވީ މިގަރާރު ހުށަހެޅުއްވީ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ތުހުމަތެއްކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކުރުމާ ގުޅިގެން ކަމަށެވެ. މި ގަރާރުގައި ވަހީދު ވަނީ ސިޔާސީ ހަރަކާތަށް ނިކުތުމަށްވެސް ގޮވާލާފަ އެވެ.
މިގަރާރަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ ވިދާޅުވީ ގާސިމް އިބްރާހީމް ހައްޔަރުކުރީ ރައީސް ޔާމީނާ ދެކޮޅަށް ރާއްޖޭގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރުން ނިކުތުމުން ތާކުންތާކު ނުޖެހޭ ތުހުމަތެއް ކުރުމަށްފަހު ކަމަށެވެ. ނަމަވެސް މިހާރު ހިނގަމުން މިދާ ސިޔާސީ ހަރަކާތްތައް ރައީސް ޔާމީނަށް ދެން ހުއްޓުވާ ނުލެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އިމްތިޔާޒު އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް ދެން ވެރިކަމަށް ދުވަހަކުވެސް ވަޑައިނުގެންނެވޭ ވަރަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެމަސައްކަތް ދިވެހި ރައްޔިތުންގެ ތާއީދާ އެކު ކާމިޔާބު ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ގައުމީ މަޖިލީހުގެ މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު އީސާ ވިދާޅުވީ ގާސިމް އިބްރާހީމް ހުންނެވީ ވަރަށް ހިތްވަރު ގަދަކޮށް ކަމަށާއި އެއްވެސް ބޭފުޅަކު މާޔޫސް ނުވުމަށްވެސް ގާސިމް އެދިވަޑައިގެންނެވި ކަމަށެވެ. އަދި ގާސިމް އެމަނިކުފާނުގެ ގެކޮޅުން މިރޭ ފުލުހުންނާއެކު ނިކުމެ ވަޑައިގެންނެވީ އެމަނިކުފާނުގެ ބޭފުޅުންނަށާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނަށް ހިތްވަރު ކުރެއްވުމަށް ވަސިއްޔަތް ކުރެއްްވުމަަށްފަހު ކަމަށްވެސް ވިދާޅުވި އެވެ. އަދި މަޖިލީހުގެ ތެރެއިން ރައީސް ޔާމީން ބަލިކުރާނެ ކަމަށް ގާސިމް ވިދާޅުވި ކަމަށްވެސް އީސާ ވިދާޅުވި އެވެ.
ގައުމީ މަޖިލީހުގެ މިބައްދަލުވުމުގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވިދާޅުވީ ދިވެހި ފުލުހުން މިއަދު ކަންކުރާ ގޮތުން އެމީހުންނަށް ލިބިފައި ތަމްރީނާ ދަސްވެފައި ހުރި އެއްޗަކާ މެދު ސުވާލު އުފެދޭ ކަމަށެވެ.
ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން ގެންދަވާ ހުރިހާ ބޭފުޅުން ވެސް ގާސިމް އިބްރާހީމް ހައްޔަރުކޮށްފައިވާތީ އެކަން ކުށްވެރިކުރެއްވި އެވެ. އަދި ގާސިމްގެ ހައްގުގައި ސާބިތުވެ ދެމިތިބޭނެ ކަމަށްވެސް އެބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ