އިންސާފުވެރި ހުކުމެއް އަތުވެދާނެ ކަމާއިމެދު ޝައްކު - ގާސިމް

މިހާރު ކުރިއަށްގެންދާ ޝަރީއަތުގައި އިންސާފުވެރި ހުކުމެއް އަތުވެދާނެ ކަމާއިމެދު ޝައްކު އުފެދޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ކޯޓުގައި ވިދާޅުވެއްޖެއެވެ.
ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ގޮޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.
ގާސިމްގެ މައްސަލަ ބަލަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗްގެ ރިޔާސަތު ބަލަހައްޓަވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފްއެވެ. ގާޒީ ބާރީގެ އިތުރުން ބެންޗުގައި ތިއްބެވީ ގާޒީ އާދަމް އާރިފް އާއި ގާޒީ އަހުމަދު ޝަކީލް އެވެ.
ކުރިން ގާސިމްގެ މައްސަލަ ބައްލަވާފައިވަނީ ގާޒީ އާދަމް އާރިފް އެކަނި އިންނަވައިގެންނެވެ.
މިއަދުގެ އަޑުއެހުމުގައި ގާސިމް ވަނީ އިސް ގާޒީ ބާރީ މި މައްސަލަ ދެކޮޅު ހައްދަވާ ކަމަށް ވިދާޅުވެފައެވެ. ގާސިމް އެގޮތަށް ވިދާޅުވީ، ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ބޭއްވި އަޑުއެހުމުގައި ގާޒީ ބާރީ ކަންތައްތައް ކުރެއްވި ގޮތާއިމެދު ހިތްހަމަނުޖެހި ވަޑައިގެންނެވެ.
މިކަމާ ގުޅޭގޮތުން އިސްގާޒީ ބާރީ މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ ގާސިމުގެ ޖަޒުބާތު ތަކަށް އޭނާވެސް އިހުތިރާމު ކުރައްވާ ކަމަށާއި ނަމަވެސް އެހެން މައްސަލަ ތަކާއި ގުޅޭ ގޮތުން މިއަދުގެ އަޑުއެހުމުގައި ވާހަކަ ނުދެއްކޭނެ ކަމަށެވެ.
އަދި އެހެން މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދައްކަން ފަނޑިޔާރުން ފުރުސަތު ދެނީ އޮންނަ އުސޫލުތަކުގެ މަތިން ވަކި ވަގުތުތަކެއް ވަންދެން ކަމަށާއި އެ މައުޟޫއުގައި އިތުރަށް ވާހަކަ ނުދައްކަން އިސް ގާޒީ ބާރީ ވަނީ ގާސިމަށް އަންގަވާފައެވެ.
ގާސިމްގެ ޝަރީއަތް ކުރިއަށްދާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެރޭ ފުލުހުން ވަނީ، ކޯޓު އަމުރެއްގެ ދަށުން ދެވަނަ ފަހަރަށް ގާސިމް ހައްޔަރުކޮށްފައެވެ. އަދި ގާސިމްގެ ބަންދަށް މިދިޔަ ހުކުރުދުވަހު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ