އައްޑޫ ސިޓީގެ ގަން އެއާޕޯޓް ތަރައްގީ ކުރުމަށް އުފައްދާފައިވާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ)ގެ 30 ޕަސެންޓް ޗަންޕާ ހުސައިން އަފީފު ހިއްސާވާ ކާސާ ހޯލްޑިންގް އަށް ވިއްކުމުން އައްޑޫގެ ރައްޔިތުންތަކެއް އެކަމަށް ތާއީދުކޮށްފި އެވެ.
އައްޑޫގެ 18 މީހުންގެ ގްރޫޕަކުން މިއަދު ހަވީރު ނަލަހިޔާ ހޮޓެލްގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ބުނީ ގަން އެއާޕޯޓް ތަރައްގީ ކުރަން އުފައްދާފައިވާ ކުންފުނީގެ 30 ޕަސެންޓް ހިއްސާ ކާސާ ހޯލްޑިންގަށް ވިއްކުމަކީ އެއީ އެއާޕޯޓު ވިއްކާލުން ނޫން ކަމަށެވެ. އަދި ބުނީ މިހާތަނަށް އެއާޕޯޓު ތަރައްގީ ކުރެވިފައި ނުވި ނަމަވެސް އަންނަ ޖެނުއަރީ މަހު އެއާޕޯޓް ތަރައްގީ ކުރުމަށް ބަޔަކާ ހަވާލު ކުރަން ސަރުކާރުން ނިންމާފައި ވުމަކީ އެއާޕޯޓް ތަރައްގީވެ އެކަމުގެ ސަބަބުން އައްޑު އަށް ތަރައްގީ ލިބިގެންދާނެ ކަމެއް ކަމަށެވެ.
އެސްޓީއޯ އަދި އޭއައިއޭގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވެފައި ވަނީ ގަން އެއާޕޯޓް ތަރައްގީ ކުރުމަށް ޝޯޓް ލިސްޓްކޮށްފައިވާ ތިން ކޮންޓްރެކްޓަރުންނާ އެކު މިއަދު ޕްރީބިޑް މީޓީންއެއް ބޭއްވި ކަމަށެވެ. އަދި މިހާރު ޝެޑިއުލް ކޮށްފައިވާ ގޮތުން މި މަހުގެ 28 ވަނަ ދުވަހު ބިޑް ސަބްމިޓް ކުރަން ނިންމާފައިވާ ކަމަށާއި އަންނަ ޖެނުއަރީ މަސްތެރޭގައި ބަޔަކާ މަސައްކަތް ހަވާލު ކުރެވި އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓުގައި ހިމެނެނީ ރަންވޭ ދިގުކުރުމާއި އޭޕްރަން މަރާމާތު ކުރުމާއި ރަންވޭ ރީސާފޭސް ކުރުމުގެ ގޮތުން ރަންވޭ މަތީގައި ތާރުގެ އިތުރު ފަށަލައެއް އެޅުމުގެ އިތުރުން ސީ ޕްލޭން ބޭސްއެއް ގާއިމްކުރުން ހިމެނޭ ކަމަށް އޭއައިއޭ އިން ވަނީ ބުނެފަ އެވެ.
ކާސާ އަށް ހިއްސާ ވިއްކާލުމަކީ އެއާޕޯޓް ވިއްކާލުމެެއް ނޫން: އައްޑޫގެ ބައެއް ރައްޔިތުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ