އުސް ފަސްގަނޑުން ގެންދިޔަ ތަކެތި ހެނދުނު 10 ޖަހަންވާއިރަށް ހަވާލުކުރަން ކޯޓުން އަމުރުކޮށްފި

އެމްޑީޕީން ބައްދަލުވުންތައް ބާއްވާ އުސް ފަސްގަނޑު ސަރަހައްދުން ފުލުހުން އަންގާރަ ދުވަހުގެ ރޭ ގެންދިޔަ ސާމާނު މާދަމާ ހެނދުނު 10 ޖަހަންވާއިރަށް އެ ޕާޓީއާ ހަވާލުކުރުމަށް ސިވިލް ކޯޓުން މިރޭ އަމުރުކޮށްފި އެވެ.
ކޯޓުން މި ގޮތަށް އަމުރުކުރީ ފުލުހުން ގެންދިޔަ ސާމާނު ހޯދުމަށް އެމްޑީޕީން ވަގުތީ އަމުރަކަށް އެދުމުން މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގެ އަޑު އެހުމުގަ އެވެ. ވަގުތީ އަމުރުގައި ބުނެފައި ވަނީ އުސް ފަސްގަނޑުގައި އެމްޑީޕީން ބޭނުންކުރާ ސާމާނުތައް ގެންދިޔައީ، ކޯޓުން ވަކި ގޮތެއް އަންގަންދެން އުސް ފަސްގަނޑު ރޫޅާނުލުމަށް އަންގާރަ ދުވަހުގެ ރޭ ނެރުނު ވަގުތީ އަމުރުގެ ރޫހާ ހިލާފަށް ކަމަށެވެ. އެހެންވެ މާދަމާ ހެނދުނު 10 ޖަހަންވާއިރަށް އެ ސާމާނު އަނބުރާ ހަވާލުކުރުމަށް އަމުރު ނެރުނީ އެވެ.
އެނގިފައިވާ ގޮތުގައި ކޯޓުގެ މި އަމުރު އިސްތިއުނާފު ކުރުމަށް އޭޖީ އޮފީހުން މިހާރު ގެންދަނީ ވިސްނަމުންނެވެ.
އުސް ފަސްގަނޑު ރޫޅާނުލުމުގެ އަމުރު އަންގާރަ ދުވަހުގެ ރޭ ސިވިލް ކޯޓުން ނެރުނުއިރު އެ ސަރަހައްދުން ބައެއް ސާމާނު ވަނީ ގެންގޮސްފަ އެވެ. އަދި ކޯޓު އަމުރު އައުމާއެކު ސިފައިން ވަނީ އުސް ފަސްގަނޑު ރޫޅާލުން ހުއްޓާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ