ރެ އާއި މިއަދު ވެސް މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ

ސްޓެލްކޯ އިން ހިންގި ފޯތު ޕަވާ ޕްރޮޖެކްޓްގެ ދަށުން އަލަށް ބެހެއްޓި 8.9 މެގަވޮޓްގެ ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ބޭނުންކުރަން ފަށާފައިވަނިކޮށް ވެސް ރެ އާއި މިއަދު މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ އެވެ.
އާ ޖަނަރޭޓަރު ބޭނުންކުރަން ފެށުމުން ކަރަންޓް މައްސަލަ ހައްލުވާނެ ކަމަށް ސްޓެލްކޯ އިން ބުނެފައިވީ ނަމަވެސް ރެ އާއި މިއަދު ހެނދުނު މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑި އާއްމުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. ސްޓެލްކޯ އިން ބުނީ ރޭ ކަރަންޓް ކެނޑިފައިވަނީ 20- 25 މިނެޓަށް ކަމަށާއި މިއަދު މެންދުރު 58: 11 ހާއިރު ކަރަންޓް ކެނޑުމުން 10: 12 ހާއިރު ކަރަންޓް ދީފައިވާނެ ކަމަށެވެ.
އެ ކުންފުނިން ބުނިގޮތުގައި ރެ އާއި މިއަދު ވެސް މާލެ އިން ކަރަންޓް ކެނޑުނީ އާ އިންޖީނު ބާއިންޖީނާ ގުޅާލުމުގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލަ ވަގުތީ ގޮތުން ހައްލުކޮށް، ރޭ ކަރަންޓް ދޫކޮށްފައިވަނީ އިމަޖެންސީ ސިސްޓަމުން ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
"އާ އިންޖީނާ ބާ އިންޖީނު ނެޓްވޯކަކުން ގުޅާލުމުގައި ކަނެކްޝަން މައްސަލައެއް ދިމާވީ،" ސްޓެލްކޯގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓެކްނިކަލް މައްސަލައެއް ދިމާވިއަސް ކަރަންޓްދެވޭ ގޮތަށް ސްޓޭންޑްބައި ސިސްޓަމްތަކެއް އެބަހުރި ކަމަށެވެ. ސްޓެލްކޯ އިން ބަލަނީ ޓެކްނިކަލް މައްސަލައަކުން ކަރަންޓް ކެނޑުނަސް، ލަސްނުކޮށް ވީހާ ވެސް އަވަހަކަށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ސްޓެލްކޯ އިން ބުނެފައިވާ ގޮތުގައި މާލެ އަށް ކަރަންޓް ދޭން 13 ޖަނަރޭޓަރެއް ބަހައްޓާފައިވެ އެވެ. އޭގެ ތެރޭގައި 6500 ކިލޯވޮޓްގެ ދެ ޖަނަރޭޓަރާއި 5000 ކިލޯވޮޓްގެ އެއް ޖަނަރޭޓަރާއި 4000 ކިލޯވޮޓްގެ އެއް ޖަނަރޭޓަރާއި 2000 ކިލޯވޮޓް ތިން ޖަނަރޭޓަރު އަދި އެއް މެގަ ވޮޓްގެ ހަ ޖަނަރޭޓަރު ހިމެނެ އެވެ. މާލެ އަށް އިމަޖެންސީ ކަރަންޓް ދިނުމަށް 2010 ވަނަ އަހަރު، 1.6 މެގަވޮޓްގެ ފަސް ޖަނަރޭޓަރު ގެނެސް އިންސްޓޯލްކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ