ކޮވިޑް ޖެހިގެން މިދިޔަ ހަފުތާގައި ދެ މީހަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން މިދިޔަ ހަފުތާގައި ދެ މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މި މަހު 16 އާއި 22 އާ ދެމެދުގައި ކޮވިޑް ޖެހިގެން ދެ މީހަކު މަރުވެފައިވެ އެވެ. އެ ދެ މަރާއެކު ރާއްޖެ އިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 313 އަށް އެރީ އެވެ.
މަރުވީ ކޮން އުމުރެއްގެ ބައެއް ކަމެއް އަދި ޔަގީން ނުވެ އެވެ.
މިދިޔަ ހަފުތާގައި ކޮވިޑް ކޭސްތައް ވެސް އިތުރުވެ 199 މީހަކަށް ބަލި ޖެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އޭގެ ކުރީ ހަފުތާގައި ބަލި ޖެހުނީ 148 މީހަކަށެވެ. ހޮސްޕިޓަލުގައި އެޑްމިޓްކުރި މީހުންގެ އަދަދު ވެސް 28 އިން 35 އަށް ވަނީ އިތުރުވެފަ އެވެ.
ކޮވިޑް ކޭސްތައް އެންމެ ގިނައީ މާލެ ސަރަހައްދުގަ އެވެ.
ޗުއްޓީ ތެރޭގައި ކޮވިޑް ކޭސްތައް މައްޗަށް ހިނގައިދާނެ، ސަމާލުވާތި: ނަޒްލާ https://t.co/410awbK5w5
ސްކޫލުތަކުގެ މިޑް-ޓާމް ބްރޭކާއި އީދު ޗުއްޓީއާއެކު، ކޮވިޑް ކޭސްތައް މައްޗަށް ދިއުން އެކަށީގެން ވާތީ ރައްކާތެރިވެ ތިބުމަށް އެޗްޕީއޭގެ ހެޑް އޮފް ކޮމިއުނިކެބަލް ޑިޒީސް ކޮންޓްރޯލް، ޑރ. ނަޒްލާ ރަފީގު މިދިޔަ ހަފުތާގައި ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
ނަޒްލާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ކޮވިޑް ކޭސްތައް މިހާރު އިތުރުވަމުންދާ ރޭޓަށް ބަލައިފި ނަމަ، ކުރިއަށް އޮތް 2-3 ހަފުތާގެ ތެރޭގައި ކޭސްތައް ވަރަށް ބޮޑަށް މައްޗަށް ދިއުން އެކަށީގެންވެ އެވެ. އެހެންވެ، މިހާރުން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ