ބޭންކުގެ ހިދުމަތްތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން އިތުރުވަމުންދާތީ ބީއެމްއެލް މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުން އިތުރުވަމުންދާ މައްސަލައިގައި އެ ކުންފުނީގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީއަށް ހާޒިރުކޮށްދޭން އެދިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކޮށް ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީގައި ވަނީ ރައްޔިތުންގެ ކަންބޮޑުވުން އޮތް އެންމެ މައިގަނޑު ތިން ކަމެއް ފާހަގަކުރައްވައިފަ އެވެ.
އެގޮތުން އާންމު ބޭނުންތަކަށް ރައްޔިތުންނަށް ޑޮލަރު ނުލިބުމުގެ މައްސަލަ އާޢި ބޭރުގެ އެކި ވެބްސައިޓުތަކަށާއި ބޭސް ފަރުވާގެ ކަންކަމުގައި ރާއްޖެއިން ބޭރަށް ހަދަންޖެހޭ ޕޭމަންޓުތައް ނުހެދުމާއި އެ ބޭންކުގެ ހިދުމަތް މެދުކެނޑުން އާންމުވުމުގެ މައްސަލަ އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
އެ މައްސަލަތައް ތަކުރާރުވަމުން ދާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވެގެންދިޔަ ނަމަވެސް، އެފަދަ މައްސަލައެއް ނެތް ކަމަށް ބުނެ ބީއެމްއެލްއިން ހަގީގަތް ފޮރުވަމުންދާ މައްސަލަ ތަހުގީގުކުރަން ކޮންމެހެން ޖެހިއްޖެ ކަމަށް އެ ސިޓީގައި ބުންޏެވެ.
ކުޑޫ އެދިފައި ވަނީ އެ މައްސަލަ ބަލައި ހައްލު ހޯދުމަށް ބާރު އެޅުމުގެ ގޮތުން އެސްއޯއީ ކޮމެޓީގެ ބައްދަލުވުމެއް ވީހާވެސް އަވަހަކަށް ތާވަލުކޮށްދިނުމަށާއި ބީއެމްއެލްގެ ވެރިން އެ ކޮމިޓީއަށް ހާޒިރު ކޮށްދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ