ޖައިލަމްގެ މަރުގެ މައްސަލަ ދަށު ކޯޓުން ބަލައިނުގަތުން ޕީޖީން ހައި ކޯޓަށް

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ދަރުބާރުގޭ ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ ޖައިލަމް އަހުމަދު ޝާކިރު މަރާލި މައްސަލަ ކްރިމިނަލް ކޯޓުން ބަލައިނުގަތުމުން ދައުލަތުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި އެވެ.
އުމުރުން 24 އަހަރުގެ ޖައިލަމަށް ހަމަލާދީ އޭނާ މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވި ނަމަވެސް ކޯޓުން ވަނީ އެ މައްސަލަ ބަލައިނުގެންފަ އެވެ. އެ މައްސަލަ ބަލައިނުގަތީ ދައުވާ އިބާރާތް ކުރުމުގައި މައްސަލަތަކެއް ހުރުމުން ކަމަށް ކޯޓުން ބުނެފައިވެ އެވެ.
އެ މައްސަލަ ބަލައިނުގަތުމުން ޕީޖީން ވަނީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނދުނު ބާއްވަން ހައި ކޯޓުން މިހާރު ވަނީ ތާވަލްކޮށްފަ އެވެ.
މީގެކުރިން ވެސް ބައެއް މައްސަލަތައް ބަލައިނުގަތުމުން އެ މައްސަލަތައް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވެ އެވެ. ދައުވާލިބޭ ފަރާތެއް ނޯންނަ އެ ބާވަތުގެ މައްސަލަތަކަށް ކިޔަނީ އެކްސްޕާޓޭ މައްސަލަތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ