ހައި ކޯޓުގެ މުވައްޒަފަކު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރު ބަހުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވާހަކަ ދެއްކެވި ކަމަށް ބުނާ މައްސަލައެއް ބަލަން ނިންމާފައިވަނިކޮށް އެ މައްސަލާގައި މީގެ ކުރިން ސުޕްރީމް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ލިއުމެއް ފޮނުވިކަން 'ދައުރު'އަށް އެނގިއްޖެ އެވެ.
ވީކިހިނެއް؟ - ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް، ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުއޫދު ވާހަކަ ދެއްކެވި ވަގުތު ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އިންނެވި އިރު އެ ދެ ފަނޑިޔާރުންގެ މައްސަލަ ބަލަން ވެސް ޖޭއެސްސީން މިދިޔަ ބުރާސްފަތި ދުވަހު ނިންމި އެވެ.
މި މައްސަލާގައި ހަނީފާއި ހައި ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް އެދި ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ހުށައެޅި ލިއުމުގައި މައްސަލަ ރައްދުވާ ހައި ކޯޓުގެ ފަނޑިޔާރުންނަކީ:
މުހައްމަދު ނިޔާޒު
ހުސައިން ޝަހީދު (އިސް ފަނޑިޔާރު)
މުހައްމަދު ފައިސަލް
ތަފްސީލް - ޖޭއެސްސީއަށް ފޮނުވި ލިއުމުގައި ބުނެފައިވާ ގޮތުގައި ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކުރީ، މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތުކުރާ އަރުޝަދު ހާލިދު ބަންދުކޮށްގެން ހައި ކޯޓަށް ހާޒިރުކުރަން އެ ކޯޓުން އަމުރު ނެރުނު މައްސަލައިގެ ބަޔާންތައް ނުފޮނުވައިގެނެވެ. ބަންދު އަމުރުތަކާ މެދު ހަތް ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭތީ އެ ލިއުންތައް ނުލިބުމަކީ މައްސަލައެއްކަން ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ.
ޖޭއެސްސީއަށް ސުޕްރީމް ކޯޓުން ފޮނުވި ލިއުމުގައި ފާހަގަކޮށްފައިވާ ގޮތުގައި:
ހައި ކޯޓުން އެހެން މައްސަލަތަކާ ޚިލާފަށް މި މައްސަލައިގައި ވަކި އަމުރެއް ނެރެދިނުމުން މެނުވީ ސުޕްރީމް ކޯޓުން އެދުނު ލިޔެކިޔުންތައް ފޯރުކޮށް ނުދެވޭނެ ފަދަ މޭރުމަކުން ހައި ކޯޓުން އުއްތަމަ ފަނޑިޔާރަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވި
އެ ސިޓީގައި ސޮއިކުރައްވާފައިވަނީ ހަނީފް
ސުޕްރީމް ކޯޓަށް ހަނީފު ހާޒިރުވުމަށް ދެންނެވީ އެ ސިޓީގައި އަމުރެއް ނެރެގެން މެނުވީ ލިޔުންތައް ނުދޭން ނިންމީ ގާނޫނީ ކޮން އަސްލަކަށް ރިއާޔަތްކޮށްތޯ ސާފުކުރަން
ހަނީފްގެ ފަރާތުން މައުލޫމާތު ސާފުކުރުމަށް ފަހު ގަޑިިއިރެއްގެ ތެރޭގައި ސުޕްރީމް ކޯޓުން އެދޭ ލިޔުންތައް ފޮނުވަން ދެންނެވި
ލިޔުންތައް ނުލިބިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައި ކޯޓުގެ ޔޫޓިއުބް ޗެނަލްގައިވާ އަޑުއެހުންތައް ދިރާސާކުރި
ލިޔުންތައް ނުދޭން އުޅުނީ ކަމެއް ގޯސްކޮށް ކުރެވިގެން އެކަން ފޮރުވުމުގެ ނިޔަތުގައި ކަމަށް ތުހުމަތުކޮށްފައިވޭ
ޖޭއެސްސީއަށް ފޮނުވި ލިއުމުގައި ބުނެފައި ވަނީ އެހެން ބައެއް މައްސަލަތަކުގައި ވެސް ހައި ކޯޓުގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ. އަދި ޖޭއެސްސީން މައްސަލަ ބަލައި، ފިޔަވަޅު އަޅައިދިނުމަށް ވެސް އެ ސިޓީގައި އެދުނެވެ.
އިސްތިއުނާފު މަރުހަލާތަކުގައި، ދަށު ކޯޓުގެ ނިންމުމެއްގެ ލިޔުން ފޮނުވަން އަމުރު ނެރުމަކީ އެއް އިރެއްގައި ވެސް ކުރަމުން އައި ކަމެއް ނޫނެވެ. އެއީ ގާނޫނެއްގައި ބަޔާން ވެސް ނުކުރާ ކަމެއްކަން ސުޕްރީމް ކޯޓުގެ ލިޔުމުގައި ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުން ފަހުން ވަނީ އަރުޝަދު ބަންދުކޮށްގެން ހައި ކޯޓަށް ހާރިޒުކުރަން ނެރުނު އަމުރު ބާތިލްކޮށްފަ އެވެ. އެ ހުކުމުގައި ބުނީ ކޯޓަށް ހާޒިރުވާން އަރުޝަދުގެ މައްޗަށް ހައި ކޯޓުން އެއްވެސް އަމުރެއް ކުރިން ނެރެފައި ނުވާ ކަމަށެވެ. އެހެންކަމުން ހައި ކޯޓަށް ހާޒިރުނުވި މީހެއް ކަމަށް ބަލައި އޭނާ ބަންދުކުރަން އަމުރެއް ނުނެރެވޭނެ ކަމަށް ރިޔާސަތު ބެލެހެއްޓެވި މަހާޒް ފާހަގަކުރެއްވި އެވެ.
ފާހަގަކޮށްލެވޭ - ސުއޫދު މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވިިއިރު، މަހާޒާއި އަޒްމިރަލްދާ ހުންނެވީ ސަސްޕެންޝަނުގަ އެވެ.
މި ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަން ނިންމައި ސަސްޕެންޑްކުރީ ގާނޫނުއަސާސީއަށް ގެނައި ބަދަލެއް އަމަލުކުރަން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ. އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ.
މިހާރު އެ މައްސަލަ ވަނީ ކުރިއަށް ނުގެންދެވޭ ގޮތަށް ހުއްޓިފަ އެވެ. ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރުންނެވެ. ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ.
ސުލީކީ މައްސަލައިގެ ފަހަތް؛ ފަނޑިޔާރުން އުޅުއްވީ އަރުޝަދު މައްސަލައިގެ ލިޔުންތައް ހައި ކޯޓުން ނުދީގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ