މަހުގެ ޑިއުޓީ ކެނޑޭ އެއްބަސްވުން މަޝްވަރާތަކުން އުނިކޮށްފައިވުމުން އެކަން ސާފުކޮށްދޭން އެމްޑީޕީން ގޮވާލައިފި
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބާއްވާ މަޝްވަރާކުރުންތައް ނުވަތަ 'މޯލްޑިވްސް-ޔޫކޭ ޑައިލޮގް'ގައި މިދިޔަ އެމްޑީޕީ ސަރުކާރުން އިނގިރޭސިވިލާތާއެކުވި ފްރީ ޓްރޭޑް އެގްރިމަންޓު (އެފްޓީއޭ) އުނިކޮށްފައިވާތީ، ސަރުކާރުން އެކަން ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެމްޑީޕީން އެދިއްޖެއެވެ. އެކަން ހާމަވީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި މޯލްޑިވްސް-ޔޫކޭ ޑައިލޮގްގައެވެ. އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުގައި މަސްވެރިންނާއި، މަސްވެރި ސިނާއަތުގެ މުސްތަގުބަލު ރަނގަޅުކުރުމަށް ފެށި އެންމެ މުހިންމު އެއް މަސައްކަތަކީ އިނގިރޭސިވިލާތަށް ރާއްޖެއިން އެކްސްޕޯޓުކުރާ މަހަށް ނަގާ ޑިއުޓީ ކުޑަކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން، ކުރެވުނު މަސައްކަތުން 2020 ވަނަ އަހަރު ޑިއުޓީ، 24 އިންސައްތައިން 20 އިންސައްތައަށް ކުޑަވިކަން ފާހަގަކޮށްފައިވެއެވެ. https://x.com/MoFAmv/status/1927787821886058990 އަދި، ޑިއުޓީ މުޅިން ކަނޑާލުމަށް ބޭނުންވާ ފްރީ ޓްރޭޑް އެގްރިމަންޓެއް ހަދަން ވަނީ ދެ ގައުމުން ވެސް އެއްބަސްވެ، މަސައްކަތް ފަށައިފައި ކަމަށް އެމްޑީޕީން ބުންޏެވެ. އެގޮތުން، ފުރަތަމަ މަޝްވަރާތައް ނިމި، އިނގިރޭސިވިލާތުގެ ސަރުކާރުން އެ އެފްޓީއޭއާ ގުޅޭގޮތުން އެ ގައުމުގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޖޫން 08، 2023ގައި ހުޅުވައިލި ކަމަށާއި، ދައުރު ނިމުނުއިރު މަސައްކަތް ތާވަލުކުރެވިފައިވަނީ މި އަހަރުގައި އެ އެގްރިމަންޓު ތަންފީޒުކުރުމަށް ކަމަށް އެމްޑީޕީން ބުންޏެވެ. އެމްޑީޕީން ދެކެނީ މި އެގްރިމަންޓަކީ މަސްވެރި ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ވަސީލަތެއް ކަމަށް، އެމްޑީޕީ ދިވެހިރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓު ކުރަނީ ދަޅުމަސް ކަމަށްވާއިރު، އޭގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނައިން އެކްސްޕޯޓު ކުރަނީ އިނގިރޭސިވިލާތަށް ކަމަށް އެމްޑީޕީން ފާހަގަކުރިއެވެ. އަދި، އެ ގައުމުން ރާއްޖޭގެ މަހުގެ ބާވަތްތަކަށް ނަގާ އިމްޕޯޓު ޑިއުޓީ 0 އިންސައްތައަށް ބަދަލުވުމާ އެކު ދިވެހި މަސްވެރި ސިނާއަތަށް ލިބެ ބޮޑު ކުރިއެރުމެއްކަމަށް އެ ޕާޓީން ބުންޏެވެ. އޭރުން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު މަތިވާނެ ކަމަށް އެމްޑީޕީން ބުންޏެވެ. https://sun.mv/171984 މި އުންމީދުގައި ރައްޔިތުން ތިބިހިނދު، މިދިޔަ ހަފުތާގައި ބޭއްވި މޯލްޑިވްސް-ޔޫކޭ ޑައިލޮގްގެ ބައްދަލުވުމުގައި މި އެފްޓީއޭގެ ވާހަކަ ހިމަނާފައިނުވާކަން ހާމަވެފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. އެއީ، އެ ޕާޓީން 'ނިހާޔަތަށް' ކަންބޮޑުވާ ކަމެއް ކަމަށާއި އެ ޑައިލޮގްގައި އެފްޓީއޭގެ ވާހަކަ އުނިކޮށްފައިވާ ސަބަބު ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދޭން އެމްޑީޕީން ގޮވައިލިއެވެ. މޯލްޑިވްސް-ޔޫކޭ ޑައިލޮގުގެ ނަމުގައި ފުރަތަމަ މަޝްވަރާ ބައްދަލުވުން ބޭއްވީ މިދިޔަ އެމްޑީޕީ ވެރިކަމުގައި ފެބްރުއަރީ 20، 2023 ގައެވެ. ކޮމަންވެލްތަށް ނިސްބަތްވާ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން، އިނގިރޭސިވިލާތަށް އެތެރެކުރާ މުދަލުން ޓެރިފް ނަގަމުންދާ ހަމައެކަނި ގައުމަކީ ރާއްޖެއެވެ. ރާއްޖެއާއި އެއް ހާލަތެއްގައި ހިމެނޭ އެހެން ކުދި ޖަޒީރާ ގައުމުތަކުން އެކިއެކި އިންތިޒާމުތައް މެދުވެރިކޮށް ޓެކްސް ވަނީ މައާފުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ