ރައީސް ޔާމީންގެ ލީޑަރޝިޕުގައި ފެނުނީ ބައިނަލްއަޤުވާމީ ދުނިޔެއިން ރާއްޖެ ބާކީވިތަން: ވަޒީރު ޠާރިޤް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ލީޑަރޝިޕުގައި ފެނުނީ ބައިނަލްއަޤުވާމީ ދުނިޔެއިން ރާއްޖެ ބާކީވިތަންކަމަށް މުސުމީ ބަދަލުތަކާއި، ތިމާވެށްޓައި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދގެ ޢާންމު މަޖިލީހުގައި ކުރެއްވި ތަޤުރީރާ ބެހޭގޮތުން ކުރީގެ ރައީސް، ޢަބްދުﷲ ޔާމީން ޤަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅާ ގުޅިގެން، ދެއްވި ރައްދުގައެވެ.
ޕީޕަލްސް ނެޝަނަލް ފްރޮންޓް، ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ރައީސުލްޖުމްހޫރިއްޔާ އދގެ ޢާންމު މަޖިލީހުގައި ދެއްވި ތަޤުރީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަން ކުރެއްވި 5 އަހަރު އދ.ގެ ޢާންމު މަޖިލީހަށް ވަޑައިގެންފައިނުވާ ކަމަށެވެ. އަދި ރައީސް ޔާމީނަކީ ރާއްޖެއާއި ދޭދޭ ޤައުމުތަކާމެދު ގުޅުންބަދަހިކުރަން ބޭނުންފުޅުވި ބޭފުޅެއް ނޫންކަމަށް ޠާރިޤް ވިދާޅުވިއެވެ.
އެގޮތުން 2015 ވަނަ އަހަރު، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ބެހޭގޮތުން ބޭއްވި އދ.ގެ ސަމިޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދުނިޔޭގެ ލީޑަރުން ވަޑައިގެންނެވިއިރު، ރައީސް ޔާމީން ވަޑައިނުގެންނެވިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ޤައުމުތަކުގެ ލީޑަރުން ވާންޖެހޭނީ ބައިނަލްއަޤުވާމީ މައިދާނުގައި އެ ޤައުމެއްގެ ރައްޔިތުން ތަމްސީލްކޮށް، އެބަޔަކަށް ބޭނުންވާ އެހީ ހޯދުމުގައި މަސައްކަތްކުރާނެ ބަޔަކަށް ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ކިބައިން ފެނުނީ ބައިނަލްއަޤުވާމީ މައިދާނުން ފިލަން އުޅުއްވި މަންޒަރުކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ލީޑަރޝިޕުގައި ފެނުނީ ބައިނަލްއަޤުވާމީ މައިދާނުން ރާއްޖެ ބާކީވެދިޔަތަން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކިބައިން ފެންނަނީ ތަފާތު މަންޒަރެއް ކަމަށެވެ. އެގޮތުން އެމަނިކުފާނު ގެންދަވަނީ ފުރަތަމަ ދިވެހިންގެ ސިޔާސަތު އިސްކުރައްވާ، ދިވެހިންނަށް ބޭނުންވާ ކަންކަން ބައިނަލްއަޤުވާމީ ގޮތުން ހޯއްދެވުމުގައި މަސައްކަތްކުރައްވަމުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދޭދޭޤައުމުގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކުރައްވައި، އެހީ ހޯއްދެވުމުގައި ގިނަ މަސައްކަތްތަކެއް ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޠާރިޤް ވިދާޅުވީ އދގެ ސަލާމަތީ މަޖިލީހުގައި ފުރަތަމަ ފަހަރަށް ތަޤުރީރުކުރެއްވި ރާއްޖޭގެ ރައީސެއްގެ ލަޤަބު، ރައީސް މުޢިއްޒު ހޯއްދަވާ ތާރީޚުގައި އެމަނިކުފާނު ނަންފުޅު ލިޔެވިގެން ގޮސްފިކަމަށެވެ. އަދި ރާއްޖެއަކީ ދޭދޭގުޅުންތައް ބަދަހިކުރަން ބޭނުންވާ ޤައުމެއްކަން އެމަނިކުފާނު މުޅި ދުނިޔެއަށް ދައްކުވައިދީފިކަމަށް ވަޒީރު ވިދާޅުވިއެވެ. ދިވެހިން އިސްކޮށް، ރާއްޖެ ޤަބޫލުކުރާ ސިޔާސަތުތައް އިސްކޮށް ޖެހޭ ކޮންމެ މައްސަލައަކަށްވެސް ޙައްލު ހޯއްދަވާނެކަން ރައީސް މުޢިއްޒު ދައްކުވައިދީފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައީސަކީ އަބަދުވެސް ޙައްޤު މަގުގައި އަޑުއުފުލާނެ ބޭފުޅެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ޠާރިޤް ވިދާޅުވީ ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، ރައީސް މުޢިއްޒުގެ މި ދައުރުގައި ފާގަތި މުސްތަޤުބަލެއް މި ޤައުމަށް ހޯއްދުމަށް ކެނޑިނޭޅި މަސައްކަތްކުރައްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދގެ ޢާންމު މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ އަމާޒެއްކަމަށް ވިދާޅުވިއެވެ. އަދި ފަލަސްޠީނުގެ މައްސަލައަށް އަލިއަޅުވާލައްވާ ޔަހޫދީންނާ ދެކޮޅަށް މުޅި ދުނިޔެ ތެދުވުމަށް ރައީސް މުޢިއްޒު ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގައިވެސް ތަގުރީރުކުރައްވާފައެވެ. މިއީ ރާއްޖެއިން އދ.ގައ ބައިވެރިވިތާ 59 އަހަރުތެރޭގައި ރާއްޖޭގެ ވެރިޔަކު އދ.ގެ ސަލަމަތީ މަޖިލީހުގައި ތަގުރީރުކުރެއްވި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ