މިދިޔަ މަހު މިފްކޯއިން މަސްވެރިންނަށް 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިދިޔަ އޭޕްރީލް މަހު މަސްވެރިންނަށް 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ. އެ ކުންފުނިން މިއަދު އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ޖުމްލަ 1،068 ދޯންޏަކުން ވަނީ އެ ކުންފުންޏަށް މަސް ކިރުވާފައެވެ. މި ދޯނިފަހަރުން ޖުމްލަ 4،414 ޓަނުގެ މަސް ކިރުވާފައިވާއިރު، މި މަހަށްވާ ފައިސާގެ ގޮތުގައި ޖުމްލަ 78،778،405 ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ. މިއީ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ދޫކުރުމަށް ސަރުކާރުންނާއި މިފްކޯއިން ކުރަމުންދާ މަސައްކަތުގެ ދަށުން ދޫކޮށްފައިވާ ފައިސާއެވެ. ރާއްޖޭގެ އިގުތިސާދުގެ މައިގަނޑު އެއް ތަނބު ކަމަށްވާ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި، މަސްވެރިންނަށް ލިބެންޖެހޭ އުޖޫރަ ވަގުތުން ވަގުތަށް ދިނުމަކީ މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތް ކަމަށް ސަރުކާރުން ބުނެއެވެ. ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްގެ މަސައްކަތްތަކެއް: މި ސަރުކާރުން އަންނަނީ މަސްވެރިކަމުގެ ހަރަކާތްތައް ކުރެވޭނެ ގޮތަށް ކެޕޭސިޓީ އިތުރުކުރަން ބޮޑު މަޝްރޫއެއް ހިންގަމުން -- ފޮޓޯ/ މިފްކޯ މިފްކޯއިން ދޫކޮށްފައިވާ ފައިސާގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ ކަޅުބިލަމަސް ކިރުވި ދޯނިފަހަރަށެވެ. އެގޮތުން، އެފަދަ މަސް ކިރުވި 781 ދޯންޏަކަށް ވަނީ 77 މިލިއަން ރުފިޔާ ދޫކޮށްފައެވެ. ކަޅު ބިލަ މަހުގެ ގޮތުގައި ޖުމްލަ 4،146 ޓަނުގެ މަސް މިފްކޯއިން މިދިޔަ މަހު ގަނެފައިވެއެވެ. މިއީ މުޅި ޖުމްލަ ދޫކުރި ފައިސާގެ އެންމެ ބޮޑު އިންސައްތައެވެ. ދިހަ ކިލޯއިން މަތީގެ ކަންނެލި, 5.78 ޓަން މިފްކޯއިން ގަނެފައިވާއިރު އެ މަސްވެރިންނަށް މިދިޔަ މަހު ވަނީ 115,600 ރުފިޔާ ދޫކޮށްފައެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލީގެ 40 ޓަން ގަނެ, ވަނީ އެއް މިލިއަން ރުފިޔާ ދޫކޮށްފައެވެ. މަސްވެރިންނަށް ގަވާއިދުން ފައިސާ ލިބުމަކީ ރާއްޖޭގެ އިގުތިސާދަށާއި މަސްވެރި އާއިލާތަކަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެކެވެ. ފާއިތުވި އަހަރުތަކުގައި މަސްވެރިންނަށް ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މިހާރު ސަރުކާރުގެ ސިޔާސަތަކީ މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމެވެ. މި ބަދަލާއެކު، މަސްވެރިކަމަށް ނުކުންނަ ދޯނިފަހަރުގެ އަދަދު އިތުރުވެ، ސިނާއަތަށް ދިރުން ލިބެމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. މިފްކޯގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެއްވެސް ލަސްވުމެއް ނެތި ބަރާބަރަށް ދޫކުރަމުން ގެންދިއުން ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މަސް ގަންނަ މިންވަރު އިތުރުކޮށް، ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރާ މަހުގެ ނިސްބަތް މަތިކުރުމަށްޓަކައި ކާރުޚާނާތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މި މަސައްކަތްތައް ނިމުމުން، މަސްވެރިންނަށް މިހާރަށްވުރެ ފަސޭހައިން މަސް ކިރުވޭނެ އިންތިޒާމު ހަމަޖެހި، މުޅި ސިނާއަތަށް އޭގެ ފައިދާ ކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ