ބިލް ތައްޔާރު ކުރަނީ އަބަދުވެސް ކަރަންޓު މީޓަރުތަކަށް ބަލައިގެން: ސްޓެލްކޯ

މިދިޔަ ޖޫން މަހެކޭ އެއްގޮތަށް ޖުލައި މަހުވެސް ކަރަންޓް ބިލް ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށް ކަރަންޓް ކުންފުނި ސްޓެލްކޯއިން ބުނެފި އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ސްޓެލްކޯއިން ބުނެފައިވަނީ، ކަރަންޓުގެ ޔޫސޭޖުތަކަށް ބަދަލުތަކެއް އައިސްފައި ނުވާ ކަމަށެވެ. އެހެން ކަމުން މި މަހުގެ ބިލުންވެސް އެބައި ދައްކާނެކަމަށް ވަނީ ބުނެފައެވެ.
ކަރަންޓުގެ ހިދުމަތްތަކާ ގުޅޭގޮތުން ފެނަކަ އާއި ސްޓެލްކޯ އާއި މޯލްޑިވްސް އެނާޖީ އޮތޯރިޓީ އަދި އެންވަޔަރަމަންޓު މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސެއިން ފަހުމީ ވިދާޅުވީ މިދިޔަ މަހުގެ ބިލުން ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އުފެދުނު ކަމަށެވެ. އަދި އެކަމާއި ގުޅިގެން ސާވޭއެއް ތައްޔާރުކޮށް ކަރަންޓު ބޭނުންކުރާ މިންވަރު ދެނެގަނެފައިވާ ކަމަށެވެ.
ހުސްކޮށް ހުރި އެޕާޓެމެންޓުތަކުގެ ކަރަންޓާއި ގުޅިގެން ގިނަ ބަޔަކު ޝަކުވާ ހުށަހެޅުމުން އެކަން ބެލިކަމަށާއި، އަދި ސްޓެލްކޯއިން ބެލި ބެލުމުން ފާހަގަވީ ނޭނގި ނަމަވެސް ކަރަންޓު ހިނގާ ސްވިޗެއް ޖެއްސިފައި ހުރުމާއި އޭސީ ވެސް ޖައްސާފައި ހުރުން ކަމަށެވެ. މި ސާވޭގައި 700 އަށް ވުރެ ގޭބިސީތަކާއި ވިޔަފާރިތައް ބަލާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ ކޮންސަޕްޝަން ޕެޓާންއަށް މާބޮޑެތި ބަދަލުތަކެއް އައިސްފައިނުވާތީ، މި މަހުގެ ކަރަންޓު ބިލުވެސް ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ކަރަންޓު ބިލް ކުޑަކުރެވޭނީ، ހަރަދުތައް އާއްމުކޮށް ދާ ސާމާނުތައް ބޭނުންކުރުމުގައި ސަމާލުވެގެން ކަމުގައި ވެސް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ ގޭގައި ކޮޓަރީގެ އޭސީ ޖެއްސުމަށްފަހު ދޮރު ހުޅުވާފައި ބެހެއްޓުމާއި ކުޑަދޮރު ވެސް ހުޅުވާފައި ބެހެއްޓުންފަދަ ކަންކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ޝަކުވާތަކަށް ޒިޔާރަތް ކުރި ގެތަކުން ވެސް ފާހަގަކުރެވުނު ކަންތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ ކަރަންޓު ބިލްތައް ބޮޑުވެފައިވަނީ އާއްމުގޮތެއްގައި ހެދޭ ބޮޑެތި ގޯސްތަކުގެ ސަބަބުން ކަމަށެވެ. އެހެން ކަމުން ކަރަންޓު ބޭނުން ކުރާއިރު ސަމާލުވުމަށް އޭނާ ވަނީ އެދިފައެވެ.
ސްޓެލްކޯއިން ވަނީ ޖޫން މަހުގެ ބިލަށް ވެސް ކަންބޮޑުވުންތަކެއް އައުމުގެ ސަބަބުން، 40 އިންސައްތައިގެ ޑިސްކައުންޓެއް ކަސްޓަމަރުންނަށް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ