މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން މިދިޔަ އަހަރުގެ ޖުލައި މަހު ފެށި އޯޕަން މާކެޓް އޮޕަރޭޝަން (އޯއެމްއޯ) މެދުވެރިކޮށް ތިން ބިލިއަން ރުފިޔާ ނިޒާމުން ނަގައިފިއެވެ.
ދިވެހި ރުފިޔާގެ އަގަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި ހުރި އިތުރު ފައިސާ ނުވަތަ ލިކުއިޑިޓީ މަދުކުރުމުގެ މަގުސަދުގައި ރިވާސް ރީޕަޗޭސް އޮޕަރޭޝަންތައް ފެށީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ.
އެމްއެމްއޭގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، ސަރުކާރުން އެ ބޭންކަށް ދައްކަންޖެހޭ ދިގު މުއްދަތުގެ ބޮންޑުގެ އަދަދު 14 ބިލިއަން ރުފިޔާއަށް އަރައެވެ. މިއީ އެކި ފަހަރު މަތިން ފައިސާ ޗާޕުކުރުމުގެ ސަބަބުން އުފެދިފައިވާ ދަރަންޏެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ އަހަރު ރިޕޯޓުން އެނގޭ ގޮތުގައި އިގްތިސާދުގައި ދައުރުވި ފައިސާގެ މިންވަރު ވަނީ 21 އިންސައްތަ އިތުރުވެ، ގާތްގަނޑަކަށް 72 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
ބޭރު ފައިސާގެ ރިޒާވް ވަރުގަދަކޮށް، އެކްސްޗޭންޖް ރޭޓަށް އޮތް ބާރު ކުޑަކުރުމަށްޓަކައި ފާއިތުވި ދެ އަހަރު ތެރޭގައި މަނީ އެކްސްޗޭންޖް ގާނޫނަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުން ލިބޭ ޑޮލަރުގެ ވަކި މިންވަރެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރުން ހިމެނެއެވެ. މި ފިޔަވަޅުތަކާއެކު ރިޒާވަށް ވަންނަ ޑޮލަރު އިތުރުވެ، ސަރުކާރުން އަދާކުރަންޖެހޭ ސުކޫކުގެ ފައިސާ ވެސް ވަނީ ދައްކައި ނިންމައިފައެވެ.
އޯއެމްއޯ މެދުވެރިކޮށް ތިން ބިލިއަން ރުފިޔާ އެމްއެމްއޭއަށް ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ