އެޑިއުކޭޝަން މިނިސްޓްރީން މިފަހުން ޔުނީފޯމް ކޯޑަށް ބަދަލުގެނައީ އެކަމުގައި ރަނގަޅު މަޤްސަދެއް އޮވެގެނެއް ނޫންކަމަށް ކުރީގެ ހާރިޖީ ވަޒީރު އަދި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ދަރިވަރުންގެ ސްކޫލް ޔުނީފޯމާ ގުޅޭގޮތުން އެޑިއުކޭޝަނުން ގެނައި ބަދަލާ ގުޅިގެން ޝާހިދު ވިދާޅުވީ، ސަރުކާރުގެ ދޯހަޅި މި ސިޔާސަތުގެ ސަބަބުން ދިވެހި އާޢިލާތަކަށް މާލީގޮތުން ނިކަމެތިކަން ލިބިފައިވާ ވަގުތެއްގައި އިތުރުޚަރަދުތަކެއް ކޮށް ޔުނިފޯމު ބަދަލުކުރަން ޖެހޭގޮތަށް ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމާބެހޭ އުޞޫލު އެކުލަވާލަވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ޝާހިދު ވިދާޅުވީ ސަރުކާރުން ޔުނީފޯމް ކޯޑަށް މިބަދަލުގެނައުމުގައި ބެލެނިވެރިންގެ ޚިޔާލާ މަޝްވަރާ ފުޅާދާއިރާއެއްގައި ހޯދާފައިނުވާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން މިބަދަލާބެހޭ އެކަށީގެންވާ މަޢުލޫމާތު ރަސްމީޙައިސިއްޔަތުން ބެލެނިވެރިންނާ ޙިއްސާކުރަމުން ނުދާތީ ބެލެނިވެރިންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ މިކަމާގުޅިގެން މިނިސްޓްރިގެ އިސްފަރާތްތަކުން ދައްކަވާފައިވާ ވާހަކަތަކުގައި އޮޅުންއަރާގިނަ ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ މިކަމުގައި ސާފު މަޤުޞަދެއް އޮތްކަމަށް ޤަބޫލުކުރަން ދަތިކަމަށް ވިދާޅުވެފައެވެ. އެގޮތުން މިނިސްޓްރީން ނިންމާ މިފަދަ ކަންކަމުގެ މަޢުލޫމާތު ފޮރުވުމެއް ނެތި ޢާންމުކޮށް ހާމަކުރަމުން ގެންދިޔުމަށް އޭނާ ވަނީ ގޮވާލާފައެވެ.
ޔުނީފޯމް ކޯޑަށް ގެނައި ބަދަލާ އެންމެބޮޑަށް ފާޑުކިޔަމުންދަނީ އިދިކޮޅު ފަރާތްތަކުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުގެ އެންމެބޮޑު ކަންބޮޑުވުމަކީ، ގްރޭޑް 4 ކުން މަތީގެ އަންހެން ދަރިވަރުން ސްކާޓެއް ލާނަމަ ހަރުވާޅެއް ލުން ލާޒިމްކޮށްފައި އޮތްއޮތުމުންނެވެ.
މިކަމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ދަރިވަރުން ތިބެނީ އެކަށީގެންވާވަރަށް ނިވާވެގެންކަމަށާއި، ޔުނީފޯމް ފޮތިގަންނަން އިތުރަށް ހަރަދުކުރުމުގެ ބޭނުމެއްނެތްކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ. ރައީސް ނަޝީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރުވެސް ދަރިވަރުން އެ ތިބެނީ އެކަށީގެންވާވަރަށް ނިވާވެގެން ކަމަށާއި، ޔުނީފޯމް ބަދަލުކުރުމަކީ ހަރަދުބޮޑު ބޭކާރު ކަމެއްކަމަށެވެ.
އެގޮތުން ސްކޫލް ދަރިވަރުން ޔުނީފޯމް ހަރަދަށް ބެލެނިވެރިންގެ އަތުން 80 މިލިއަން ރުފިޔާ ފޮތިފިހާރައަށް ހޭދަކުރުމަކީ އެކަމުގައި އެއްވެސް މާނަހުރިކަމެއް ނޫންކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ޔުނީފޯމަށް ބަދަލު ގެނައީ އެކަމުގައި ރަނގަޅު މަޤްސަދެއް އޮވެގެނެއްނޫން: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ