ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން އާމިން އަށް ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން އާމިން އަށް

މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން، އާމިން އުމަރު މޫސާ ހޯދައިފި އެވެ. މިއީ، އާމިން މި މަގާމު ހޯދި ފުރަތަމަ ފަހަރެެވެ.
ތަފާތު ފޯމެއްގައި މި ސީޒަނުގައި ފެނުނު، ސީނިއާ މެންސް ޗެމްޕިއަންކަން ހޯދި އާމިން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ ގައުމީ ބޮޑީބޯޑިން ލީގުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ، 2022 ވަނަ އަހަރާއި 2023 ވަނަ އަހަރެވެ. މި ފަހަރުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ އިޔަން އަހުމަދު އެވެ.
އާމިން ވަނީ މި ފަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ ދެ މުބާރާތް ކަމަށްވާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖާއި ލަބެރާ ބޮޑީބޯޑިން ޗެލެންޖްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ ދެ މުބާރާތުގެ ވެސް ޗެމްޕިއަންކަން އާމިން އަށް ލިބުނީ ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު، އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ބަލިކޮށްފަ އެވެ.
ގައުމީ ބޮޑީބޯޑިން ލީގުގެ ސީނިއާ ޗެމްޕިއަން އާމިން އާއި ޖޫނިއާ ޗެމްޕިއަން އިޔަން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ފުރަތަަމަ ދެ މުބާރާތް ކާމިޔާބު ކުރެވުނު ނަމަވެސް، އާމިން އަށް ގައުމީ ބަނޑުފިލާ ޗެލެންޖުގައި ދަތުރުކުރެވުނީ ސެމީ ފައިނަލާ ހަމައަށެވެ. ސެމީ ފައިނަލުގައި އާމިން ވަނީ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އަޝްރަފް ހަސަން އަތުން ބަލިވެފަ އެވެ.
ގައުމީ ބޮޑީބޯޑިން ލީގު ޗެމްޕިއަންކަން އާމިން އަށް ލިބުނީ ކުޑަ އައްޔަ އަށް ވުރެން 20 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. މި ފަހަރުގެ ގައުމީ ލީގުގެ ތިން މުބާރާތުގެ ވެސް މެންސް އޯޕަން ބައިގެ ރަނަރަޕަށް ދިޔަ ކުޑަ އައްޔަ ވަނީ ގައުމީ ބަނޑުފިލާ ޗެލެންޖުގެ ވެސް ޑްރޮޕްނީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ޑްރޮޕްނީ ބައިގައި މި ފަހަރު ވެސް ކުޑަ އައްޔަ ވަނީ އާމިންގެ މައްޗަށް ކުރިހޯދައިފަ އެވެ. ޑްރޮޕްނީ ކެޓަގަރީ ކާމިޔާބުކުރި އައްޔަ އަކީ ރާއްޖޭގެ ޑްރޮޕްނީގައި އެންމެ މޮޅު އެތުލީޓެވެ. އޭނާ މިހާތަނަށް އަދި ޑްރޮޕްނީގެ ފައިނަލަކުން ބަލިވެފައި ނުވެ އެވެ.
ގައުމީ ބަނޑުފިލާ ޗެލެންޖުގެ މާސްޓާސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އިބްރާހިމް ޝިމަން އެވެ. ދެ ވަނަ އަށް އަބްދުﷲ ޖަމީލް ދިޔައިރު، ތިން ވަނަ ހޯދީ އަހުމަދު އަފްނާން އެވެ.
މި ފަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ފަހު މުބާރާްތް، ބަނޑުފިލާ ޗެލެންޖުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ހުރިހާ ފަރާތަކުން ފޮޓޯ އަކަށް ހުއްޓިލައިގެން.---- ފޮޓޯ: އަދަދު ސްޕޯޓްސް/ އިމޭޖަސް.އެމްވީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ