ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް އަވަހަށްފެށުމަށް ރައީސްގެ އަރިހުގައި ގާސިމް އެދިވަޑައިގެންފި

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލާގައި ރާއްޖޭގެ ކަނޑުން ގެއްލުނުބައި އަނބުރާ ހޯދަން ހަލުވި މަސައްކަތްތަކެއް ވިސްނުންތެރިކަމާއެކު ފައްޓަވައިދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި،  ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.
ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން 28 އޭޕްރީލް 2023 ވަނަ ދުވަހު ވަނީ ނިންމާފައެވެ.
އިޓްލޮސްގެ ނިންމުމާއި ގުޅިގެން 4687 އަކަ ކިލޯ މީޓަރުގެ ބޮޑުބައެއް ރާއްޖެއަށް ގެއްލުނުއިރު، ޤާސިމް ''އެކްސް''ގައި ރޭ ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވަނީ، އިނގިރޭސި ދައުލަތުން ޗާގޯސް އެކިޕެލާގޯ، މޮރިޝަސް އާއި ހަވާލު ކުރުމަށް ކުރިން ނިންމި ނިންމުން ބަދަލު ކުރިކަން އެ ޤައުމުގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ މި ދަނޑިވަޅުގައި، އިޓްލޮސް ގެ ނިންމުމާއި އެކު ރާއްޖެއާއި ޗާގޯސްގެ މައްސަލައިގައި ދިވެހީންނަށް ގެއްލިފައިވާ ސަރަހައްދު ހޯއްދަވައިދެއްވުމަށް ވިސްނުންތެރިކަމާއެކު ވީހާވެސް ހަލުވިކޮށް މަސައްކަތްޕުޅު ފައްޓަވައިދެއްވުން އެދި ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަރިހުގައި ނުހަނު އިޙްތިރާމާއި އެކު ދަންނަވާ ކަމަށެވެ.
''ޚާއްޞަކޮށް ރައީސް ޑރ. މުޢިއްޒުވަނީ އެމަނިކުފާނުގެ ކެންޕޭނުގައި، ވެރިކަމަށް ވަޑައިގެންފިނަމަ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފަށް ވައްދާނެކަމަށްވެސް ވަޢުދުވެވަޑައިގެންފައެވެ.'' ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ، މިމައްސަލަ އަކީ އޭނާ ވެސް ފާއިތުވި ރިޔާސީ އިންތިޚާބުގައި ހައްލުހޯދުމުގެ ޢަޒުމުގައި ނުހަނު ބޮޑަށް ވަކާލާތު ކުރި ޤައުމީ މައްސަލައެއްކަމުގައިވާތީއާއި، އިނގިރޭސި ދައުލަތުން ފަހުން ނިންމާފައިމިވާ ނިންމުމުގެ ސަބަބުން ދިވެހީން ޒަމާނުއްސުރެ މަސްވެރިކަންކުރަމުންއައި ކަނޑުގެ ސަރަޙައްދު އަލުން ދިވެހީންނަށް ފުރިހަމައަށް ލިބުމުގެ ފުރުޞަތު ބޮޑުވެފައިވާތީ، އިނގިރޭސި ދައުލަތާއިއެކު އަވަސް މަޝްވަރާތަކެއް ފައްޓަވާ ޒަމާނުއްސުރެ ދިވެހީން ގެންގުޅެމުން އައި ސްޓޭންޑް ދަމަހައްޓަވާ މި ކަމުގައި ދިވެހީންނަށް ކާމިޔާބު ހޯއްދަވައިދެއްވުމަށް ރައީސް މުޢިއްޒު މަސައްކަތްޕުޅު ކުރައްވާނޭކަމަށް ޔަޤީންކުރައްވާ ކަމަށެވެ.
''މި މަސައްކަތުގައި މަނިކުފާނަށް ދެއްވެން އޮތް ކޮންމެ އެހީތެރިކަމަކާއި އެއްބާރުލުމެއް ދިނުމަށް އަޅުގަނޑާއި އަޅުގަނޑުގެ ޕާޓީން ތައްޔާރަށް އޮތްވާހަކަވެސް ދަންނަވަމެވެ.'' ޤާސިމް ވިދާޅުވިއެވެ.
އިޓްލޮސް އިން ރާއްޖެ-ޗީގޯސް މައްސަލަ ނިންމަން އޮތް ދުވަހު ޤާސިމް ވަނީ، އެ މައްސަލައިގައި ރާއްޖޭގެ އޭރުގެ ސަރުކާރުން ޢަމަލު ކުރި ގޮތާ މެދު ގާނޫނީ ހައިސިއްޔަތެއް ނެތްކަމަށާއި، އަދި އެފަދަ ނިންމުމެއް ނިންމޭނީ ރައްޔިތުންގެ މަޖިލީހުން ވެސް ފާސްކޮށްގެން ކަމަށް ވިދާޅުވެ، އަދި ސަރުކާރުގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ ދިރުންތަކަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށާއި، އަދި އިޓްލޮސްއިން އެ މައްސަލައިގައި ގޮތެއް ނިންމުން ފަސްކުރުމަށް އެދި ސިޓީ އެއް ފޮނުއްވާފައެވެ.
މީގެ އިތުރުން ރާއްޖޭގެ ސަރަޙަައްދުން އެންމެ ކޮޑި އިންޗިއެއްވެސް ދިވެހީންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ތާއީދު ނުކުރަށްވާނެކަމަށް ޤާސިމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ