ހަވީރު މުވައްޒަފުންގެ މައްސަލަ ހައިކޯޓުން ބާތިލު ކުރުމުން އަނެއްކާވެސް ހުށަހަޅައިފި
        ހަވީރުގައި މަސައްކަތް ކުރި ބައެއް މުވައްޒަފުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ މުވައްޒަފުން ހާޒިރު ނުވެގެން ކޯޓުން ބާތިލު ކުރުމުން އަނެއްކާވެސް އެ މައްސަލަ އިސްތިއުނާފު ކޮށްފި އެވެ.  ހަވީރުގެ ހަ މުވައްޒަފަކު ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކޮށްފައި ވަނީ ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހިގެން ހުއްޓާލާފައިވާ ހަވީރު ނޫހުގެ މުވައްޒަފުން ދެ އަހަރުވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށާއި ކުރާ ނަމަ ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީގެ މައްޗަށް އަންގައި ސިވިލް ކޯޓުން ހުކުމް ކުރުމުންނެވެ.  އެމައްސަލައިގެ ފަހު އަޑުއެހުމަށް މުވައްޒަފުންގެ ފަރާތުން ހާޒިރު ނުވުމުން ހައިކޯޓުން އެމައްސަލަ ބާތިލުކޮށް އެކަން އެންގީ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހު އެވެ.  އެމައްސަލަ އަލުން ހައިކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައިގަނެ މިދިއަ މަހުގެ 16 ވަނަ ދުވަހު ވަނީ ހައިކޯޓުގައި ރެޖިސްޓްރީ ކޮށްފަ އެވެ.  އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ 'މިހާރު' ނޫހުގެ އެޑިޓަރު ބ. އޭދަފުށި، މަތިހާ، އިސްމާއިލް ނަސީރާއި މިހާރު ނޫހުގެ ސީއީއޯ ހުޅުމާލެ ފްލެޓް ނޭމް 05-9ރ، ރިފްއަތު މުހައްމަދާއި މިހާރު ނޫހުގެ އެސިސްޓެންޓް އެޑިޓަރު ސ. ހިތަދޫ، އަބްހަރީގެ އަހުމަދު ހަމްދޫނާއި މިހާރު ނޫހުގެ އެސިސްޓެމްޓް އެޑިޓަރު ހއ. އުލިގަމް، މާޒް ނިއުމަތުﷲ އިދްރީސްގެ އިތުރުން މިހާރު ނޫހުގެ ޖެނެރަލް މެނޭޖަރު ބ. ކެންދޫ، ޖަވާހިރުވާދީ އަބްދުއްރަޝީދު ހުސައިންނެވެ. އޭގެ އިތުރުން ހަވީރު ނޫހުގެ އެޑިޓަރު މ. ހުސްނޫ، މޫސާ ލަތީފު ވެސް ވަނީ މައްސަލަ އިސްތިއުނާފުކޮށްފަ އެވެ.  ހަވީރުގެ ކުރީގެ މުވައްޒަފުންނަށް އެހެން މީޑިއާއެއްގައި ދެ އަހަރު ވަންދެން މަސައްކަތް ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ، މީޑިއާއަކީ މުވައްޒަފުންނާ ގުޅުން ހުރި ތަނަކަށްވެފައި، ހަވީރަށް ގެއްލުން ދިނުމުގެ ގޮތުން އެއްފަހަރާ މުވައްޒަފުން ކެނޑިގެން ދިއުމުން ތަނަށް ގެއްލުންތަކެއް ކުރިމަތިވާނެތީ ކަމަށް ބުނެ އެވެ.  އެ މައްސަލަ މުވައްޒަފުންގެ އިތުރުން ދައުލަތުގެ ފަރާތުން ވެސް ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފަ އެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ