ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، ފަޟީހަތްކޮށް ނުހެދުމަށް ގޮވާލައްވައިފި

މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، ފަޟީހަތްކޮށް ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.އެ މަނިކުފާނު އެހެން މި ވިދާޅުވީ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ކާރުގައި، އަމިއްލަ މީހެއްގެ ޕިކަޕަކުން ޖެހުމުން، އެ މައްސަލައިގެ ތެރެއަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު ހުސެއިން އިމްރާން ލަތީފު ވަދެވަޑައިގެން ވީޑިއޯކޮށް ދެއްކެވި ވާހަކަތަކެއް ފެންމަތިވެފައި އޮއްވަ އެވެ.އެކަމުގެ ތެރެއަށް ޕީއެންސީގެ އިމްރާން ވަދެވަޑައިގެން، ޕިކަޕު ޑްރައިވަރަށް މައާފުކޮށްދިނުމަށް މިނިސްޓަރު އިމްރާންގެ ކިބައިން އެދިވަޑައިގަންނަވާ ވީޑިއޯއެއް ވަނީ ދައުރުވެފަ އެވެ. އެއާއެކު، އިންތިހާބީ މެމްބަރަށް ގިނަ ބަޔަކު ފާޑުކިޔަމުން ދެ އެވެ.ރައީސް ވިދާޅުވި ގޮތުގައި މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި، އެއްވެސް މަގުސަދެއްގައި ވީޑިއޯކޮށް އާއްމުންގެ ތެރޭގައި ފަޟީހަތްކުރުމަކީ އަހުލާގީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބަލާއިރު އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަންކަމެއް ނޫން ކަމަށެވެ.ކުށެއް ކޮށްފި ނަމަ އެ މީހަކާ މެދު އަމަލުކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ."އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ގާނޫނީ ނިޒާމު ގާއިމް ވެފައިވޭ. ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖުތަމައުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށް ވެސް އެޅޭ ހުރަހަކަށް ނޫނީ ނުވޭ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމައެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ."އެތައް ހާސް ބަޔަކު އެ ވީޑިއޯ ބަލާފައިވާއިރު އޭގެ ސަބަބުން އިމްރާންއަށް ވަރަށް ބޮޑަށް މީހުން ގެންދަނީ ފާޑުކިޔަމުންނެވެ. ބައެއް މީހުން އިންމުއަށް ވެސް ފާޑުކިޔާފައިވެ އެވެ.އޭފެ ފަހުން އަދާލަތު ޕާޓީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އިންމުއަށް ފާޑުކިޔައި އޭނާ ދޮގު ހެއްދެވި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ޕިކަޕު ޑްރައިވަރަށް ނިސްބަތްކޮށް "ނިކަމެތި ބަސް" އިންމު ވިދާޅުވެފައިވާ ކަމަށް ވެސް އަދާލަތު ޕާޓީން ބުންޏެވެ.އޭގެ އިތުރުން، އިންމު، އިމްރާނަށް ފުރައްސާރަކޮށް، އެ އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓު ކުރުމުގެ ޒިންމާއަށް އިންމު ހުރަސް އެޅުއްވި ކަމަށް ވެސް އަދާލަތު ތުހުމަތު ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ