މަޖިލީހުގެ މައިނޯރިޓީއަށް އިހްތިރާމް ކުރާނަން - ސަލީމް

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުނު ޕީއެންސީން އެއްވެސް ބަޔަކަށް ބިރު ނުދައްކާނެ ކަމަށާއި އަދި މަސައްކަތް ކުރާނީ މައިނޯރިޓީއަށް އިހުތިރާމު ކޮށްގެން ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ކޮންމެ ސަރުކާރެއްވެސް ވިސްނަންޖެހޭނީ ރައްޔިތުންނާމެދު ކަމަށާއި ރައްޔިތުން ދަތިހާލަތްތަކުން ސަލާމަތްކުރުމަށް ވިސްނަންޖެހޭކަމަށެވެ. އެހެންނަމަވެސް ވޭތުވެދިޔަތަނުގައި ފެނުނީ ކޮންމެ ސަރުކާރެއްވެސް އައުމަށްފަހު އެސަރުކާރުގެ ކަންކަން ގޯހުން ގޯހަށް ދިއުން ކަމަށާއި އަދި މަޖިލީހަށް އަންނަ މެންބަރުންވެސް ނާޖައިޒު ފައިދާ ނެގުމަށް މަސައްކަތް ކުރިކަމަށެވެ. އަދި މިކަންކަމުގެ ސަބަަބުން ރައްޔިތުން އިތުރަށް ނިކަމެތިވަމުން ދިޔަ ކަމަށް ސަލީމް ވިދާޅުވިއެވެ.
މިހާރު އޮތް ރައްޔިތުންގެ މަޖިލީހަށް އަލިއަޅުވާލާ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އާރާއި ބާރާއި ނުފޫޒަކީ އެއްބައެއްގެ އަތުގައި އަބަދު އޮންނާނެ އެއްޗެއް ނޫންކަމަށެވެ. ސަލީމް ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ މަދު މެންބަރުން މަޖިލީހުގައި ތިބިއިރު އެ މެންބަރުންނަށް ރަނގަޅަށް ވާހަކަ ދައްކާލާނެ ފުރުސަތުވެސް އެމްޑީޕީ މެޖޯރިޓީ މެންބަރުން ނުދިން ކަމަށެވެ.
ސަލީމް ވިދާޅުވީ ޕީއެންސީގެ ސުޕަމެޖޯރިޓީގައި އެއްވެސް ބަޔަކަށް ބިރު ނުދައްކާނެ ކަމަށާއި އަދި މަސައްކަތް ކުރާނީ މައިނޯރިޓީއަށް އިހުތިރާމު ކޮށްގެން ކަމަށެވެ.
"އަޅުގަނޑުމެންގެ މެޖޯރިޓީގައި އެއްވެސް ބަޔަކަށް ނިކަމެތިކަމެއް ދީގެން ނަފުސާނީގޮތުން ބަލި ކުރާކަން މަސައްކަތެއް ނުކުރާނަން. މައިނޯރިޓީއަށް އިހުތިރާމު ކޮށްގެން، އެމީހުންވެސް ހިތްހަމަޖައްސައިގެން ދުޅަހެޔޮ ސިއްހަތެއްގައި މި އިއްޒަތްތެރި މަޖިލީހުގައި ތިބުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން." ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އާ ސަރުކާރު އައުމުންވެސް މިހާރުގެ މަޖިލީހުން ފެނުނީ ބިރުދައްކާ އާރާއި ބާރު ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮޑަށް ދަތިކުރިތަން ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ޕާޓީ، ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ޕީއެންސީން ވަނީ 93 ގޮނޑީގެ ތެރެއިން 66 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ. މިނިވަން 11 ބޭފުޅަކު ގޮނޑި ކާމިޔާބު ކުރެއްވިއިރު، އެމްޑީއޭ 2 އަދި އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީން އަށް އެއް ގޮނޑި ކާމިޔާބުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ