މިހާރު މާލޭ ސިޓީގައި ކުރިއަށްދާ ގޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި އައްޑޫ ސިޓީ އާއި ރ.އަލިފުށި ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ އައްޑޫ ސިޓީ އިން ކަށަވަރުކޮށްފިއެވެ.
އަލިފުށި މުބާރާތުގެ ސެމީ ފައިނަލުން ޖާގަހޯދި، ކުއާޓާ ފައިނަލްގެ ތިންވަނަ މެޗުގައި ފުވައްމުލައް ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
އައްޑޫ ސިޓީ ސެމީ ފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލްގެ ހަތަރުވަނަ މެޗުގައި ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކ.މާފުށި ބަލިކުރުމަށް ފަހު އެވެ.
Advertisement
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅި ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އައްޑޫ ސިޓީ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓިގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.
މިއީ އެޓީމަށް ލިބުނު ކޯނަރެއަގައި މިޑްފީލްޑަރު އިސްމާއިލް އީސާ ގޯލި ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލިގެތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އައްޑޫ ސިޓީ އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 68 ވަނަ މިނެޓްގައި ކާމިޔާބުކޮއްދިނީ އިބްރާހިމް މަހުދީ އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅި ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން އައްޑޫ ސިޓީ ކުރީގައި އޮވެގެންނެވެ.
މިމުބާރާތުގައި މިއަހަރު ޖުމްލަ 17 ޓީމަކުން ވާދަކުރިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ގުރޫޕް ސްޓޭޖުގެ މެޗުތައް ދެބުރަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕް ސްޓޭޖު ފުރަތަމަ ބުރުގައި ބައިވެރިވި 17 ޓީމު ހަތަރު ގުރޫޕްކަށް ބަހާލައިގެން ކުރިއަށް ގެންދިޔައިރު، ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ތިން ޓީމު މުބާރާތުގެ ގުރޫޕް ސްޓޭޖު ދެވަނަ ބުރަށް ވަނީ ކޮލިފައިވެފައެވެ...
މީގެ އިތުރުން ގުރޫޕް ސްޓޭޖު ދެވަނަ ބުރު ކުރިއަށް ގެންގޮސްފައިވަނީ ކޮލިފައިވި 12 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ.
އަލިފުށި ކަޓުވާލުމަށްފަހު ފައިނަލްގެ ދެވަނަ ޖާގަ އައްޑޫ ސިޓީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ