ނޭނގި ޔާރު ވަކިވީ – އެޕިސޯޑް 82

"އަހަރެން އަޔާޒް ދެކެ ލޯތްބެއް ނުވޭ! އަހަރެންނަށް ދުވަހަކު ވެސް އަޔާޒް ދެކެ ލޯތްބެއް ނުވެވޭނެ.. ދުވަހަކު ވެސް ނުވެވޭނެ.. ވާކަށް ބޭނުމެއް ވެސް ނޫން.." ސުހާގެ ދެލޮލުން އޭރުވެސް ކަރުނަ ހުސްނުވެއެވެ.
"އަހަރެން އަޔާޒް ދެކެ ލޯތްބެއް ނުވޭ! އަހަރެންނަށް ދުވަހަކު ވެސް އަޔާޒް ދެކެ ލޯތްބެއް ނުވެވޭނެ.. ދުވަހަކު ވެސް ނުވެވޭނެ.. ވާކަށް ބޭނުމެއް ވެސް ނޫން.." ސުހާގެ ދެލޮލުން އޭރުވެސް ކަރުނަ ހުސްނުވެއެވެ. އަޔާޒް ބަލަހައްޓައިގެން އިނީ ސީދާ ސުހާގެ މޫނަށެވެ. ސުހާއަށް ކޮށްފައިވާ އަސަރު ކިތަންމެހާ ވެސް ރަނގަޅަށް އަޔާޒަށް އެބަ އިޙްސާސް ވެއެވެ. އެހެންވެ ސުހާ ދެރަ ވާނެ ވަރުގެ އެއްވެސް އެއްޗެއް ނުބުނަން ވެގެން އަޔާޒް ހަމަހިމޭން ވީއެވެ. އަޔާޒަށް ނޭނގި ބުނެވި ދާނެ އެއްޗަކުން ވެސް ސުހާ ހިތްހަމަ ނުޖެހި، ދެރަ ވެދާނެތީއެވެ. "އަހަރެން ބޭނުން ވަނީ އެކަނިވެލަން.. އަހަރެން ބޭނުން ވަނީ އެއްވެސް މީހެއްގެ އުނދަގޫ ނުޖެހޭނެ ފަދަ ހިސާބަކަށް ދާން.. އެކަނިވެލަން ބޭނުން ވަނީ.." ސުހާ ރޮމުން ވާހަކަދައްކަމުން ދިޔައެވެ. "އެއީ ކީއްވެ؟ ސުހާއަށް ކާކު އުނދަގޫ ކުރަނީ؟" އަޔާޒް މަޑުމަޑުން ސުހާގެ އަތުގައި ހިފާލިއެވެ. "އަޔާޒް.. ޕްލީޒް.. އަހަރެންގެ ގައިގަ އަތް ނުލާ ވާހަކަދައްކަބަލަ! ހެޔޮނުވާނެ! އަހަރެން ބުނެފިން ދޯ؟ އަހަރެން ބޭނުމެއް ނެތޭ! އަޔާޒް އަހަރެން ބުނާ ކަމެއް ކުރާނަންތަ؟ އެކަމުން އަހަންނަށް އުފާ ލިބެންޏާ؟ އިނގޭ ނުކުރާނެކަން ވެސް.. އެއްބަސް ނުވާނެ ކަން ވެސް" ސުހާ ބަލައިލީ އަޔާޒްގެ މޫނަށެވެ. "ނޫން ކުރާނަން! ބުނެބަލަ!" އަޔާޒް ފުން ނޭވާއެއް ލަމުން ބުނެލިއެވެ. "އަހަރެން ދޫކޮށްލާ! ހަމަ އެންމެ ހަފްތާ އަކަށް.. އަހަރެން ބޭނުން ވަނީ ހަފްތާ އަކަށް އެކަނިވެލަން.. ހަމައެކަނި ހަފްތާ އަކަށް.. އަހަރެން އުޅޭނީ އެކަނި ތަނެއްގަ... އެއްވެސް މީހެއްގެ ހިލަމެއް، ޚަބަރެއް ނުވާ ހިސާބެއްގަ.. އަހަރެން އެކަނި.. އަހަރެން އޯކޭ ވެގެން އަންނާނަން.. އެހެން ނޫނީ އަހަރެން ވާނީ މޮޔަ.." ސުހާ ވާހަކަދެއްކީ އަޔާޒްގެ މޫނަށް ބަލަހައްޓައިގެން އިނދެއެވެ. "ތިހެން ކިހިނެއް އެކަނި ދޫކޮށްލާނީ؟ ސުހާ އަނެއްކޮޅުން ޕްރެގް އިރު.." އަޔާޒް މަޑުމަޑުން ބުނެލިއެވެ. "އެހެންވީމަ މިބުނީ.. އަހަރެން ރަނގަޅު ވާކަށް އަޔާޒް ބޭނުމެއް ނުވާނޭ! އަޔާޒް ބޭނުން ވާނީ އަހަރެން މި ގޮތަށް ބޯ ގޮވައިގެން މަރުވިއްޔާ.." ސުހާ އޭނާގެ ބޮލުގައި ދެއަތް ޖައްސާލަމުން ބުނެލިއެވެ. އަޔާޒް ފުންކޮށް ނޭވާއެއް ލިއެވެ. "އޯކޭ! އެންމެ ރަނގަޅު ދިޔަޔަސް... އަހަރެން ސުހާ އުޅޭ ތަނެއް ނުބަލާނަން.. ސުހާއަށް ގުޅާ އުނދަގޫ ވެސް ނުކުރާނަން.. އެކަމު އަހަރެންގެ ޝަރުތެއް އެބަ އޮތް!" އަޔާޒް އެއްބަސް ވުމުން ސުހާއަށް ހައިރާން ކަމެއް ލިބިގެން ދިޔައެވެ. "ކޮންކަމެއް؟" ސުހާ އަވަހަށް އަހާލިއެވެ. "ދުވާލަކު އެއް ފަހަރު ސުހާ ވާނެ އަހަންނަށް ގުޅަން.. އެންމެ މިނެޓަކަށް ވިޔަސް އޯކޭ.. އަހަރެންނެއް ނުގުޅާނަން.. އެކަމު ސުހާ ވާނެ ގުޅަން.." އަޔާޒްގެ ޝަރުތައް ސުހާ އެއްބަސް ވިއެވެ. މުޅިން އައު ދުވަހަކަށް ދުނިޔެއަށް އިރު މަރުޙަބާ ކިޔައިފިއެވެ. ހެނދުނު ހެނދުނާ ސުހާ ގެއިން ނުކުތެވެ. ސުހާއަށް ހަފްތާއަކަށް އެކަނި އުޅެވޭ ވަރަށް، މަދު ނުވާނެހާ ފައިސާ އަޔާޒް ދިނެވެ. ގޭގެ ތިރިއާ ހަމައަށް ސުހާއާ އެކުގައި އަޔާޒް ފޭބިއެވެ. އަދި ޓެކްސީއަކަށް ޖަހައިގެން، ޓެކްސީއެއް އަންނަން ދެން ސުހާގެ ގާތުގައި އަޔާޒް މަޑު ކުރިއެވެ.***"ސާބަސް ދަރިފުޅާ! ސާބަސް ހަމަ.." ސިޓިންގރޫމްގެ ދެކޮޅަށް ހިނގަމުން ޒީމާ ވާހަކަދައްކަމުން ދިޔައެވެ. "ސުހާގެ ގާތް ރައްޓެއްސެކޭ؟ ކޮން ރައްޓެއްސެއް.. ސުހާގެ ތިބުނާ ގާތް މީހެއް ހުންނަ ކަމެއް މަންމަމެން އަކަށް ނޭނގެ.. ހަމަ ހުރެފަ ސުހާގެ ގާތް ރައްޓެއްސަކާ އެކުގަ ސުހާ ބޭރަށް ފުރީމަ ކިހިނެއް މަންމަ އެކަން ޤަބޫލު ކުރާނީ؟ މަންމަ ހަމަ ހައިރާން ވެއްޖެ! ދަރިފުޅު ސުހާ ފޮނުވީމަ.. އަޅެ ދަރިފުޅުގެ އަންހެނުން ދޯ އެއީ؟ އަނެއްކޮޅުން މާބަނޑު އަންހެނެއް.. ބޮޑު ހިތާމައެއްގަ އުޅެނީ.. އިއްޔަ އޭނާގެ މަންމަ މަރުވީ.. މަންމަ ވެސް މިއުޅެނީ އެ ހިތާމަގަ އަދި. އަނެއްކާ ސުހާ.." ޒީމާ ސޯފާގައި އިށީންދެ މޫނުގަ އަތް އަޅާލަމުން ރޯން ފެށިއެވެ. "މަންމާ... ޕްލީޒް.. މީ އަހަރެން ވަރަށް ވިސްނާފަ ކުރި ކަމެކޭ.. ސުހާ ބޭނުން ވާނެ މި ދަނޑިވަޅުގަ ހަމަޖެހެލަން.. ސުހާ އަހަރެން ގާތު އޭނަ ފޮނުވަން ބުނާނީ އޭނާ ދާން ބޭނުން ވެގެން މަންމާ.. ސުހާގެ ސިކުނޑިއަށް އެކަމުން ލުޔެއް ލިބޭނެތީ އޭ މަންމާ.. ސުހާއަށް ދީ ހަފްތާއެއް.. ސުހާ އެނބުރި އަންނާނެ.. މަންމަ ވެސް މާ ބޮޑަށް ނުވިސްނާ.." ޒީމާގެ ބޮލުގައި މަޑުމަޑުން އަޔާޒް ފިރުމަމުން ދިޔައެވެ. "ސުހާ ހިތްވަރު ކުރާނެ.. ސުހާ ފޮނުވަން އަހަރެންނަށް ވެސް ފުރަތަމަ އުނދަގޫވި.. އެކަމު ސުހާ އެ ދިޔައީ އަހަރެން ވެސް ވަރަށް އިތުބާރު ކުރާ ރައްޓެއްސަކާ އެކު ރަޝިޔާއަށް.. ހަފްތާއެއް ތެރޭގަ އަންނާނެ.." އަޔާޒްގެ ވާހަކަތައް އަޑު އަހަން ހުރި ވާރިޝްގެ ސިކުނޑިއަށް އެތައް ސުވާލު ތަކެއް ޖަމާވަމުން ދިޔައެވެ. މިކަމުގައި އަޔާޒް ކޮންމެވެސް ކަމެއް ސިއްރު ކުރާކަން ވާރިޝްއަށް ޔަޤީން ވިއެވެ. އަޔާޒް ދެއްކި ވާހަކަތައް އެއްވެސް ވަރަކަށް ޤަބޫލު ކުރާކަށް ޒީމާއަކަށް ފަސޭހައެއް ނުވިއެވެ. ނަމަވެސް އެންމެ ފަހުން އަޔާޒް ބުނީތީ ހަފްތާއެއް ކެތްކޮށްލަން ނިންމީއެވެ. ނަމަވެސް ހިތާ ދެކޮޅަށެވެ.ޒީމާ އަސްލުގަ ހީކުރަނީ އަޔާޒް ސުހާއާ ދޭތެރޭ ނުރަނގަޅު ކަމެއް ކޮށްގެން ސުހާ ގެއިން ނުކުތީ ކަމަށެވެ. ނަމަވެސް އެގޮތަށް ބުނަން ޒީމާއަށް ނުކުރެނީއެވެ. ފަސްޖެހެނީއެވެ. ހަވީރުގެ ހިތްގައިމު ވަގުތެވެ. ފެންވަރަން އީމާ ފާޚާނާގަ ހުއްޓާ، ވާރިޝްގެ ފޯނު ރިންގުވާ ފެށިއެވެ. އެނދުގައި އޮތް ވާރިޝް، ވަގުތުކޮޅަކު އެ ނަންބަރަށް ބަލަން އޮތުމަށްފަހު، ފޯނު ނެގިއެވެ. އެކޮޅުން ހަލޯ ބުނުމާ އެކުގައި ވާރިޝް ފުންމައިގެން އެނދުން ތެދުވިއެވެ. އަދި ވަރަށް އަވަސްކޮށް ގެއިން ވެސް ނުކުތެވެ. "ހަލޯ.. ސުހާ.. ކިހިނެއްވީ؟ ކޮންތާކު ތިއުޅެނީ؟" ވާރިޝް ހާސްވެ ހުރެ އަހައިލިއެވެ. "އާދޭ! ޕްލީޒް.." ސުހާ ޖަވާބުގައި ބުނެލީ ވާރިޝްގެ ގާތުގައި އައިސް ދިނުމަށެވެ. އަދި އަންނަންވީ އެޑްރެސް ސުހާ ބުނެލިއެވެ. ވާރިޝް "އާނ މިދަނީއޭ ބުނެ" ފޯނު ބޭއްވިއެވެ. ސުހާ މިހާރު ދިރިއުޅެމުންދާ ހުޅުމާލޭގެ ހޮޓަލް ކުރިމަތީގައި ވާރިޝް އޭނާގެ ސައިކަލް ޕާކް ކޮށްލިއެވެ. އަދި ސުހާ ބުނި ފްލޯއަށް އަރާ، 689ނަންބަރު ރޫމްގެ ދޮރު ކުރިމަތީގައި ހުއްޓުނެވެ. "މިހުރީ ކޮޓަރީގެ ދޮރު ކުރިމަތީގަ.." ވާރިޝް މެސެޖު ލިޔެ ސުހާއަށް ފޮނުވާލިތާ 30 ސިކުންތު ނުވެ، ކޮޓަރީގެ ދޮރު އެއްކޮށް ސުހާ ހުޅުވާލިއެވެ. ފެނުން މަންޒަރުން ވާރިޝްއަށް ވީގޮތް ވެސް ނޭނގުނެވެ. އެއްވެސް ފޭރާމެއް ނެތް ޙާލެއްގައި ދޮރު ކުރިމަތީގައި ހުރީ ސުހާއެވެ. ސުހާ ހުރީ އެއް އަތް މައްޗަށް ނަގައިގެން ދޮރުގައި އަތް ޖައްސާލައިގެންނެވެ. ސުހާގެ ހުރީ ވަރަށް ރީތިވެލައިގެންނެވެ. ރަނގަޅަށް މޭކަޕްކޮށްލާ، ލިޕްސްޓިކް ޖައްސާލައިގެންނެވެ. އަދި ސުހާގެ ގަޔަށް ޖަހާފައިވާ ސެންޓުގެ ވަސްގަނޑު ވާރިޝްގެ ނޭފަތުގެ އެންމެ އެތެރެއާ ހިސާބަށް ފޯރިއެވެ. ވާރިޝް ވަރަށް އަވަސްކޮށް ދެކޮޅު ބަލާލަމުން ކޮޓަރި ތެރެއަށް ޖެހިގަތެވެ. އަދި ސުހާގެ ގައިގައި ބައްދާލަމުން ވަރަށް އަވަސްކޮށް ވާރިޝް ދޮރު ތަޅުލިއެވެ. ***"ތި ގުޅުއްވި ފޯނު މިވަގުތު ވަނީ ނިއްވާލާފަ.." އީމާގެ ކަންފަތާ ފޯނު ދުރުކޮށްލަމުން އަނެއްކާ ވެސް އީމާ މަސައްކަތް ކޮށްލީ ވާރިޝްއާ ގުޅޭތޯއެވެ. ނަމަވެސް އެކަމެއް ހާސިލެއް ނުވިއެވެ. އީމާ ސިޓިންގރޫމަށް ނުކުތް އިރު ސޯފާގައި އަޔާޒް އިނެވެ. އީމާ ގޮސް އިށީންނީ އަޔާޒްއާ ޖެހިގެންނެވެ. "ކިހިނެއްވީ އީމާ؟ ކަމަކާ ހާސްވެފަތަ؟" އީމާގެ މޫނަށް ނަޒަރު ހިންގާލަމުން އަޔާޒް އަހައިލިއެވެ. އީމާ ބަލައިލީ އަޔާޒްގެ މޫނަށެވެ. "ނޫން.. ކަމެއް ނުވޭ! އެކަމު..." އީމާ ދޫ ބަންދުކޮށްލިއެވެ. "އެކަމު ކީއްވީ؟" އަޔާޒް އޭނާގެ ސަމާލުކަން އެއްކޮށް އީމާއަށް ދެމުން އަހައިލިއެވެ. "މިއުޅެނީ ވާރިޝް ފޯނު ނުނަގައިގެން.. ހަވީރު ދިޔަ ގޮތަށް.. މިހާރު ރޭގަނޑު 11 ޖަހަނީ.. ފޯނު ވެސް އޮތީ ނިއްވާލާފަ.. އަހަރެން ގުޅައިފިން ވާރިޝް އޮފީހަށް ވެސް. އެތަނުން ވެސް ބުނީ އޮފީހުގަ ނެތޭ.. އަހަރެން އަސްލު ވަރަށް ނުކުރާ ކަމެއް މިކުރީ.. ވާރިޝް އޮފީހަށް ގުޅުން.. ވާރިޝް ވެސް ބުނެފަ އޮތީ އޮފީހަށް ނުގުޅަން.. އެކަމު... މިއަދު މިވީހާ ލަހެއް ދުވަހަކު ވެސް ނުވޭ.. މިގޮތަށް ފޯނަށް ޖަވާބު ނުދީ.." އީމާގެ ވާހަކަތަކުން އޭނާ ވަރަށް ބޮޑަށް އެކަމާ ވިސްނާކަން އަޔާޒަށް އެނގުނެވެ. "ތިވަރަށް ނުވިސްނާ! ތި ވާނީ ކަމެއްގަ ބިޒީވީ ކަމަށް.." އަޔާޒް މަޑުމަޑުން އީމާގެ އަތުގައި ހިފާލިއެވެ. "ދޭ ގޮސް ނިދާލަން އިނގޭ! ދޮންބެ ވެސް ގުޅާލާނަން ވާރިޝްއާ.. އީމާ ކޮއްކޮ ދޭ ނިދާލަން.." އަޔާޒްގެ ބުނުމަށް އީމާ ވަނީ ކޮޓަރިއަށެވެ. ***ގަޑިން ދަންވަރު 2 ޖަހަން ގާތްވެއްޖެއެވެ. އަދިވެސް އަޔާޒް އިނީ ސިޓިންގރޫމްގައެވެ. ވާރިޝް އަންނަން ދެން މަޑުކޮށްލަން ބޭނުން ވާތީއެވެ. މިހާރު އަޔާޒަށް ވެސް ދެތިން ފަހަރު ވާރިޝްއަށް ގުޅިއްޖެއެވެ. ނަމަވެސް ފޯނު އޮންނަނީ ނިއްވާލާފައެވެ. ކުއްލިއަކަށް ރިންގުވާ ފެށީ އަޔާޒްގެ ފޯނެވެ. ގުޅަމުން ދިޔައީ ނުދަންނަ ނަމްބަރަކުންނެވެ. "ހަލޯ.." އަޔާޒް ހައިރާންވެ ހުރެ ބުނެލިއެވެ. "ހަ.. ހަލޯ.. އަޔާޒް.." ސުހާ ގެ އަޑުގައި ވަނީ ވަރުބަލި ކަމެވެ. "ސުހާ.. އަހަރެން މީނީ ސުހާ ގުޅާތޯ! ތީ ދޯ ބޭނުން ކުރާ ނަންބަރަކީ؟" އަޔާޒް އަހައިލިއެވެ. "އާނ.. ރާއްޖެއިން ބޭރުގަ އުޅޭ އިރު.. އެހެން ނަންބަރެއްނު.. ބޭނުން ކުރަން ޖެހޭނީ.." ސަމާސާ ފާޑަކަށް ސުހާ ވާހަކަދެއްކި އިރު އޭނާގެ އަޑުގައި ވަނީ ވަރުބަލި ކަމެވެ. ބައެއް ބަސްތައް އަޔާޒަށް އިވުނީ ބުރި ބުރި ވަމުންނެވެ. "ސުހާ.. ކީއްކޮށްލަނީ؟ ވަރުބަލިވެފަތަ؟" އަޔާޒް ހައިރާން ކަމާއެކުގައި އަހާލިއެވެ. "އާ.. އާނ.." ސުހާ ޖަވާބު ދިނުމާ އެކުގައި ފޯނު ކަނޑާލިއެވެ. ވާނުވާ ނޭނގޭ ޙާލުގައި އަޔާޒްގެ ސިކުނޑި ތެރެ ވަށައިލީ ތަފާތު ޚިޔާލުތަކުންނެވެ. ***"ހައްހައްހާ.. އޭނައަށް ވެސް އެނގުން އަހަރެންގެ އަޑުން އަހަރެން ވަރުބަލިވެފަކަން.." ގަޔަށް ހެދުން ހެޔޮވަރު ކޮށްލަމުން ސުހާ ބުނެލިއެވެ. "އަހަރެން އަދިވެސް ބޭނުން.. ފޫހިވެސް ނުވޭ!" އެނދުގައި އޮތް ވާރިޝް ވަނީ ދީވާނާ ވާން ގާތްވެފައެވެ. "ނޫޅޭން.. ތިއުޅެނީ މިރޭ އަހަރެން ބަނޑަށް 6 މަހުގަ ވިއްސަންތަ؟ އަހަރެން ވަރަށް ވަރުބަލި ވެއްޖެ! ދެން ނުވާނެ!" ސުހާ ގޮސް ހުއްޓުނީ ކޮޓަރީގެ ލޯގަނޑު ކުރިމަތީގައެވެ. "ވަޓް.. ދަންވަރު ވީތަ؟ ފަތިސް ވަނީ ދޯ؟" ފުންމައިގެން ވާރިޝް ތެދުވެ، ގަޔަށް ޖިންސު ހެޔޮވަރުކޮށްލިއެވެ. "ހެހެ.. ނޭނގުން ދޯ؟" ފަހަތަށް އެނބުރި ސުހާ ލާނެއް ގޮތަކަށް ހީނލިއެވެ. އެއްވެސް ހިތާމައެއް، ދެރައެއް ސުހާގެ ފަރާތުން ފެންނާކަށް މިހާރަކު ނެތެވެ. ސުހާގެ ހުރިހާ ވާހަކައެއް، ކަންތައް ވީ ހުރިހާ ގޮތެއް ސުހާ މިހާރު ހުރީ ވާރިޝްއަށް ކިޔާދީފައެވެ. "ހަމަ ހުވާ! ނޭނގުން ޓައިމް ދިޔަ ގޮތެއް ވެސް.. އަހަރެން ކީކޭ އީމާ ގާތު ބުނާނީ ވެސް.." ގަމީހުގެ ގޮށްތައް އަޅުވަމުން ވާރިޝް ގޮސް ސުހާގެ ފުރަގަހުން އޭނާގެ ގައިގައި ބައްދާލިއެވެ. (ނުނިމޭ)
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ