ޓޭލާގެ އާ އަލްބަމް ނެރެނީ އޮކްޓޯބަރު 3 ގައި

ހޮލީވުޑްގެ އެންމެ މަގުބޫލު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޓޭލާ ސްވިފްޓް ދާދިފަހުން އިއުލާނުކުރި އަލްބަމް އަންނަ އޮކްޓޯބަރު މަހުގެ ތިނެއްގައި ރިލީޒްކުރުމަށް ތާވަލުކޮށްފިއެވެ. ޓޭލާ އޭނާގެ ވެބްސައިޓް މެދުވެރިކޮށް އޭނާގެއާ އަލްބަމް "ލައިފް އޮފް އަ ޝޯގާލް" ވަނީ އިއުލާނުކޮށްފައެވެ. މި އަލްބަމް އިއުލާނުކޮށްފައިވަނީ މީގެ ދެ ދުވަހެއް ކުރީންނެވެ. ނަމަވެސް، އޭރު އެނގިފައިވަނީ އަލްބަމް އޮކްޓޯބަރު 13ގެ ކުރީން ރިލީޒްކުރާނެ ކަމެވެ. އެންމެ ފަހުން ޓޭލާ ވަނީ އޭނާގެ އަލްބަމް ކަވަރާއެކު އިތުރު މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން، އާ އަލްބަމް ރިލީޒްކުރާނީ އޮކްޓޯބަރު ތިނެއްގައެވެ. އަދި، މި އަލްބަމްގައި ހިމެނޭނީ 12 ލަވައެވެ. މިއީ މި ފަހުގެ ތާރީހެއްގައި އޭނާގެ އަލްބަމެއްގައި އެންމެ މަދުން ލަވަ ހިމެނޭ އަލްބަމެވެ. މި އަލްބަމްގައި ގިނަ ލަވަތައް ކިޔާފައިވަނީ ޓޭލާ އެކަންޏެވެ. ނަމަވެސް، އެއް ލަވައަކަށް މަޝްހޫރު ލަވަކިޔުންތެރިޔާ ސެބްރީނާ ކާޕެންޓާ ފީޗާކޮށްފައިވެއެވެ. އަލްބަމް ގަތުމަށް ހުޅުވާލުމާ އެކު ބޮޑު ކިއޫއެއް ވަނީ ހަދާފައެވެ. ފޭނުން އެ އަލްބަމް އޮންލައިންކޮށް ގަތުމަށް ލޮބީގައި ގިނައިރު މަޑުކުރަން ޖެހުނެވެ. އެގޮތުން، އަލްބަމް ގަތުމަށް އޮންލައިންކޮށް ވެސް ގަޑިއިރަކަށްވުރެ ގިނައިރު ކިއޫގައި ތިބެން ޖެހުނު ކަމަށް އެތައް ފޭނުން ބުނެއެވެ. މިއިން ފެނުނީ ޓޭލާގެ އާ އަލްބަމަށް ފޭނުން އިންތިޒާރުކުރަމުންދާ މިންވަރެވެ. ޓޭލާ އެންމެ ފަހުން އޭނާގެ އަލްބަމެއް ނެރެފައިވަނީ މިދިޔަ އަހަރެވެ. ޓޭލާ މިދިޔަ އަހަރު ނެރުނު "ޓޯޗާޑް ޕޮއިޓްސް ޑިޕާޓްމެންޓް" އަލްބަމް ނެރެ އެކި ރެކޯޑުތައް މުގުރާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ