ސުތުރާގެ ނަމުގައި މިސްކިތްތަކުގައި ބަހައްޓާފައި ހުރި ތަކެތި ނަގައިދޭން އެދޭނަން: ޝަހީމް

ސުތުރާގެ ނަމުގައި މިސްކިތްތަކުގައި ބަހައްޓާފައި ހުރި ތަކެތި ނަގައިދޭން މާލެ ސިޓީ ކައުންސިލުގައި އެދިވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ޝަހީމް ވަނީ މިފަހަކަށް އައިސް ނަމާދު ކުރާއިރު ކުރިމަތީގައި ބެހެެއްޓުމަށްޓަކައި ސުތުރާގެ ނަމުގައި އެކި ސިފަ ސިފައިގެ ތަކެތި ހަދައިގެން މިސްކިތްތަކުގެ ތެރޭގައި ބަހައްޓައިގެން އުޅޭކަން ފާހަގަކުރައްވާފައެވެ.
ޝަހީމް ވިދާޅުވީ މިއީ ރަސޫލާގެ ހަޔާތްޕުޅުގައި ވެސް އަސްހާބު ބޭކަލުންގެ ހަޔާތްޕުޅުގައި ވެސް އަދި ހެޔޮކަންބޮޑުވެގެންވާ ތިން ގަރުނުގައި ވެސް މިކަން ކޮށްފައިވާ ގޮތް ނޫން ކަމަށެވެ. އަދި ސުންނަތުގައި ބަޔާންވެގެންވާ ސުތުރާގެ މަފްހޫމާއި ހިލާފު މިފަދަ ކަންކަން ފެތުރިގެން ދިއުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
މިސްކިތްތަކުގައި މިފަދަ ސުތުރާތައް ބެހެއްޓުމުގެ ބަދަލުގައި ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް އަމަލުކުރުން މާ ރަނގަޅުވާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. އެއީ ތަނބެއް ނުވަތަ ފާރެއް ނުވަތަ އެނޫން ވެސް އާންމު ބޭނުމަކަށް ހުންނަ އެއްޗެއް ސުތުރާގެ ގޮތުގައި ބޭނުންކުރުންކަން ޝަހީމް ފާހަގަކުރެއްވިއެވެ.
ޝަހީމް ވިދާޅުވީ އާންމު ބޭނުމަކަށް ހުންނަ އެއްޗެއް ސުތުރާގެ ގޮތުގައި ބޭނުންކުރަން ފެށުމުން ސީދާ ސުންނަތާ އެއްގޮތައް މިކަން ބަދަލުވެގެންދާނެ ކަމަށެވެ. ސުތުރާގެ ނަމުގައި މިސްކިތްތަކުގެ ތެރެއަށް ވައްދައިގެން އުޅޭ ސާމާނުތައް މިސްކިތްތަކުން ނަގައިދިނުމަށް މާލެ ސިޓީ ކައުންސިލުގައި އެދިވަޑައިގަންނަވާނެ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ