ބާސެލޯނާގެ ގޯލްކީޕަރު ޖޯން ގާސިއާ އަށް ކުޑަކަޅުވާ އަށް ތަދުވެ ދެ ހަފުތާއެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
އުމުރުން 24 އަހަރުގެ ކީޕަރަށް އަނިޔާވީ ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި ރޭ ނިއުކާސަލް އަތުން ބާސެލޯނާ 7-2އިން މޮޅުވި މެޗުގަ އެވެ. 80 ވަނަ މިނިޓްގައި ބޯޅަ ހިފަން އުޅެނިކޮށް އޭނާގެ ވާތުފައިގެ ކުޑަކަޅުވާ އަށް ވި ތަދާއެކު ވަނީ ބަދަލުކޮށްފަ އެވެ. ބަދަލުގައި ކުޅުނީ ޕޮލެންޑްގެ ގައުމީ ޓީމުގެ ކުރީގެ ކީޕަރު ވޮޝްނިއާ ޝެޒްނީ އެވެ.
ބާސެލޯނާއިން ބުނީ މިވަގުތަށް ބަލާއިރު ޖޯން ގާސިއާގެ އަނިޔާ ސީރިއަސް ނޫން ކަމަށެވެ. އަދި އަންނަ މަހު ކުރީކޮޅު ކުޅޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުތަކަށް އޭނާ ފިޓްވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. ނަމަވެސް ކުޅުންތެރިޔާގެ އަނިޔާގެ ސީރިއަސްކަން މުޅިން ކަށަވަރުވާނީ މިއަދު ހަދާ ޓެސްޓްތަކަށް ފަހު ކަމަށެވެ.
މި ސީޒަނުގައި ބާސެލޯނާ އަށް ބަދަލުވެ، ޖޯން ގާސިއާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ނަމަވެސް މިއީ މި ސީޒަނުގައި އޭނާ އަށް އަނިޔާވި ދެ ވަނަ ފަހަރެވެ. ސީޒަނުގެ ވަރަށް ކުރީކޮޅު އަތަށް ލިބުނު އަނިޔާ ރަނގަޅު ކުރަން އޮޕަރޭޝަން ކުރަން ޖެހި މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި ޖޯން ގާސިއާ އަކީ ސްޕޭނުގެ ގައުމި ކީޕަރުކަން ވެސް އަވަސް މުސްތަގްބަލެއްގައި ކުރާނެ ކީޕަރެވެ.
ކުޑަކަޅުވާ އަށް ތަދުވެ، ޖޯން ގާސިއާ އަށް ދެން ކުޅެވޭނީ ދެ ހަފުތާ ފަހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ