ލަންޑަން (ފެބްރުއަރީ 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ އަދި ލިވަޕޫލުން މުހިންމު މޮޅެއް ހޯދައިފި އެވެ.
އާސެނަލުން ވަނީ 4-0 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ޗެލްސީން ފަހު ވަގުތު ގޯލު ޖަހައި 3-2 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން މޮޅުވިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-1 އިން ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވެފަ އެވެ.
ތިން މެޗަށް ފަހު، އާސެނަލުން ލީގުގައި މޮޅެއް ހޯދިއިރު، އެ ޓީމަށް 24 މެޗުން ވަނީ 53 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިން ވަނައިގައި އޮތް އެސްޓަން ވިލާ އަށް 23 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި ޗެލްސީ އޮތީ 24 މެޗުން 40 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ލިވަޕޫލަށް 24 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 23 މެޗުން 39 ޕޮއިންޓް ލިބިފައިވެ އެވެ.
ލީޑްސް ދަނޑުގައި އާސެނަލުން ލީޑުނެގީ މާޓިން ޒުބިމެންޑީ ބޮލުން ޖެހި ގޯލުންނެވެ. އަދި، ލީޑްސް ކީޕަރު ކާލް ޑާލޯ އަތުން ބައިކޮޅަށް ވަން ގޯލުން އާސެނަލުން ލީޑުފުޅާކުރި އެވެ. މި ދެ ގޯލުގައި ވެސް އިސް ރޯލެއް ކުޅުނީ އާސެނަލްގެ ނޯނީ މަޑުއޭކޭ އެވެ. ވޯމްއަޕްގައި ބުކާޔޯ ސަކާ އަށް އަނިޔާވެގެން ޓީމަށް އެރި، މަޑުއޭކޭ ނެގި ހުރަހަކުން ޒުބިމެންޑީ ގޯލު ޖެހިއިރު، ޑާލޯ އަތުން ބައިކޮޅަށް ވަނީ މަޑުއޭކޭގެ ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގަ އެވެ.
ދެ ވަނަ ހާފުގައި އާސެނަލްގެ އަނެއް ދެ ލަނޑު ޖެހީ ވިކްޓަ ޔޯކެރޭޝް އާއި ގަބްރިއެލް ޖީސޫސް އެެވެ.
ޗެލްސީ ދަނޑުގައި ވެސްޓް ހޭމް އިން ފުރަތަމަ ހާފު ނިންމާލީ ޖެރަޑް ބޮވެން އާއި ކްރައިސެންސިއޯ ސަމަވިލްގެ ލަނޑުތަކުން ދެ ގޯލުގެ ލީޑަކާ އެކު އެވެ. ދެ ވަނަ ހާފުގައި ޗެލްސީން ނަތީޖާ އަނބުރާލިއިރު، ލަނޑުތައް ޖެހީ ޖާއޯ ޕެޑްރޯ އާއި މާކް ކުކުރޭއާގެ އިތުރުން އެންޒޯ ފެނާންޑޭޒް އެވެ. މީގެ ތެރެއިން، މޮޅުވި ލަނޑު އެންޒޯ ޖެހި އިތުރު ވަގުތުގަ އެވެ. ވެސްޓް ހޭމްގެ ޖިއަން ކްލެއާ ޓޮޑީބޯ އަށް ވަނީ އިތުރު ވަގުތުގެ ތެރޭގައި ރަތް ކާޑެއް ދައްކައިފަ އެެވެ.
ލިވަޕޫލް ކޮޅަށް އެންތަނީ ގޯޑަން ނިއުކާސަލަށް ލީޑުނަގައިދީ، އަހަރެއްގެ ތެރޭގައި، އޯޕަން ޕްލޭއިން އޭނާ ފުރަތަމަ ލަނޑު ޖެހި އެވެ. އެކަމަކު، ދެ މިނިޓް ތެރޭގައި ލިވަޕޫލްގެ ހޫގޯ އެކިޓީކޭ ދެ ލަނޑު ޖަހައި، ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލަށް ލީޑުނަގައިދިނެވެ. ދެ ވަނަ ހާފުގައި، ލިވަޕޫލްގެ އަނެއް ލަނޑުތައް ޖަހައިދިނީ ފްލޯރިއަން ވާޓްޒް އާއި އެނބުރި ޓީމަށް އައި އިބްރާހިމާ ކޮނާޓޭ އެވެ.
އާސެނަލް، ޗެލްސީ އަދި ލިވަޕޫލަށް ވެސް މޮޅެއް އާސެނަލް، ޗެލްސީ އަދި ލިވަޕޫލަށް ވެސް މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ