ކުރެވުނު ފާފައިން ސަލާމަތްވާން ޝައިޠޯނާގެ ބަހަށް ހެއްލުނު ރާހިބަށް ޖެހުނު ޙާލުގެ ވާހަކަ-

ޢަލީ އިޙްޞާން ފިރާޤް
 
بَرْصِيصَا ގެ ވާހަކައަކީ ޖުރައިޖުގެ ވާހަކައިގެ އިދިކޮޅަށް ހިނގައިފައިވާ ޙާދިޘާއެކެވެ. ޖުރައިޖުވެވަޑައިގެންނެވީ ފިތުނައިގައި ޖެހިވަޑައިނުގެން ނަފްސު ކޮންޓުރޯލު ކުރެއްވި ބޭކަލެއްކަމުގައެވެ. ނަމަވެސް بَرْصِيصَا ހިމެނުނީ ފިތުނައިގައި ޖެހުނު މީހެއްކަމުގައެވެ. ސޫރަތުލް ޙަޝްރުގެ 16 ވަނަ އާޔަތާއި 17 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވައިފައިވެއެވެ. 
كَمَثَلِ الشَّيْطَانِ إِذْ قَالَ لِلْإِنسَانِ اكْفُرْ فَلَمَّا كَفَرَ قَالَ إِنِّي بَرِيءٌ مِّنكَ إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ ‎﴿١٦﴾‏ فَكَانَ عَاقِبَتَهُمَا أَنَّهُمَا فِي النَّارِ خَالِدَيْنِ فِيهَا ۚ وَذَٰلِكَ جَزَاءُ الظَّالِمِينَ ‎﴿١٧﴾‏ 
މާނައީ: [ شيطان އާގެ مثال ގައެވެ. އޭނާ އިންސާނާޔަށް كافر ވާށޭ ބުނިހިނދެވެ. ފަހެ، އެ އިންސާނާ كافر ވީހިނދު އެ شيطان އާ ބުންޏެވެ. ހަމަކަށަވަރުން، ތިމަންވަނީ، ތިބާގެ ކިބައިން ބަރީއަވެގެންނެވެ. ހަމަކަށަވަރުން، عالم ތަކުގެ ވެރި اللَّه އަށް ތިމަން ބިރުގަނެތެވެ. އެ ދެމީހުންގެ ނިމުމެއް ކަމުގައިވާނީ، އެ ދެމީހުން ނަރަކަޔަށް ވަނުމެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. އަދި އެއީ އަނިޔާވެރިންގެ ޖަޒާއެވެ.] 
މިދެންނެވި އާޔަތުގެ ތަފްސީރުގައި އިބްނު މަސްޢޫދުގެފާނު ވިދާޅުވެފައިވާކަމަށް އިބްނު ޖަރީރު އައްޠަބަރީ ބަޔާންކުރައްވައިފައިވެއެވެ. އެއްދުވަސްވަރެއްގައި ބަކަރި ހުއިހައްޕާ އަންހެނަކު އުޅުނެވެ. އޭނާގެ ހަތަރު އަޚުންވެއެވެ. އޭނާ ބަކަރި ހުއިހައްޕަން އުޅެފައި ރޭގަނޑުވުމުން ރައްކައުތެރިކަން ހޯދަނީ ރާހިބުގެ ފައްޅީގައެވެ. މިހެން އުޅުމުގެ ތެރޭގައި ފައްޅީގައި އުޅޭ ރާހިބުކަލޭގެ އެ އަންހެންމީހާއާއެކު ޒިނޭކޮށް އޭނާ ބަލިވެއިނދެއްޖެއެވެ. ޝައިޠާނާ، ރާހިބުކަލޭގެ ގާތަށް ގޮސް ބުންޏެވެ. 
[އެ އަންހެންމީހާ ޤަތުލުކޮށްފައި ގެންގޮސް ކޮންމެވެސް ތަނެއްގައި ވަޅުލާށެވެ. ތިބާއީ މީސްތަކުންގެ މެދުގައި އިޙްތިރާމު ލިބިގެންވާ މީހެކެވެ. މީސްތަކުން ތިބާގެ ބަސްތެދުކުރެއެވެ. ތިބާގެ ބަސްތައް އަޑުއަހައެވެ.] 
ރާހިބުކަލޭގެ އެ އަންހެންމީހާ ޤަތުލުކޮށްފައި ގެންގޮސް ވަޅުލައިފިއެވެ. ދެން ޝައިޠާނާ އޭނާގެ ހަތަރު އަޚުން ނިދާފައިތިއްބާ ހުވަފެނުގައި ބުނެފިއެވެ. [ރާހިބުކަލޭގެ ތިބާގެ އުޚުތާއެކު ޒިނޭކޮށް ބަލިވެއިނުމުން، އޭނާ ޤަތުލުކޮށް އެވެނިމިވެނި ތަނެއްގައި ވަޅުލައިފިއެވެ.] ދެން ހެނދުނުވުމުން އެތަނުން އެކަކު ތެދުވެފައި ބުންޏެވެ. [ރޭގައި ތިމަންނާއަށް އާދަޔާ ޚިލާފު ހުވަފެނެއް ފެނިއްޖެއެވެ. އެހުވަފެނުގެ ވާހަކަ ކިޔައިދޭންވީކަމެއް ނުވަތަ ސިއްރު ކުރަންވީކަމެއް ނޭނގެއެވެ.] އެތަނުން އެކަކު ބުންޏެވެ. [ހުވަފެނުގެ ވާހަކަ ކިޔައިދޭށެވެ.] ދެން، އޭނާ އެހުވަފެނުގެ ވާހަކަ ކިޔައިދީފިއެވެ. އޭނާ ބުންޏެވެ. [ﷲ ގަންދެމެވެ. ތިމަންނާއަށްވެސް ހަމަ ތިޔަ ހުވަފެންފެނިއްޖެއެވެ.] ދެން ހުރިމީހާވެސް ހަމައެހެން ބުނެފިއެވެ. 
ދެން އެމީހުން މަޝްވަރާކުރުމަށްފަހު، ރަސްގެފާނުގެ އަރިހަށް ގޮސްފައި ރާހިބުކަލޭގެ ވާހަކަ ކިޔައިދީފިއެވެ. ރަސްގެފާނު އޭނާގެ ސިފައިން ފޮނުއްވައިގެން ރާހިބުކަލޭގެ ހައްޔަރުކޮށްގެން ގެންދާން ފެށުމުން ޝައިޠާނާ އައިސް ރާހިބުކަލޭގެ ކަންފަތްދޮށުގައި ބުނެފިއެވެ. [ކަލޭގެ މި މަޅީގައި ޖެހުމަށް މެދުވެރިކުރީ އަހަރެންނެވެ. ދެންވެސް ސަލާމަތެއް އޮތީ އަހަރެން ބުނާ ގޮތެއް ހެދީމައެވެ. ކަލޭ، ތިމަންނާއަށް ސަޖިދަކުރާށެވެ. އޭރު ސަލާމަތްކޮށްދޭނަމެވެ.] 
ދެން އެ ރާހިބުކަލޭގެ ޝައިޠާނާއަށް ސަޖިދަ ޖަހައިފިއެވެ. ރާހިބުކަލާގެ ހައްޔަރުކޮށްގެން ގެންގޮސް ރަސްގެފާނުގެ ދަރުބާރަށް ހާޒިރުކުރުމުން ޝައިޠާނާ ބުނެފިއެވެ. [ތިމަންނާވަނީ ކަލޭގެ ކިބައިން ބަރީއަވެގެންނެވެ.] ރަސްގެފާނުގެ އަމުރުފުޅަށް އެ ރާހިބުކަލޭގެ ޤަތުލުކުރެވުނެވެ. މިވާހަކަ ابن عباس އާއި طاوس އާއި مقاتل ابن حَيَّان ގެ އަރިހުންވެސް ރިވާވެގެން އައިސްފައިވާކަމަށް އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. 
އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރާހިބަކު ފަސްދޮޅަސް އަހަރުވަންދެން ﷲ އަށް އަޅުކަން ކުރިއެވެ. ޝައިޠާނާ އޭނާއަށް ވަސްވާސްދީ ހައްލައިލެވޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ކާމިޔާބެއް ނުލިބުނެވެ. ދެން ޝައިޠާނާ، އަންހެނެއްގެ ގާތަށްގޮސް އޭނާގެ ގައިގައި ބީހި އޭނާ މޮޔަކޮށްލިއެވެ. އެ އަންހެންމީހާގެ ހަތަރު އަޚުން އޭނާއަށް ފަރުވާކުރުމަށްޓަކައި ރާހިބުގެ ފައްޅިއަށް ގެންދިޔައެވެ. ރާހިބު ފަރުވާކުރުމުން އޭނާ ރަނގަޅުވެއްޖެއެވެ. ރަނގަޅުވުމަށްފަހުގައިވެސް ދުވަސްކޮޅެއް ވަންދެން އޭނާ ފައްޅީގައި މަޑުކުރިއެވެ. އެދުވަސްވަރު ރާހިބުކަލޭގެ އެ އަންހެނާއާއެކު ޒިނޭކުރިއެވެ. އޭނާ ބަލިވެއިންކަން އެނގުމުން ރާހިބުކަލޭގެ އޭނާ ޤަތުލުކުރިއެވެ. 
މިކަން ހިނގިކަން އެނގިގެން އަންހެންމީހާގެ ހަތަރު އަޚުން އަތުވެއްޖެއެވެ. ދެން އަލުން ޝައިޠާނާ އައިސް ރާހިބުކަލޭގެ ގާތުގައި ބުނެފިއެވެ. [އަހަރެންނަކީ ތިބާގެ އެކުވެރިޔާއެވެ. އަހަރެންނަށް ތިބާ ސަޖިދަކުރާށެވެ. އޭރު ތިބާ ސަލާމަތްކޮށްދޭނަމެވެ.] ރާހިބުކަލޭގެ ޝައިޠާނާއަށް ސަޖިދަ ޖެހުމުން އޭނާ ބުނެފިއެވެ. [إِنِّي بَرِيءٌ مِّنكَ إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ ހަމަކަށަވަރުން، ތިމަންވަނީ، ތިބާގެ ކިބައިން ބަރީއަވެގެންނެވެ. ހަމަކަށަވަރުން، عالم ތަކުގެ ވެރި اللَّه އަށް ތިމަން ބިރުގަނެތެވެ.]
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ