އިންޑިއާއަށް 400 މިލިއަން ދައްކައިފި، އިތުރު 319 މިލިއަން ޑޮލަރު ދެނީ

އިންޑިއާއިން ރާއްޖެއަށް 319 މިލިއަން އެމެރިކާ ޑޮލަރު (30 ބިލިއަން އިންޑިއަން ރޫޕީސް) ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ސުވޮޕް ފެސިލިޓީ ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ. އަދި އިތުރު 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕެއް ރާއްޖެއަށް ދޭން އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށާއި އެހެންވެ، އެކަމަށް ޝުކުރު އަދާކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މި ސުވޮޕް ފެސިލިޓީގެ ސަބަބުން، ހުޅަނގު އޭޝިއާގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖޭގެ އިގުތިސާދީ ހަމަޖެހުން އިތުރަށް ވަރުގަދަކުރުމަށް ސަރުކާރުން ގެންގުޅޭ ފުޅާ ސިޔާސަތުތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި 2017-2024 ގެ އޮނިގަނޑުގެ ދަށުން ހަމަޖެހިފައިވާ މި ފެސިލިޓީއަކީ ލުއި ފަސޭހަ އުސޫލުތަކެއް ހިމެނޭ، ނަތީޖާ ނެރެދެވޭނެ ފަދަ އިންތިޒާމެއް ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ބަޖެޓަށް އެހީވުމަށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލުގެ ތެރެއިން، މިހާތަނަށް 50 މިލިއަން ޑޮލަރު ސަރުކާރުން ވަނީ އަނބުރާ ދައްކާފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ސުވޮޕް ފެސިލިޓީ ހަމަޖެހިގެން ދިއުމަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ދިގުދެމިގެންވާ ގާތް ގުޅުން ރަނގަޅުކަމުގެ ހެއްކެއް ކަމަށެވެ. އަދި މިއީ އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން އެ ގައުމުން ރާއްޖެއަށް ދެމުންގެންދާ މެދުކެނޑުމެއްނެތް އެއްބާރުލުން ހާމަކޮށްދޭ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ