ޖުމްހޫރީ ޕާޓީގެ މަޖިލިސް މެންބަރުން އެހެން ސިޔާސީ ޕާޓީއެއް ހަދަންއެބައުޅޭ: އަހުމަދު ހަލީމް

ޖުމްހޫރީ ޕާޓީގެ މަޖިލިސް މެންބަރުން އެހެން ސިޔާސީ ޕާޓިއެއް ހަދަން އުޅޭ ކަމުގެ ތުހުމަތު ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް(ދޮންބިލެތް) ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު އަޙްމަދު ހަލީމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެތެރެއިން އިތުރު ޕާޓީއެއް ހަދަންއުޅޭ ކަމީ ކަންބޮޑުވާ ކަމެއްކަމުގައެވެ.
"އަޅުގަނޑުމެންގެ ކޯލިޝަންގެ ޕާޓީއެއްކަމަށްވާ ޖުމްހޫރީޕާޓީގެ އޮފީހުގެ ތެރޭގައި މިތާގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުން އަލުން ޕާޓީއެއް ހައްދަވަން އެކުރައްވާ މަސައްކަތް އެހެން ކުރައްވާ ކަމަށްވަންޏާ ޖުމްހޫރީ ޕާޓީއަށް މީގައި ދަތިތަކެއް ހުންނާނެ" މެންބަރު ހަލީމް ވިދާޅުވިއެވެ.
އަދި މެންބަރު ހަލީމް ވިދާޅުވީ ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މަޖިލީހަށް ވަޑައިނުގަންނަވާ އެހެން ހުންނަވަނިކޮށް އެމަނިކުފާނުގެ އަތްދަށުން މުޅި ޕާޓީ ހިނގައިދާނެކަމަށް ޤާސިމް އިބްރާހިމަށް ހަނދާންކޮށްދޭކަމަށެވެ. އަދި މި ޕާޓީ ހަދަން އުޅޭކަމުގެ ތުހުމަތު ކުރެއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ގެ މައްޗަށެވެ.
"އެ ޕާޓީގެ އޮފީހުގައި މިހާރު ކުރެވެމުންދާ މަސައްކަތަކީ އިތުރު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް. އޭގެ ތެރޭގައި އަޅުގަނޑަށް އެބަފެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރެއްގެ ގޮތުގައި ހުންނެވި ތިމަރަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އެ މަސައްކަތުގައި އުޅުއްވާތީ" މެންބަރު ހަލީމް ވިދާޅުވިއެވެ.
އަދި މި މަސައްކަތް މިގޮތަށް ކުރުން ހުއްޓާލުމަށް ގޮވާލާ ކަމަށާއި ޤާސިމް އިބްރާހިމަށް ދަންނަވާލަން ބޭނުމީ މަޖިލީހަށް ވަޑައިންނަވާ އެމަނިކުފާނުގެ ޕާޓީވެސް އަލުން ސަލާމަތްކުރުމަށްޓަކާ މަސައްކަތްކުރަން ޖެހޭ ކަމަށްވެސް މެންބަރު ހަލީމް ވިދާޅުވިއެވެ. އަދި މިވަގުތު ޖުމްހޫރީ ޕާޓީ އޮތީ ވަރަށް ނާޒުކު ޙާލަތެއްގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިތުބާރު ހުރި މަސްދަރަކުން "ވޮއިސް" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ތެރެއިން އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަނީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރީގެ ރައީސް ޔާމީންގެ ނަންފުޅު ބޭނުން ކުރާކަމަށް ބުނެ އިދިކޮޅު ކޯލިޝަނުންވެސް ދާދިފަހުން ވަނީ ބަޔާނެއް ނެރެފައިކަން ފާހަގަ ކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ