މި ޖެނުއަރީމަހުގެ ފަހުކޮޅު އިންޑިއާގައި ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ އިހްތިފާލުތަކުގެ ޝަރަފްވެރިންނަކީ، ދެކުނު އިރުމަތީ އޭޝިޔާ ނުވަތަ އާސިއާން ޖަމާއަތުގައި ހިމެނޭ މެމްބަރު 10 ގައުމުގެ އެންމެ އިސް ވެރިންކަމަށް އިންޑިއާއިން ބުނެފިއެވެ.
އާސިއާންގެ މެމްބަރު ގައުމުތަކުގެ ވެރިން އިންޑިއާއަށް މި ވަޑައިގަންނަވަނީ، ސަރަހައްދުގައި ފެތުރި ފުޅާވަމުން އަންނަ ޗައިނާގެ ނުފޫޒު ހުއްޓުވަން އިންޑިއާއިންވެސް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ އިހްތިފާލުތަކުގައި އާދަކާދައިގެމަތިން މީގެކުރިން ޝަރަފްވެރި މެހްމާނެއްގެގޮތުގައި ދައުވަތު ދީގެން ގެންދަނީ ބޭރުގެ ކޮންމެވެސް އެއް ގައުމެއްގެ ވެރިއެކެވެ.
އެހެންނަމަވެސް، މިއަހަރުގެ އިހްތިފާލުތަކުގައި އާސިއާންގައި ހިމެނޭ ތައިލެންޑް، ވިއެޓްނާމް، އިންޑޮނޭޝިޔާ، މެލޭޝިޔާ، ފިލިޕީންސް، ސިންގަޕޫރު، މިޔަންމާ، ކެމްބޯޑިއާ، ލާއޯސް އަދި ބުރޫނާއީގެ އެންމެ އިސްވެރިންނަށް އެ ޝަރަފް އަރުވާގޮތަށް އިންޑިއާއިންވަނީ ހަމަޖައްސާފައެވެ.
އިންޑިއާގެ ޚާރިޖިއްޔާގެ އިސް އޮފިޝަލެއް ކަމަށްވާ ޕްރީތީ ސަރަން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ އިހްތިފާލަށް އިންޑިއާއިން ދިން ދައުވަތު ގަބޫލުކުރައްވައި، އާސިއާންގެ މެމްބަރު 10 ގައުމުގެ ވެރިންވެސް އެ އިހްތިފާލުތަކުގައި ބައިވެރިވެވަޑައި ގަންނަވާނެކަން ކަށަވަރު ކޮށްދެއްވާފައިވާ ކަމަށެވެ.
"މިއީ ވަރަށް އުފާވެރިކަމެއް އަދި އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް" ޕްރީތީ ވިދާޅުވިއެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހަކީ، އިންޑިއާގެ އަސްކަރިއްޔާގެ ބާރުވެރިކަން ދައްކާލާ ޝަރަފްގެ ހިނގާލުންތައް ބާއްވާ ދުވަހެކެވެ. އެގޮތުން، ޚާއްސަ މައިދާނެއްގައި އިންޑިއާގެ އަސްކަރިއްޔާއަށް ލިބިފައިވާ ހަތިޔާރާއި އަދި ސިފައިންގެ ފައުޖުތައްވެސް ހިނގާލުމުގެ ތެރޭގައި ދައްކާލައެވެ.
ސަރަހައްދުގައި ޗައިނާގެ ނުފޫޒު ކުޑަކުރުމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެންދަވަނީ "އެކްޓް އީސްޓް" ސިޔާސަތުގެ ދަށުން އާސިއާންގެ ގައުމުތަކާ ވަރަށް ގާތް ގުޅުންތަކެއް އުފައްދަވަމުންނެވެ. އެގޮތުން، އެގައުމުތަކާއެކު ވިޔަފާރީގެ ދާއިރާއާއި، އެނޫންވެސް ދާއިރާތަކުން ވަރަށް ގާތް ގުޅުންތަކެއް އުފެއްދެވުމަށް ގެންދަވަނީ ގަދައަޅައި މަސައްކަތް ކުރައްވަމުންނެވެ. އިންޑިއާއަކީ އިންވެސްޓްމަންޓްގެ ފުރުސަތުހުރި މަންޒިލެއްކަން ސާބިތު ކޮށްދެއްވުމަށްވެސް މޯދީ ގެންދަވަނީ ފިޔަވަޅުތައް އަޅުއްވަމުންނެވެ.
ޖުމްހޫރީ ދުވަހުގެ އިހްތިފާލަށް އާސިއާންގެ މެމްބަރު 10 ގައުމުގެ އެންމެ އިސް ވެރިން އިންޑިއާއަށް ކުރައްވާ ދެދުވަހުގެ ދަތުރުފުޅުގައި، އާސިއާން ޖަމާއަތާއި އިންޑިއާއާދެމެދު އޮންނަ ގުޅުމަށް 25 އަހަރު ފުރުން ފާހަގަކުރުމުގެގޮތުން ބާއްވާ ޚާއްސަ ސަމިޓެއްގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެއިތުރުން، އާސިއާންގެ ގައުމުތަކުގެ ވެރިންނާއެކު ބޮޑުވަޒީރު މޯދީ ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ މަޝްވަރާތަކެއް ކުރައްވާނެ ކަމަށާއި، އެގޮތުން ކުރައްވާ މަޝްވަރާތަކުގައި ކަނޑުގެ ސަރަހައްދުގެ ސަލާމަތާގުޅޭ ނުކުތާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވެއެވެ.
އާސިއާންގެ ވެރިން ކުރައްވާ މަޝްވަރާގެ ތެރޭގައި، ދެކުނު ޗައިނާ ކަނޑުގެ މައްޗަށް ޗައިނާއިން އަމިއްލައަށް ވެރިވެގަނެ، ފަރުތަކާއި ފަޅުތައް ހިއްކައި ރަށްތައް ހަދަމުންދާ މައްސަލަ ހިމެނޭކަމެއް ސާފު ނުވާކަމަށް މީޑިއާއިން ބުނެއެވެ. ޗައިނާއިން ވެރިވެގެންފައިވާ ދެކުނު ޗައިނާ ކަނޑުގެ ބައެއް ސަރަހައްދުތަކުގެ މިލްކުވެރިކަމަށް އާސިއާންގެ ބައެއް ގައުމުތަކުންވެސް ދައުވާ ކުރެއެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ޝަރަފްވެރިންނަކީ އާސިއާންގެ މެމްބަރު 10 ގައުމުގެ އެންމެއިސް ވެރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ