ހައްގުތައް ނިގުޅައިގަނެ ރައްޔިތުން ވަނީ ބިކަކޮށްފައި: އެމްޑީޕީ

ދިވެހިންނަށް މިއަދު ކުރިމަތިވެފައިމިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައްޔިތުން އެތައް ގުރުބާނީއެއް ވެގެން ހޯދި ހައްގުތައް ސަރުކާރާއި ދައުލަތުގެ މުވައްސަސާތައް އަތްގުޅުވައިގެން މުށުތެރެއަށް ލައި ރައްޔިތުން ބިކަކުރަމުން ދިއުން ކަމަށް އެމްޑީޕީން ބުނެފިއެވެ.
އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ވަނީ މީހުން މެރުމާއި، ނަސްލީ ތަފާތުކުރުމާއި، އެއްވެސް މިންވަރަކަށް އިންސާފު ނުލިބުމާއި، ވީނުވީއެއް ނޭނގި ޖަލުތަކުގައި މީހުން މަރުވުން މިއަދު ރާއްޖޭގައި އަންނަނީ އިތުރުވަމުން ކަމަށެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެ، މީޑިއާގެ މިނިވަންކަން ނެތިކޮށްލުމާއި، ދިރިހުރުމުގެ ހައްގު ގެއްލެމުންދާއިރު އެކަންކަން ދިފާއުކުރުމަށް ގާނޫނުއަސާސީން އުފަންކުރުވި މުވައްސަސާތައް ވަނީ ވަކި މީހެއްގެ ވެރިކަން ދިފާއުކުރާ ތަންތަނަށް ބަދަލުވެފައި ކަމަށެވެ.
ގައުމެއްގައި ހަގީގީ ރޫހު ފެންނަނީ ދައުލަތުން ރައްޔިތުންނާއި، ވަކިން ޚާއްސަކޮށް މައިނޯރިޓީ ގްރޫޕްތަކާމެދު އަމަލުކުރާ ގޮތްތަކުން ކަމަށްވީހިނދު ތަކުރާރުކޮށް ފެންނަނީ ދިވެހިރާއްޖޭގައި ބިދޭސީންނަށް ކުރާ އަނިޔާތައް އިތުރުވެ، އެމީހުންގެ ހައްގުތަކަށް އަރައިގަނެ، ދައުލަތުގެ ސިޔާސަތުތަކުގެ ތެރެއިންވެސް ތަފާތުކުރުން އިތުރުވަމުން އަންނަތަން ކަމަށް އެމްޑީޕީން ބުނެއެވެ.
"ބައިނަލްއަޤްވަމީ އިންސާނީ ޙައްޤުތަކާ ބެހޭ ދުވަސް މުޅި ދުނިޔޭގައި މިއަދު ފާހަގަ ކުރަމުން އަންނައިރު، ދިވެހިންނަށް މިއަދު ކުރިމަތިވެފައިމިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރާއި ދައުލަތުގެ މުވައްސަސާތައް އަތްގުޅުވައިގެން ރައްޔިތުން އެތައް ގުރުބާނީތަކެއްވެ ހޯދި ޙައްޤުތައް މުށުތެރެއަށް ލައި ރައްޔިތުން ބިކަކުރުމުގައި ތިބިކަމެވެ" އެމްޑީޕީގެ ބަޔާނުގައި ބުނެއެވެ.
އެމްޑީޕީން ބުނީ 2018 ވަނަ އަހަރަކީ ދިވެހިންނަށްވެސް މުހިއްމު އަހަރެއް ކަމަށާއި ދިވެހިރާއްޖޭގެ ޑިމޮކްރަސީ ނެތިކޮށްލަމުން އަންނަ ސަރުކާރު ބަދަލުކުރުމަށް ރައްޔިތުންނަށް އެންމެ ބޮޑު ފުރުސަތުވެސް ލިބިގެންދާނެ އަހަރު ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ސިޔާސީ ހައްގުތައް ހިމާޔަތްކުރުމާއި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި އެމްޑީޕީން ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ. އިންސާނީ ހައްގުތަކަށް ފާޅުގައާއި ސިއްރުގައި އަރައިގަންނަމުންދާ ފަރާތްތަކުން އެ ނާތަހުޒީބީ ގޮތް ދޫކޮށްލުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ