ލޯކަލް ކައުންސިލް އިންތިހާބު: ކެމްޕެއިނުގައި ސަރުކާރުގެ އެއްވެސް ވަސީލަތެއް ބޭނުމެއް ނުކުރަން: ޑރ. ޝަހީދު

ވެރިކަން ކުރާ ޕާޓީ އެމްޑީޕީން ލޯކަލް ކައުނިސިލް އިންތިހާބުގެ ކެމްޕޭނުގައި ސަރުކާރުގެ އެއްވެސް ވަސީލަތެއް ބޭނުން ނުކުރާ ކަމަށް ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭނު މެނޭޖަރު ޑރ. އަހުމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނިއުސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ އެމްޑީޕީން އޮތީ ލޯކަލް ކައުންސިލް އިންތިހާބު އައި އިރު މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ތަންދެވޭ ފަދަ ހާލަތެއްގައި ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް މުދަލެއް ކެމްޕޭނުކުރުމުގައި ބޭނުން ނުކުރާ ކަމަށާއި ހުރިހާ ހަރަދެއް ވެސް ކުރަނީ ޕާޓީންގެ މެންބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ކެމްޕޭނަށް ކުރާ ހުރިހާ ހަރަދެއް ކުރަނީ މި ޕާޓީން. މަތިންދާ ބޯޓެއް ވިޔަސް އަދި ލޯންޗެއް ވިޔަސް އެ އަށް ޕޭކުރާނީ މިކޮޅުން. އަދި ފާހަގަކޮށްލަން މެންބަރުން ދަތުރުތައް ކުރާއިރު އެކޮމޮޑޭޝަން އާއި ހުރިހާ ކަމަކަށް ހަރަދުކުރަނީ އެ މެންބަރަކު. އިންތިހާބުގެ ދުވަސްވަރު އައިމާ ހުރިހާ ކައުންސިލަރުން ވެސް އެ ތިބީ ދޫކޮށްލާފައި. ދެން އަޅުގަނޑުމެންނަށް އިނގޭ ސިޔާސީ ގޮތުން ދެން އެތަނަށް އަންނަން އެ ތިބީ ޑީއާރުޕީ އަށް ތާއީދު ކުރާ ބައިވެރިވާ ބައެއް ކަން،" ޝަހީދު ވިދާޅުވި އެވެ.
ރައީސް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކާއި ވެށި ފަހި މާލެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ސުވާލުދެންނެވުމުން ޝަހީދު ވިދާޅުވީ މިއީ އެމްޑީޕީ ސަރުކާރެއް ކަމަށާއި މި ސަރުކާރުގެ ވިސްނުން ވެސް ހުންނާނީ އެމްޑިޕީގެ ވިސްނުމާ އެއްގޮތަށް ކަމަށެވެ. އަދި ރައީސް ކުރައްވާ ދަތުރުފުޅުތަކަކީ ރަސްމީ ދަތުރުފުޅުތަކެއް ކަމަށާއި ރައީސް ނަޝީދުގައި ވެސް ހުންނާނީ އެމްޑީޕީގެ ފިކުރުކަމަށެވެ. އަދި ސަރުކާރުން ހިންގާ ޕްރޮޖެކްޓެއްގެ ނަން އެއްވެސް ޕާޓީއަކުން ބޭނުންކޮށް ކެމްޕޭނުކުރުމަކީ ކޮންމެ ސިޔާސީ ޕާޓީއަކަށް ވެސް އޮތް ފުރުސަތެއް ކަމަށް ޝަހީދު ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުންނަކަށް ފެނިވަޑައެއް ނުގަންނަވާނެ ދައުލަތުގެ ވަސީލަތްތައް ބޭނުންކުރައްވާ ތަނެއް. އެނގިވަޑައިގަންނަވާނެ މިއަދު މިއޮތް ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް. އަޅުގަނޑުމެން ސަރުކާރުގައި ތިބެ ރާވާ ރޭވުންތައް ހުންނާނީ މެނިފެސްޓޯ އާއި އެއްގޮތަށް. ހީފުޅުކޮށްގެންނުވާނެ އަޅުގަނޑުމެން ޕާޓީއަކަށް ގޮސްފައި ލޯކަލް ކައުންސިލް އިންތިހާބަށް ހޮވުނީމާ އެހެން މަޝްރޫއެކޭ. މީގެ ކަންކުރެވޭނެ ގޮތަކީ ވެސް އެމްޑީޕީގެ ވިސްނުން ސަރުކާރުން ވެސް ފެނުން،" ޝަހީދު ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ބުނަނީ އަޅުގަނޑުމެން އަތުގައި ފައިސާ އެބަހުއްޓޭ. މިކަން (ވެށި ފަހިމާލެ) ކޮށްދެވިދާނެ ބަޔަކީ އެމްޑީޕީއޭ. ޑީއާރުޕީއަށް ވެސް ހަމަ އެގޮތަށް ބުނެވިދާނެ އަހަރުމެން އެކަން(ވެށިފަހިމާލެ) ތަންފީޒުކޮށްދޭނަމޭ،" ޝަހީދު ވިދާޅުވި އެވެ.
ރައީސް މައުމޫން ކެމްޕޭނުކުރެއްވުމުން އެމްޑީޕީގެ ތާއީދަށް އެއްވެސް ހީނަރުކަމެއް ލިބިގެން ދޭތޯ ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ޝަހީދު ވިދާޅުވީ ކުރީގެ ރައީސް މައުމޫން ޑީއާރުޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަކީ ރައީސް މައުމޫން ޑީއާރުޕީ އަށާއި ގައުމުގެ ރައްޔިތުންނަށް ދޭ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށެވެ.
"ޑީއާރުޕީ މައުމޫން ޑީއާރުޕީ ތަސްމީން އެކަހަލަ ގޮތަކަށް މި އެއްޗިހި މިދަނީ. އެހެންވީމާ އޭގެ އަސްލު ނިކަމެތިކަން މި ފޯރަނީ އެބޭފުޅުންނަށް (ޑީއާރުޕީ އަށް). ރައްޔިތުންނަށް މި ނިކަމެތިކަން މި ފޯރައިގެން މިދަނީ. ހަގީގަތުގައި ރައީސް މައުމޫން އެ ނިކުންނެވި ނުކުންނެވުން އެއީ ދިވެހި ރައްޔިތުންނަށް އެކަމުގެ ސަބަބުން ވަރަށް ބޮޑު ނިކަމެތިކަން ލިބިގެން ދާނެ ކަމެއް. ވާދަވެރި އިދިކޮޅުފަރާތެއް ނެތިގެންދާ މަންޒަރު،" ޝަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ އަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ ވާދަވެރި އިދިކޮޅު ފަރާތެއް ނެތުން ކަމަށާއި ޑީއާރުޕީ އޮތީ ލޯކަލް ކައުންސިލް އިންހާބަށް އެއްވެސް ވަރަކަށް ތައްޔާރުވެފައި ނޫންކަމަށެވެ.
"އަޅުގަނޑުމެންނަށް ދިމާވާ އެއްވެސް ދައްޗެއް ނެތް. އަޅުގަނޑުމެންނަށް ދިމާވާ ދައްޗަކީ އޮޕޮޒިޝަނެއް ނެތުން. ޑީއާރުޕީން މި އިންތިހާބު މި ބަލަނީ ވެރިކަން ހޯދުމުގެ ފާލަމެއްގެ ގޮތުގައި. ބުނެވޭނީ ޑީއާރުޕީ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވެފައެއް ނެތޭ. އެއީ މިއޮތް ދައްޗަކީ،" ޝަހީދު ވިދާޅުވި އެވެ.
މިއަދުގެ އެ ނިއުސްކޮންފަރެންސްގައި ޝަހީދު ވިދާޅުވީ ޕާޓީގެ ލީޑަރެއްގެ ހައިސިއްޔަތުން ޑީއާރުޕީގެ ތެރޭގައި ޒަމާނުއްސުރެ އޮތް އާއިލީ ވެރިކަން ނައްތާލުމަށް މިހާރުގެ ލީޑަޝިޕުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ތާއިދު ކުރައްވާ ކަމަށެވެ.
ޝަހީދު ވިދާޅުވީ އެމްޑީޕީ އަށް ލޯކަލް ކައުންސިލް އިންތިހާބު ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން ކާމިޔާބުކުރެއްވޭނެ ކަމާ މެދު އެއްވެސް ޝަކެއްނެތް ކަމަށާއި ރަށްރަށަށް ކުރަމުންދާ ދަތުރުތަކުން ވެސް އެކަން ވަރަށް ރަނގަޅަށް ހާމަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ