ކްލަބު މޯލްޑިވްސް ކަޕުގެ ފައިނަލަށް އެސްޓީއޯ އާއި ޕޮލިސް ދަތުރުކޮށްފި

މިހާރު ކުރިއަށްދާ މައިލޯ ކްލަބު މޯލްޑިވްސް ކަޕުގެ ފައިނަލަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ޕޮލިސް ކްލަބު ދަތުރުކޮށްފި އެވެ.
އިއްޔެ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޕޮލިސް ކްލަބާއި ކްލަބު އެމްޓީސީސީ އެވެ. މި މެޗުން ޕޮލިސް މޮޅުވީ 3-2 ލަނޑުންނެވެ. ރޭ ކުޅުނު މެޗުގައި ޕޮލިސް ކުލަބަށް ލަނޑުތައް ޖަހައިދީފައިވަނީ އަލީ ފަހުމީ އާއި އާދަމް ޒާހިރު އާއި އަލީ ރިޝްވާން އެވެ. އަދި އެމްޓީސީސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހަސަން އިބްރާހިމް (ތުނޑޭ) އަދި ހަސަން މިފްރާހް (މިފްރާ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ އެމްޓީސީސީގެ އަހްމަދު ގިތުރީޒް އެވެ.
ދެވަނަ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަލިކޮށް، އެސްޓީއޯ ފައިނަލަށް ދަތުރުކުރީ ޕެނަލްޓީ ޖަހައިގެންނެވެ. ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 ލަނޑުން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން އެސްޓީއޯ މޮޅުވީ 6-7 ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެސްޓީއޯގެ ފަތުހީ މޫސާ އެވެ.
މުބާރާތުގެ ފައިނަލުގައި އެސްޓީއޯ އާއި ޕޮލިސް ބައްދަލުކުރާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އަދި މުބާރާތުގެ ވިމެންސް 18/30 ފުޓްސަލް ފިއެސްޓާގެ ފައިނަލުގައި ޕޮލިހާއި ސިފައިންގެ ކްލަބު ބައްދަލުކުރާނީ އަންނަ ހުކުރު ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ