ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލާގައި ގޮތެއް ނިންމާނީ ކޯޓުން: ގާސިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލާގައި ގޮތެއް ނިންމާނީ ޝަރުއީ ކޯޓުން ކަމަށް ޖުމްހޫރީ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓަށް ފަހު މަޖިލިސް ބޭރުގައި ހުންނަވައި މީޑިއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މިހާރު ހާލަތު އޮތް ގޮތުން ވަކި އެއްޗެއް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށެވެ. ގާސިމް ވިދާޅުވީ އެ މައްސަލާގައި ވޯޓު ދެއްވީ ދެކޮޅަކަށް ކަމަށާއި އަދި މީގެ ކުރިން ވެސް އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.
އެ މައްސަލާގައި ޖުމްހޫރީ ޕާޓީން މިއަދު ނެރުއްވަފައި ވަނީ ފްރީ ވިޕެކެވެ. އެހެންކަމުން ބައެއް މެމްބަރުން ވަނީ އެއްކޮޅަށް ވޯޓުދެއްވަފައި އެވެ. އަދި ބައެއް މެމްބަރުން ދެކޮޅަށް ވޯޓު ދެއްވާފައިވެ އެވެ.
"ދެން މިއަދު މަޖިލީހުން އެހެން ނިންމީމަ ނިމުނީ ދެއްތޯ.. ދެން އަޅުގަނޑު ކީކޭތޯ ދަންނަވާނީ. ދެން މިހާރު އެވަނީ ހައިކޯޓަށް ވެސް މައްސަލައެއް ހުށަހަޅާފައި ގާނޫނު އަސާސީ ހިލާފުކަމެއްތޯ ނުވަތަ ނޫންތޯ ބަލައި ދިނުމަށް. އެކަމަކު ހައިކޯޓަކުން އަދި ވަކި އެއްޗެއް ނުބުނޭ. ދެން އިތުރަށް އަޅުގަނޑަކަށް އެއްޗެއް ދަންނަވާކަށް ނޭނގެ ދެން ކޯޓުން އެކަން ނިންމާނީ." ގާސިމް ވިދާޅުވި އެވެ.
ފަނޑިޔާރުކަމުން ވަކި ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ފާސްކޮށްފައި ވަނީ 53 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި އެ ދެބޭފުޅުން ވަކިކުރަން ނުފެންނަ ކަމަށް 21 މެންބަރުން ވޯޓު ދެއްވާފައިވާ އިރު އެއްވެސް ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިއްނެވި އެވެ. މިއަދުގެ ޖަލްސާ އަށް 78 މެމްބަރުން ވަޑައިގަތެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ކުރީގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ރައްޔިތުންގެ މަޖިލީހުން މިއަދު ވަކިކުރީ ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ ށ. އަށް ރިއާޔަތްކޮށެވެ.
އެ މާއްދާގެ ށ.ގައި ބުނަނީ "ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ފަނޑިޔާރު ކަމުގެ މަގާމަށް އެ މީހަކު ގާބިލު ނޫން ކަމަށް، ނުވަތަ އެ މަގާމާ އެެކަށީގެން ނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގަބޫލު ކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުންނެވެ.
ފާއިޒާއި މުއުތަސިމް ފަނޑިޔާރުކަމުން ވަކިކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ވޯޓު ދެއްވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުންނެވެ. އަދި އޭގެ ކުރީން ޖޭއެސްސީ އިން ވަނީ އެ ދެ ފަނޑިޔާރުންނަކީ ގާބިލު ނޫން ފަނޑިޔާރުން ކަމަށް ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ