ނާޒިމްގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލައިގެންފި

ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށް ސާބިތުވެފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން މިއަދު ބަލައިގަނެފި އެވެ.
ނާޒިމްގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން ބަލައިގަނެ އެ ކަމުގެ ލިއުން އޭނާއަށް މިއަދު ވަނީފޮނުވާފަ އެވެ. އަދި އެ މައްސަލަ ރަޖިސްޓްރީ ކުރުމަށް ދައްކަންޖެހޭ ފީ ފަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފަ އެވެ.
ނާޒިމް 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މާޗު މަހުގެ 26 ވަނަ ދުވަހު އެވެ. އޭނާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އެވެ. އިސްތިއުނާފް މައްސަލަ ކްރިމިނަލް ކޯޓުން ހައި ކޯޓަށް ފޮނުވީ މިދިޔަ މަހުގެ 19 ގަ އެވެ.
ސުޕްރީމް ކޯޓުން ދާދިފަހުން ނެރުނު ރޫލިންއެއްގައިވާ ގޮތުން ދަށު ކޯޓުން ނިންމާ މައްސަލައެއް އިސްތިއުނާފް ކުރަން ބޭނުންވާނަމަ އިސްތިއުނާފަށް ހުށަހަޅަންޖެހޭނީ އެ މައްސަލައެއް ނިންމި ކޯޓަކަށެވެ. އަދި އެ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފް ކުރާނީ އެ ކޯޓަކުންނެވެ.
ނާޒިމް ވަނީ މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭސްފަރުވާއަކަށް ސިންގަޕޫރަށް ފުރާވަޑައިގެންފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ