ޝުޖޫން އިސްތިއުފާދެއްވުމުން ހިތާމަ ކުރަން: މައުމޫން

ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން އާއިޝާ ޝުޖޫން މުހައްމަދު އިސްތިއުފާ ދެއްވުމުން ހިތާމަ ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. ރޭ ކުރެއްވި ޓުވީޓެއްގައި މައުމޫން ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގައި ފުރަތަމަ އައްޔަންކުރި ދެ އަންހެން ފަނޑިޔާރުންގެ ތެރޭގައި ޝުޖޫން ހިމެނުއްވުމަކީ އެ މަނިކުފާނަށް ލިބިވަޑައިގެންނެވި އުފާފުޅެކެވެ. ޝުޖޫން އިސްތިއުފާ ހުށަހަޅުއްވާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެހެން ނަމަވެސް، އޭނާ އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ޝުޖޫން އިސްތިއުފާ ދެއްވި އިރު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އޭނާ ހިލާފު ވެފައިވޭތޯ ބަލަން ޖޭއެސްސީން މިދިޔަ ފެބްރުއަރީ މަހު ފެށި އެވެ. އެއީ، ރިޝްވަތުގެ ގޮތުގައި މީހަކު އޭނާ އަށް ފަސް މިލިއަން ޑޮލަރު ހުށަހެޅި ކަމަށް ޓީވީއެމްގެ ހޭޔަންބޯ ޕްރޮގްރާމްގައި ވިދާޅުވުމާ ގުޅިގެންނެވެ. އެހެން ނަމަވެސް، އެ މައްސަލަ ގޮސްފައިވާ ހިސާބެއް ޖޭއެސްސީން ފަހުން ހާމަކޮށްފައެއް ނުވެ އެވެ. މޯލްޑިވްސް ޑީޓެއިނީ ނެޓްވޯކްގެ ފައުންޑަ މެމްބަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ޝުޖޫން ގެންދަވަނީ، އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މަސައްކަތް ކުރާ އދ.ގެ ސަބް-ކޮމެޓީ )އެސްޕީޓީ(ގައި ރާއްޖެ ތަމްސީލް ކުރައްވަމުންނެވެ. އެކި ގައުމުތަކުގައި ހިންގާ އިންސާނިއްޔަތާ ހިލާފު އަމަލުތަކާއި ދަށު ދަރަޖައިގެ އަމަލުތައް ހުއްޓުވޭނެ ގޮތެއް ގާއިމް ކުރުމަށް މަސައްކަތް ކުރާ އެ ކޮމެޓީގައި އޭނާ މަސައްކަތް ކުރައްވާ މިއީ ދެވަނަ ދައުރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ