ނަޝީދުގެ އިސްތިއުނާފް މައްސަލަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅަނީ
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ މައްސަލަ އަންނަ އާދިއްތަ ދުވަހު ހުށަހަޅަން މަސައްކަތް ކުރަމުންދާ ކަމަށް ނަޝީދު ވަކީލުން ބުނެފި އެވެ. ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ޓެރަރިޒަމްގެ ކުށުގައި ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓަށް އަންނަ އާދިއްތަ ދުވަހު ހުށަހަޅަން މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު ކުރަމުންދަނީ ލިޔުންތައް ފައިނަލައިޒް ކުރުމުގެ މަސައްކަތް ކަމަށް އެ ޓްވީޓްގައިވެ އެވެ. ހިސާންގެ އެ ޓްވީޓްގައިވާ ގޮތުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ގޮތަށް ޝަރުއީ މަރުހަލާގެ ތެރެއިން އެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެ އެވެ. ނަޝީދަށް އިއްވި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަނީ އެ މައްސަލަ އެއްވެސް ކޯޓެއްގައި އިސްތިއުނާފް ނުކުރަން ނަޝީދު ނިންމަވާފައި އޮތުމަށް ފަހު އެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަން އެ ކޯޓަށް ސިޓީއަކުން އަންގާފައިވާ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިސާން ވަނީ ވިދާޅުވެފަ އެވެ. މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދުގެ ވަކީލުން ބުނެފައިވަނީ އެ މައްސަލަ ނަޝީދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ވަކި މުއްދަތެއް ކަނޑައެޅިފައި އޮތް ކަމަކަށް ގަބޫލު ނުކުރާ ކަމަށެވެ. އެއީ އިސްތިއުނާފް މަރުހަލާ ދިއުމުގެ ފުރުސަތު އަދިވެސް ނަޝީދަށް އެބައޮތް ކަމަށް ސަރުކާރުން ބުނެފައިވާތީ ކަމަށް އެ ވަކީލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ