ކެންސަރު ޖެއްސި މަސައްކަތުގައި އާދަޔާހިލާފު 30 އަހަރު

ސަރުކާރުގެ އާދައިގެ މުވައްޒަފަކަށް ވިޔަސް އޭނާ ކުރަނީ އާދަޔާހިލާފު މަސައްކަތެކެވެ. އޮފީސް ތެރޭގައި ތިބޭ މުވައްޒަފުންނާ މާ ދުރުގައި ވަގުތުތައް ހޭދަކުރަނީ ވޯކްޝޮޕެއްގަ އެވެ. އާދަމް ރަޝީދުގެ މަސައްކަތަކީ ގައުމީ ބޮޑު ހިދުމަތެކެވެ. ރާއްޖޭގެ މަސްވެރިކަމަށް އިންގިލާބީ ކުރިއެރުމެއް ގެނައި އޮއިވާލި ކަނދުފަތިތަކައިގެން އޭނާ އުޅޭތާ 30 އަހަރުވީ އެވެ. އެ މަސައްކަތުގެ ސަބަބުން ކެންސަރު ޖެހުނު އިރު ވެސް އާދަމް ދިޔައީ ކުރިއަށެވެ. ފިޝަރީޒް މިނިސްޓްރީގެ ވަޒީފާ އަށް 1985ގައި ވަނީއްސުރެ ކަނދުފަތީގެ މަސައްކަތުގައި ދެމިހުރި އާދަމް، 52، އަށް ވުރެ ގިނަ ދުވަހު އެކަން ކޮށްފައިވާ އެހެން މީހަކު ނެތެވެ. ރާއްޖޭގައި ކަނދުފަތި ތައާރަފްކުރި ދުވަސްވަރުން ފެށިގެން އޭނާ ހުސްވެފައި ވަނީ އެ އެއްޗެހި ފަރުމާކުރުމާއި އުފެއްދުމާއި ހަރުކުރުމަށެވެ. އެކަމުގެ އިލްމެއް ނެތް ޒަމާނެއްގައި މައުލޫމާތާއި ތަޖުރިބާ ހޯދީ އަމިއްލަ މަސައްކަތާއި ހުނަރުންނެވެ. އަދި އޭގެ އަލީގައި އެހެން މީހުން ތަމްރީންކުރުމުގެ އިތުރުން އާދަމް ވަނީ ރާއްޖެ އިން ބޭރުގައި ވެސް ކަނދުފަތިތައް އަޅާފަ އެވެ. ދަތި ހާލުގައި ކަނޑުމަތީގައި ދުވަސްތައް ވޭތުކުރި އެތައް ސަތޭކަ ދަތުރެއް އޭނާ ކޮށްފައިވެ އެވެ. މަސައްކަތުގައި ބޭނުންކުރި ކެމިކަލްތަކުގެ ސަބަބުން ބޮލުގައި އުފެދުނު ޓިއުމަރު ނަގަން ބޮޑު އޮޕަރޭޝަނެއް ކުރަން ވެސް ޖެހުނެވެ. އެކަމަކު އާދަމް އަށް، އެއިން އެއްވެސް ގޮންޖެހުމަކީ މަސައްކަތް ހުއްޓާލަން ޖެހޭ ވަރުގެ އުޒުރެއް ނޫނެވެ. އާދަމް ކަނދުފަތިތަކަށް ބޭނުންވާ ބައިތައް ތައްޔާރުކުރުމުގެ މަސައްކަތުގައި.--ހަވީރު ފޮޓޯ: ނިޝާން އަލީ "އެއްވެސް ކަހަލަ މައުލޫމާތެއް ނެތި އަޅުގަނޑުމެން މަސައްކަތް ފެއްޓީ،" 1980ގެ އަހަރުތަކުގެ ތަޖުރިބާތައް ކިޔައިދެމުން އާދަމް ބުންޏެވެ. "[އޭރު ކަނދުފަތީގެ މަސައްކަތުގައި އިސްކޮށް އުޅުއްވި] އަލީ ނައީމްގެ އައިޑިއާސް ބޭނުންކޮށްގެން އަޅުގަނޑު ވެސް މަސައްކަތުގެ ތެރެއަށް ވަދެގެން ދެ މީހުންގެ ލަފައާއި އިރުޝާދުގެ ތެރެއިން ކުރިއަށް ގެންދިޔައީ. އަޅުގަނޑުމެން އަމިއްލަ އަށް ކަންކަން ވިސްނައި ހޯދައިގެން، އެކްސްޕެރިމެންޓްތައް ކުރަމުން ގޮސް، ކަނދުފަތިތައް ހަދަން އެންމެ ރަނގަޅު ގޮތްތައް ހޯދީ. އޭރު ބޭރާ ގުޅޭނެ ގޮތެއް ނޯވޭ. އިންޓަނެޓުން އެއްޗެއް ބަލައިލެވޭނެ ވެސް ގޮތެއް ނޯވޭ." އާދަމް އިންޓަވިއު ދެނީ: ބޭނުންވަނީ މަސައްކަތުގައި އަދިވެސް ކުރިއަށް ދާން.--ހަވީރު ފޮޓޯ: ނިޝާން އަލީ އދ.ގެ އެހީގައި 1981-1982 އަށް ހިންގި އަޖުމަ ބެލުމުގެ މަޝްރޫއަކަށް ފަހު ރާއްޖޭގައި އެންމެ ފުރަތަމަ އޮއިވާލި ކަނދުފަތިތަކެއް ހަރުކުރީ 1985-1988ގަ އެވެ. އެ 10 ކަނދުފައްޗާ އެކު މަސްވެރިކަމުގެ ދާއިރާ އަށް އައި ބޮޑު ބަދަލު އަލީ ނައީމް (އޭނާގެ ދިރާސާ ކަރުދާހެއްގައި) ސިފަކުރައްވާފައި ވަނީ 1974ގައި މަސް ދޯނިފަހަރުގައި އިންޖީނު އެޅުމާ އެއްފަދަ ކުރިއެރުމެއްގެ ގޮތުގަ އެވެ. އޮއިވާލި ކަނދުފައްޗެއް ހަރުކުރުމަށް ބޭނުންވާ ބައިތައް ހިފައިގެން ފިޝަރީޒް މިނިސްޓްރީގެ ދޯންޏެއް ދަތުރުކުރަނީ.--ފޮޓޯ: ފިޝަރީޒް މިނިސްޓްރީ މަސް އައިނުތައް ޖަމާވާން އެކަށޭނަ އޮއިވާލިތަކަކަށް ކަނދުފަތިތައް ވެގެން ދިޔުމަކީ ދޮށީގެ މަސްވެރިންނަށް ލިބުނު ބޮޑު ނިއުމަތެކެވެ. ބާނާނެ މަސް އައިނެއް ނުފެނިގެން ކަނޑުމަތީގައި އެނބުރެން ޖެހޭ ވަގުތާއި ތެލުގެ ހަރަދު އެތައް ގުނައެއް ކުޑަވި އެވެ. ނަތީޖާއަކަށްވީ ކަނދުފަތިތަކަށް މަސްވެރިންގެ ޑިމާންޑް ބޮޑުވެގެން ގޮސް، މުޅި ރާއްޖޭގައި ކަނދުފަތި އެޅުމުގެ ޕްރޮގްރާމެއް ސަރުކާރުން ފެށުމެވެ. އޭރު ސަރުކާރާ އެކު މަސްވެރިންނާއި އަމިއްލަ ކުންފުނިތަކުން ވެސް އެކަމަށް ހަރަދުކުރި އެވެ. މިހާރު، މަސްވެރިކަމުގައި މި ގޮތަށް ކަނދުފަތި ބޭނުންކުރާ އެއްވެސް ގައުމެއް ރާއްޖެ ފިޔަވައި ނެތެވެ. އޮއިވާލި ކަނދުފައްޗެއް ކައިރިން މަސްވެރިން މަސް ބާނަނީ.--ފޮޓޯ: ފިޝަރީޒް މިނިސްޓްރީ ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅާފައިވާ 53 ކަނދުފަތި ހާއްސަކޮށްފައި ވަނީ ދޮށީގެ މަސްވެރިކަން ކުރާ ދޯނިފަހަރަށެވެ. އެ މަސްވެރިން މަސް ހޯދަން އެހެން ތަނަކަށް ދާނީ ކަނދުފަތި ކައިރިން، ބޭނުންވާ ވަރަށް މަސް ނުލިބިއްޖެ ހާލަތެއްގަ އެވެ. އަދި، ގަވާއިދާ ހިލާފު ކަމަކަށް ވިޔަސް، އަތު ނަނު ބޭނުންކޮށްގެން ކަންނެލި ބާނާ އުޅަނދުފަހަރު ވެސް ބައެއް ފަހަރު މަސްވެރިކަން ކުރަނީ ކަނދުފަތިތައް ކައިރިންނެވެ. ކުޑަ މަސްކޮޅެއް ލިބުނަސް، ތެލާއި އެހެނިހެން ހަރަދުތަކަށް ބަލާއިރު، ކަނދުފައްޗަށް ބަރޯސާވުމުގެ ފައިދާ ބޮޑެވެ. ކޮންމެވެސް ވަރަކަށް މަސް ބޭނޭނެ ކަމުގެ ޔަގީންކަން އޮންނާތީ އެވެ. މިއީ މަސްވެރިކަން ދެމިއޮތުމާއި މަސްވެރިންނަށް އާމްދަނީ ލިބުމުގައި ކަނދުފަތިތައް އަދާކުރާ މުހިއްމު ދައުރެވެ. އޮއިވާލި ކަނދުފަތިތަކުގައި ބޭނުންކުރުމަށް ހަދާފައިވާ ކޮންކްރީޓް ބްލޮކްތަކެއް އާދަމް ދައްކާލަނީ.--ހަވީރު ފޮޓޯ: ނިޝާން އަލީ ހުޅުމާލޭގައި ހުންނަ ފިޝް އެގްރިގޭޝަން ސެންޓަރުގައި، އިތުރު ހަތަރު ދިވެހިންނާ އެކު، އާދަމްގެ ޒިންމާއަކީ ކޮންމެ ދުވަހަކު ވެސް ކަނދުފަތި ހެދުމެވެ. އެއަށް ބޭނުންވާ ފައިބަގްލާސް ބޮޔާއި ކޮންކްރީޓް ބްލޮކްތަކާއި ވަޔަރުލީ ވަލާއި އެ ނޫން ވެސް ބައިތައް ތައްޔާރުކުރުމެވެ. އެއީ މޫސުން ގޯސްވުމާއި މަސްވެރިންގެ އަމަލުތަކާ ހެދި ކަނދުފަތިތަކަށް ލިބޭ ގެއްލުންތައް މަރާމާތުކުރަން ދުރާލާ ކުރާ މަސައްކަތްތަކެކެވެ. ވޯކްޝޮޕްގައި ހަދާ ބައިތައް ހިފައިގެން ގޮސް ހަރުކުރުމުގައި ވެސް ވަރަށް ފަހަކާ ޖެހެންދެން އާދަމް އުޅުނެވެ. އެއީ މާޒީގައި ހިތި ތަޖުރިބާއެކެވެ. "މިހާރު ތިން އަހަރެއް ވަރު ވެދާނެ ދަތުރު ނުކުރާތާ. ތިން ސަތޭކައަށް ވުރެ ގިނަ ދަތުރު ހުންނާނެ ކުރެވިފައި. ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ދެވިފައި ހުންނާނީ. ވަރަށް ގިނަ ފަޅުރަށްތަކަށް ވެސް ދިޔައިން. ވައިގެ މަގުން ވެސް 100 ވަރަކަށް ދަތުރު ކޮށްފައި ހުންނާނެ،" މަސްވެރިކަމުގެ ދާއިރާ އިން ހިތްވަރުދިނުމުގެ ގައުމީ އިނާމް މިދިޔަ އަހަރު ހޯދާފައިވާ އާދަމް ބުންޏެވެ. "ބައެއް ދުވަސް ދުވަހު ރޮވޭ ވަރަށް ކަންތައްތައް ދޭ. ވަރަށް ކުޑަކުޑަ ދޯންނެއްގައި އަޅުގަނޑުމެން މަސައްކަތް ފެއްޓީ. ކަނޑު ގަދަވެގެން 21 ދުވަސް ވެސް ތިބެން ޖެހޭ. އެހެން ތިބޭ އިރު ކެއުމާއި ބުއިމާއި، ބޯފެން ހުސްވުމާއި އެކަހަލަ ވަރަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިވި. ވިއްސާރައިގައި ޖެހިގެން ދޯނި ފަރަށް އަރައިގެން ވެސް އުޅެން ޖެހޭ." އޮއިވާލި ކަނދުފަތިތަކުގައި އެޅުމަށް ހަދާފައިވާ ބޮއެތަކެއް ކައިރީ އާދަމް މަޑުކޮށްލައިގެން.--ހަވީރު ފޮޓޯ: ނިޝާން އަލީ ރާއްޖެ އަށް ފައިބަގްލާސް ލޯންޗުފަހަރު އެތެރެކުރަން ފެށި ހިސާބުން، ކަނދުފަތިތަކުގައި ފައިބަގްލާސް ބޮއެ ބޭނުންކުރުމުގެ ވިސްނުން ތައާރަފްވި އެވެ. އެއީ ކަނދުފަތިތަކަށް އައި ބޮޑު ކުރިއެރުމަކަށް ވިޔަސް، އާދަމްގެ ފުރާނައަށް ކުރިމަތިވި ބޮޑު ނުރައްކަލެކެވެ. "އަޅުގަނޑުމެން އެކްސްޕެރިމެންޓްކުރަން ފެށީ އެކްސެލެރޭޓާ، ހާޑްނާ، ރެސިން، މި ތިން ބާވަތް ބޭނުންކޮށްގެން. އެކި މެޝަމެންޓްތަކަށް މި އެއްޗެހި އަޅައިގެން، ކިހާ އިރަކުންތޯ އެ އެއްޗެހި ހިކެނީ ބެލީ. ކުރީގައި ހީކުރެވިފައި އޮތީ ހަށިގަނޑު ތެރެއަށް ޑަސްޓް ވަދެގެންނޭ ސިއްހީ މައްސަލަތައް ދިމާވަނީ. އެ އެއްޗެހި މިކްސްކުރާ އިރު ގޭސް އަރައިގެން ގޮތެއް ވާނެ ކަމުގެ އެއްވެސް އިޝާރާތެއް ލިބިފައެއް ނެތް،" ދެ ދަރިން ތިބި އާދަމް ކިޔައިދިނެވެ. "ވާން ފެށި ގޮތަކީ ނޭފަތުން، އަރިދަފުސް ގޮތަށް ހުންނަ އެއްޗެއް އަންނަން ފެށީ. ވިއްސަކަށް ލީޓަރުގެ ބޮޑެތި ޓައްޕުގައި އެއްޗެހި މިކްސްކުރަން އަޅުގަނޑުމެން ތިބެނީ މޫނު އެއާ ދިމާލަށް ދިއްކޮށްގެން. އެހެންވީމާ މިކްސްކުރާ އިރު އެ އަންނަ ގޭސް ހަށިގަނޑު ތެރެއަށް ގޮސްގެން، ސިކުނޑިގެ ތިރީ ކައިރީގައި ޓިއުމާއެއް އުފެދުނީ." މާލެ އިން ފަރުވާ ހޯދަމުން ދިޔަ ނަމަވެސް ޓިއުމަރެއް ހުރިކަން އާދަމް އަށް އެނގުނީ ފަސް އަހަރު ފަހުންނެވެ. އިންޑިއާ އަށް ގޮސް ޓިއުމަރު ނެގި އިރު ކެންސަރަށް ބަދަލުވެއްޖެ އެވެ. އެ އޮޕަރޭޝަނުގެ އުނދަގޫތައް މިހާރު ވެސް އިހުސާސްކުރެވެ އެވެ. އެކަމަކު ރޭޑިއޭޝަން ތެރަޕީ އަށް ފަހު އާދަމް ވަނީ ކެންސަރުން ސަލާމަތްވެފަ އެވެ. "އެ ކަންތައް ދިމާވީމާ ހިތަށްއެރީ ދެން ކޮންމެހެން [މަސައްކަތް] ހުއްޓާލުމުގެ ބޭނުމެއް ނެތޭ. އެއީ މި މަސައްކަތް ކުރާ ހިތްވާތީ. އަމުރުކުރާނެ މީހަކު ނެތިފައި، ވަރަށް މިނިވަންކަމާ އެކު މަސައްކަތްކުރެވެން އޮވެފައި، މަސައްކަތުގައި އެހާ ހިސާބަށް ދެވިފައި ހުރީމާ ހަމަ ކުރިއަށް ގެންދިޔައީ،" މިއަދާ ހަމައަށް ކަނދުފަތީގެ މަސައްކަތުގައި ދެމިހުރި ސަބަބުތައް އޭނާ ކިޔައިދިނެވެ. އާދަމް ކަނދުފަތިތަކަށް ބޭނުންވާ ބައިތައް ތައްޔާރުކުރުމުގެ މަސައްކަތުގައި.--ހަވީރު ފޮޓޯ: ނިޝާން އަލީ ވޭތުވެދިޔަ ދިގު މާޒީގައި އާދަމް ވަނީ އޮއިވާލި ކަނދުފަތީގެ މަސައްކަތް އެތައް ބަޔަކަށް ދަސްކޮށްދީފަ އެވެ. ޔަމަނަށް ގޮސް މަސްވެރިންނަށް ކަނދުފަތި އަޅާނެ ގޮތް ކިޔައިދީ އެ ގައުމުގައި ތިން ކަނދުފައްޗެއް އަޅައިދީފައި ވެސް ވެ އެވެ. އަދި ރާއްޖޭގައި އަވައްޓެރި ބައެއް ގައުމުތަކުގެ މީހުންނަށް ވެސް އޭނާ ވަނީ ތަމްރީންދީފަ އެވެ. މިހާރުގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީއަކީ ވެސް އެއް އިރެއްގައި އާދަމްގެ ދަށުން މަސައްކަތްކުރި މުވައްޒަފެކެވެ. ފަހުން ޑރ. ޝައިނީ ވަނީ ކަނދުފަތިތަކުގެ ޑިޒައިނަށް ޒަމާނީ ބަދަލުތައް ގެންނެވުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފަ އެވެ. އާދަމް ކަނދުފަތިތަކަށް ބޭނުންވާ ބައިތައް ތައްޔާރުކުރުމުގެ މަސައްކަތުގައި.--ހަވީރު ފޮޓޯ: ނިޝާން އަލީ އޮއިވާލި ކަނދުފަތީގެ ދާއިރާ އިން ރާއްޖެ ހޯދާފައިވާ ކުރިއެރުމުގެ ފަހަތުގައިވާ އެންމެ ބޮޑު އެއް ހިދުމަތްތެރިއަކީ އާދަމް އެވެ. އެކަމަކު ގައުމީ އިނާމާ ހިސާބުން ހިންދަމާލުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ފިޝަރީޒް މިނިސްޓްރީގެ ޓެކްނީޝަނެއްގެ ގޮތުގައި އަދާކުރަމުން އަންނަ ވަޒީފާއަށް އަންނަ ހަފްތާގައި 30 އަހަރު ފުރޭ ފަހުން ވެސް ކަނދުފަތީގެ ބައިތައް ހެދުމުގައި އާދަމް ދެމިހުންނާނެ އެވެ. އޭނާގެ އަޒުމަކީ މަސްވެރިކަން ކުރިއަރަމުންދާ ވަރަކަށް ކަނދުފަތިތައް އަދިވެސް ތަރައްގީކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ