އީރާނު މަތިން އެމެރިކާގެ ޑްރޯނެއް ވައްޓާލައިފި ކަމަށް ރިވޮލިއުޝަނަރީ ގާޑުން ބުނެފި

އީރާނުގެ ހޮރްމޮޒްގާން ޕްރޮވިންސު މަތިން ދަތުރުކުރި އެމެރިކާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބެނެފިއެވެ.
އައިއާރްޖީސީގެ ބަޔާނުގައި ވާގޮތުން، އެމެރިކާގެ އާރްކިޔު-4 ގްލޯބަލް ހޯކް މަރުކާގެ ޑްރޯނެއް ވަނީ ބުރާސްފަތި ދުވަހު ފަތިހު އީރާނުގެ ދެކުނު ހޮރްމޮޒްގާން ޕްރޮވިންސާ ދިމާއިން އީރާނުގެ ސަރަހައްދަށް ވަދެފައެވެ. އަދި އައިއާރްޖީސީގެ ވައިގެ ބާރުން ވަނީ އެ ޕްރޮވިންސްގެ ކޯހް މުބާރަކް ސަރަހައްދުގެ މަތިން ކާމިޔާބު ކަމާއެކު އެ ޑްރޯން ވައްޓާލާފައެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ވަނީ މިކަން ދޮގުކޮށްފައެވެ.
އީރާނު މަތިން އެމެރިކާގެ ޑޮރޯނެއް ވައްޓާލާފައިވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން، ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާނު ވަނީ އެކަމާ ބެހޭގޮތުން ވަކިއެއްޗެއް ބުނަން ދެކޮޅުހަދާފައެވެ.
އޭނާ ދެއްވިހާވެސް ޖަވާބަކީ "އީރާނު މަތީގައި އެމެރިކާގެ ޑްރޯނެއް ނެތް." މިއެވެ.
ފަހަކަށް އައިސް އީރާނާ އެމެރިކާއާ ދެމެދު ނުތަނަވަސްކަން އިތުރުވެ، އެމެރިކާއިން ވަނީ މެދުއިރުމައްޗަށް އަސްކަރީ އުޅަނދުތަކާ، ސިފައިންވެސް ފޮނުވާފައެވެ. އެހެންނަމަވެސް، ދެ ގައުމުންވެސް ބުނަމުން ގޮސްފައިވަނީ އެއް ގައުމުން އަނެއް ގައުމާ ހަނގުރާމަކުރަން ބޭނުންނުވާ ކަމުގައެވެ.
މިއަދު ހާދިސާއަކީ އީރާނުން ބުނާފަދައިން ހިނގާފައިވާ ހާދިސާއެއް ކަމުގައި ވަނީނަމަ، ދެގައުމުގެ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވެގެން ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ