ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު (ނ.ޢ.ޢ.ވ) ހެންވޭރު އާމުލީގެ، އަބްދުﷲ ސޯދިގަށާއި ހެންވޭރު ހިކަރި، އަހުމަދު އާދަމަށް އަރުވައިފިއެވެ.
މި ދެބޭފުޅުންނަށް އިއްޒަތް އެރުވުން އޮތީ ގައުމީދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.
ނިޝާނުގެ އިއްޒަތަކީ އެމީހެއްގެ ގައުމީ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން ނުވަތަ ބައިނަލްއަގްވާމީ ޚިދުމަތް ވަޒަންކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ އިއްޒަތެކެވެ. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ) ނިސްބަތްކުރެވެނީ އައްސުލްތާނުލް ޣާޒީ ހަސަން އިއްޒުއްދީން، ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަށެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވުނު އަބްދުﷲ ސާދިގަކީ، ސަރުކާރަށް 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް ދިވެހިބަހުގެ އެކެޑަމީގެ ޚާއްސަ މުޝީރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. މުލަކަތޮޅު މުއްޔަށް އުފަން އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރު ނަމުންނަމަ ސޯދުބެއަކީ ސަރުކާރުގެ ޚިދުމަތުގެ އިތުރަށް ދިވެހި އަދަބިއްޔާތަށާއި، ރާއްޖޭގެ ތައުލީމީ ދާއިރާއަށް އަގުނުކުރެވޭފަދަ މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ.
އުމުރުފުޅުން މިހާރު 84 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ސޯދުބެ ދިވެހިބަހަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކޮށް 1980 ވަނަ އަހަރާއި، 1983 ވަނަ އަހަރު ސަރުކާރުން ވަނީ އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވާފައެވެ. އަދި ދިވެހި ޅެންވެރިކަމުގެ ރޮނގުން 1992 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމުވެސް އަރުވާފައިވެއެވެ.
އޭގެފަހުން، ދިވެހިބަހަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު އަރުވާފައިވަނީ 1998 ވަނަ އަހަރުއެވެ. މީގެ އިތުރަށް، މިނިވަން 25ގެ އާންމު ޚިދުމަތުގެ އިނާމުވެސް ވަނީ ލިބިވަޑައިގެންފައެވެ. އެ އިނާމަކީ، ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ އަދި އޭގެކުރިންވެސް ރާއްޖޭގެ ކުރިއެރުމަށާއި ތަރައްގީއަށް ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށް އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން، 1990 ވަނަ އަހަރު ސަރުކާރުން ދިން އިނާމެކެވެ. މީގެ އިތުރަށް ސޯދުބެއަށް ވަނީ ނޫސްވެރިކަމުގެ ރަން ގަލަމާއި، އަލިމަސް ގަލަންވެސް ލިބިވަޑައިގެންފައެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވުނު އަހުމަދު އާދަމަކީ ރާއްޖޭގެ މިޒަމާނުގެ ތަރައްގީއާއި ކުރިއެރުމުގައި އާދަޔާ ޚިލާފު މަސައްކަތްތަކެއް ކޮށްދެއްވި އަދި އެބޭފުޅެއްގެ މަސައްކަތް މިއަދުވެސް ވަރަށް ގާތުން ފެންނަ ބޭފުޅެކެވެ. ސަރުކާރުގެ ޚިދުމަތް ފެއްޓެވީ 1 ފެބުރުއަރީ 1959 ގައި "މޯލްޑިވްސް ސްޓާރ"ގެ އެޕްރެންޓިސް އިންޖިނިއަރގެ މަގާމުންނެވެ. ރާއްޖޭގެ ނިސްބަތުން ބަލާއިރު، އެ ދުވަސްވަރަކީ އިންޖިނިއަރިންގގެ ރޮނގުން ކުރިއަށް ވަޑައިގެންފައިވާ ބޭފުޅުން ވަރަށްމަދު ދުވަސްވަރެއް ކަމުން، އަހުމަދު އާދަމް ފާހަގަކުރެވިފައިވަނީ، ގައުމީ ޚިދުމަތުގައި ރެޔާއިދުވާލު ވަރުބަލިވުމެއް ނެތި މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.
ދިވެހިރާއްޖޭގައި އިންޖިނިއަރިންގެ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން 1979 ވަނަ އަހަރު އަހުމަދު އާދަމަށް ވަނީ ސަރުކާރުން އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު އަރުވާފައެވެ. ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، 1979 ވަނަ އަހަރު ދެއްވަން ފެއްޓެވި އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އަހުމަދު އާދަމް ހިމެނިވަޑައިގަންނަވައެވެ. އޭގެ ފަހުން މިނިވަން 25ގެ އާންމު ޚިދުމަތުގެ އިނާމުވެސް އަހުމަދު އާދަމަށް ވަނީ ލިބިވަޑައިގެންފައެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު ސޯދުބެއާއި އަހުމަދު އާދަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ