ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތައް ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
އަބްދުﷲ ރިޔާޒުގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލާފައިވަނީ އޭނާގެ މައްޗަށް ފުލުހުން ކުރި ތުހްމަތަކާ ގުޅިގެން ތަހްގީގު ކުރަމުންދިޔަ މައްސަލައަކަށް އޭނާގެ ފޯނު ޗެކް ކުރުމަށް ޕިން ކޯޑް ޖަހާދޭން އެދުމުންވެސް ކޯޑު ޖަހާދީފައިނުވާތީ ކަމަށްބުނެ އެވެ.
މިއަދު މެންދުރު ފަހު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލާގެ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުންނާއި ދައުވާ އަބްދުﷲ ރިޔާޒުގެ ފަރާތުން ވަނީ ހުށަހަޅުއްވާފަ އެވެ. އަބްދުﷲ ރިޔާޒުގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހަތަރު މީހަކު ހެކިންގެ ގޮތުގައި ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަގާފައިވެ އެވެ.
ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ކޯޓު އަމުރެއް ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ރިޔާޒުގެ ފޯނު ގެންގޮސް ޕިން ކޯޑު ޖަހާދިނުމަށް އޭނާ އަރިހުން އެދުމުން ކޯޓު އަމުރުގައި ފޯނުގެ ޕިން ކޯޑު ޖަހާދޭން ނެތް ކަމަށްބުނެ ޕިން ކޯޑު ޖަހާދޭން ދެކޮޅު ހަދާފައިވާކަން ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އަދި އެއީ ކޯޓު އަމުރަކުން ބާރު ލިބިގެން ފުލުހުން ކުރާން އުޅުނު ކަމަކަށް ހުރަސް އެޅުން ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އަބްދުﷲ ރިޔާޒު އަތުން ފޯނު ނަގައި ފުލުހުންގެ ތަހްގީގަށް ގެންދިޔައިރުވެސް ފޯނު ނުނިވޭ ކަމަށާއި އަބްދުﷲ ރިޔާޒު ފޯނު ނިއްވާލީ ފޯނު ފްލައިޓް މޯޑަށް ލުމަށް އޭނާގެ އަތައް ދިނުންމުން ކަން ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށްވެސް ދައުލަތުން ވަނީ ފާހަގަ ކުރައްވާފަ އެވެ.
ރިޔާޒުގެ ވަކީލު ހިސާން ހުސެއިން ވިދާޅުވީ އަބްދުﷲ ރިޔާޒުގެ މައްޗަށް ކުރި އަމުރުގައި ފޯނުގެ ޕިން ކޯޑު ޖަހާދިނުމަށް އަމުރުކޮށްފައި ނެތިސް ކޯޓު އަމުރަކާ ހިލާފުވެގެން ކުރާ ދައުވާ އެއް ނުކުރެވޭނެ ރިޔާޒުގެ މައްޗަށް ކޮފައިވަނީ ކުރެވޭނެ ދައުވާއެއް ނޫން ކަމަށެވެ.
ރިޔާޒުގެ ދިފާއީ ވަކީލު އަލީ ޒާހިރު ވިދާޅުވީ ޕިންކޯޑު ދިނުމަށް އެދޭ އަމުރު ތަކުގައި ކޯޓު އަމުރުގައި އެކަން ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އެކަން ރިޔާޒުގެ މައްޗަށް ނެރުނު ކޯޓު އަމުރުގައި ބަޔާންކޮށްފައިވާއިރު ޕިންކޯޑު ދިނުމުގެ އަމުރެއް ރިޔާޒުގެ މައްޗަށް ކޮށްދިނުމުގެ އަމުރެއް ހޯދުމާ ގުޅޭ ގޮތުން ފުލުހުން މަޝްވަރާކުރިކަން ކޯޓުގައި ފުލުހުންދިން ހެކިންގެ ހެކިބަހުން ފެންނާން އޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ރިޔާޒު އަރިހުން ފޯނު ކޯޑު ދިނުމަށް ފުލުހުން އެދުމުން ހަނދާން ހުރި ނަމްބަރުތަކެއް ވިދާޅުވި ކަމަށާއި ހަނދާނެ ނެތުމަކީ އުޒުރެއް ކަމަށްވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ފޯނު ނިއްވުމަށްފަހު ޖަހަން ޖެހޭ ޕިންކޯޑު ހަނދާން ނެތިދާ ފަދަ ކަންތަކެއް ދިމާވިކަމަށްވެސް އަލީ ޒާހިރު ވިދާޅުވި އެވެ.
އަބްދުﷲ ރިޔާޒު ހައްޔަރުކޮށްފައިވަނީ ވެސް ކޯޓު އަމުރަކަ ނުލާ ގާނޫނާ ހިލާފަށް ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބެހޭ ގާނޫނާވެސް ފުލުހުން ހިލާފުވެފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އެހެން ކަމުން އޭނާ ވިިދާޅުވީ ގާނޫނާ ހިލާފު އިޖުރާއަތްތަކެއްގެ މައްޗަށް ބިނާވެ ކުރާ ކަމަކުން ހޯދާ ހެއްކެތް އެއީ ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށް މީގެ ކުރިންވެސް ސުޕްރީމް ކޯޓުންވެސް ނިންމާފައިވާ ކަމަށެވެ.
ތަހްގީގުގައި ފުލުހުން އެދުމުން ފޯނުގެ ޕިން ކޯޑު ހަނދާން ނެތުމުން ކޯޑު ޕިން ޖަހާނުދެއްވުނު ނަމަވެސް ޝަރީއަތުގެ ތެރޭގައި ފަނޑިޔާރުން ދެއްވި ފުރުސަތުގައި ޕިން ކޯޑު ޖައްސަވާ ފޯނު ވަނީ ހުޅުވާ ދީފަ އެވެ. އަދި އޭގެ ސަބަބުން ފުލުހުން ތަހްގީގު ކުރަމުންދާ މައްސަލައަށް އޮތް ހުރަސް ނެތިއްޖެ ކަމަށް ފުލުހުން ބުނެފައިވާކަން ފާހަގަ ކުރައްވާ ރިޔާޒުގެ ވަކީލުން ވިދާޅުވީ ރިޔާޒުގެ މައްޗަށް ކޮށްފައިވާ އެދައުވާގެ ކުރިއަށް މިހާރު ނުގެންދެވޭނެ ކަމަށެވެ.
އަބްދުﷲ
އަބްދުﷲ ރިޔާޒުގެ ފޯނު ކޯޓު އަމުރެއް ދަށުން ފުލުހުން ގެންގޮސްފައިވަނީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުގެ ރެ އެވެ.
އަބްދުﷲ ރިޔާޒު ވަނީ މި މައްސަލާގައި އިތުރު ފުރުސަތު ޕްރޮގުރާމްގެ ދަށުން އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް އެދި ޕީޖީ އޮފީހުގައި އެދިވަޑައިގެންފަ އެވެ. އަދި މި މައްސަލާގައި ދެން އޮންނާނީ ހުކުމް ކަމަށްވާތީ ޕީޖީ އޮފީހުން އިތުރު ފުރުސަތު ދިނުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމުގެ ކުރިން ހުކުމް ކުރުމަށް ބާއްވާ ޝަރީއަތް ނުބޭއްވުމަށްވެސް ރިޔާޒު ވަކީލުން ވަކީ ފަނޑިޔާރުންގެ އަރިހުން އެދިފަ އެވެ. ރިޔާޒު އިތުރު ފުރުސަތަކަށް އެދި މިއަދު ހުށަހަޅުއްވާފައިވާތީ ފަނޑުޔާރުން ވަނީ ޝަރީއަތް ވަކި ދުވަހަކަށް ތާވަލު ނުކުރައްވާ މަޑުޖައްސަވާލައްވާފަ އެވެ
އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލި ދައުވާގެ އަޑުއެހުންތައް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ