ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ފޭކު އަމުރެއް ނެރުނު ކަމަށްބުނެ ޖަލަށްލާފައިވާ މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާނު ގަދަކަމުން ޖަލު ގޮޅިން ނެރުނު މައްސަލައެއް ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
ނިހާނުގެ ގާނޫނީ ވަކީލު ޝާދިޔާ އާދަމް ވިދާޅުވީ އިއްޔެގެ ވަގުތެއްގައި ނިހާނު ހުރި ގޮޅިން ގަދަކަމުން ނެރެ ބިޑިއަޅުވާފައި އެތައް އިރަކު ބެހެއްޓި ކަމަށާއި އަދި މިހާރު ނިހާނު އެހެން ގޮޅިއަކަސް ބަދަލުކޮސްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފުރިހަމަ މައުލޫމާތެއް ނުލިބޭ. އެޗްއާރުސީއެމަށް މި ހުށަހެޅީ އެ މައްސަލައަކީ ޓޯޗާގެ އަމަލެއްގެ ގޮތުގައި ބަލައިދިނުމަށް" ޝާދިޔާ ވިދާޅުވިއެވެ.
ނިހާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެގެން 17 އަހަރުގެ ޖަލު ހުކުމެއް ދަނީ ތަންފީޒު ކުރަމުންނެވެ.
ގާޒީ ނިހާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތަރު ދައުވާގެ ތެރެއިން ހުކުމް ނުކޮށް އޮތް ތިން ދައުވާ މިހާރު ވަނީ ބާތިލްކޮށްފައެވެ. އެއީ ނިހާނަށް ކުރާ ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުމުގެ ދައުވާއާއި، ސައްހަ ނޫން ލިއުމެއް އުފެއްދުމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.
ނިހާނުގެ އިތުރަށް ރައީސް ޔާމީން ހައްޔަރުކުރަން އަމުރެއް ނެރުނު މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެފައި ވަނީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ މައްޗަށެވެ. މުހުތާޒަށްވެސް 17 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
ގާޒީ ނިހާނު ގަދަކަމުން ޖަލުގޮޅިން ނެރުނު މައްސަލަ އެޗްއާރުސީއެމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ