ރައްޔިތުން ބޭނުންވާނަމަ ރައީސްކަމަށްވެސް ކުރިމަތިލާނަން - ނާޒިމް

ރައްޔިތުން ބަލައިގަންނަކަމުގައިވާނަމަ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށްވެސް ކުރިމަތިލައްވާނެކަމަށް ކުރީގެ ޑިފެންސް މިނިސްޓްރަ ކާނަލް (ރޓޑ) މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
"އަވަސް" އަށް ދެއްވި ބަސްދީގަތުމެއްގައި ނާޒިމް ވިދާޅުވީ އެމީހަކީ ރައީސްކަމަށް ކުރިމަތިލާ މީހެއްކަމުގައިވާނަމަ، އެއީ ރައްޔިތުން ބަލައިގަންނަ މީހަކަށްވެސް ވާން ޖެހޭނެކަމަށާއި އަދި އެކަންވެއްޖެނަމަ، ރައީސްކަމަށް ކުރިމަތިލާންވީ ވަގުތު އައިސް ޖެހުނީކަމުގައެވެ.
"ރައްޔިތުން ބަލައިގަންނަން ޖެހޭ ދެއްތޯ އެމީހެއް، ރައްޔިތުން ބަލައިގަތީމަ އަޅުގަނޑު ގަބޫލު ކުރަނީ އެކަން އައިސް އެ ޖެހުނީ ކަމަށް، އޭރަށް ރައްޔިތުން ވޯޓު ލާނީ، ރައްޔިތުންނަށް ގަބޫލު ކުރެވެން ޖެހޭނެ އެމީހަކީ މިވަގުތު ތިމަންނަމެން ގޮވައިގެން އުޅެވޭނެ މީހެއް ކަމަށް" އޭނާ ވިދާޅުވިއެވެ.
މީގެއިތުރުންވެސް، ނާޒިމް ވިދާޅުވީ ރާއްޖޭގެ ރައީސްކަމުގެ މަޤާމަކީ ވަކި ނަސަބަކަށް އޮތް ކަމެއް ނޫންކަމަށާއި، އެއީ ކޮންމެ މީހަކަށްވެސް އޮތް ޙައްޤެއް ކަމުގައެވެ. އަދި އެއީ ވަކި ބަޔަކަށް ލިޔުއްވާފައި އޮތް ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަނގެތިީ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައިވާ ނާޒިމް އިތުރަށް ވިދާޅުވީ ބޭނުންވަނީ ސިޔާސީ ގޮތުން ދެވެން އޮތް އެންމެ މައްޗަށް ދިއުމަށް ކަމަށެވެ. އަދި އެމީހަކު ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ