ނަޝީދާއި ނާޒިމް މިނިވަންކުރުމަށް ގާސިމް ކޮންމެ ބޭފުޅަކާ ވެސް ބައްދަލުކުރައްވާނެ: އަމީން

ސިޔާސީ ގޮތުން ހައްޔަރުކުރެވިފައިވާ ކޮންމެ މީހެއްގެ ހައްގުގައި ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޮންމެ ބޭފުޅަކާ ވެސް އަދި ކޮންމެ ތަނެއްގައިވެސް ބައްދަލުކުރައްވާނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަމީން މިހެން ވިދާޅުވެފައި މިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) މިރޭ ބައްދަލުކުރައްވާފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގަ އެވެ.
އަމީން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ދެންވެސް ބަންދުގައި ތިބި މީހުންގެ ހައްގުގައި ޖޭޕީގެ ލީޑަރު ކޮންމެ ބޭފުޅަކާ ވެސް ކޮންމެ ތަނެއްގައިވެސް ބައްދަލުކުރައްވާނެ ކަމަށެވެ.
އަމީން މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު ފަރާތްތަކުން ގާނޫނު އަސާސީގެ ދިފާއުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ބޮޑު އެއްވުމުގައި ސަރުކާރަށް ހުށަހެޅި 13 ޑިމާންޑްގެ ތެރޭގައިވެސް ސިޔާސީ ގޮތުން ހައްޔަރުކުރެވިފައިވާ މީހުން މިނިވަންކުރުން ހިމެނެ އެވެ. ނަޝީދާއި ނާޒިމްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) މިރޭ ބައްދަލުކުރެއްވި ނަމަވެސް މިތިން ބޭފުޅުންގެ މެދުގައި މަޝްވަރާކުރެވުނީ ކޮން ކަމަކާއި ގުޅޭގޮތުން ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ