ދިޔަމިގިލިން ކަރަންޓް ކެނޑުނު މައްސަލައިގެ ބަހުސު ކުރިއަށް ނުގެންދެވިގެން ޖަލްސާ މެދުކަނޑާލައިފި

ކަރަންޓް ކެނޑިގެން ހަތަރު ދުވަސް ވީއިރުވެސް ތ. ދިޔަމިގިއްޔަށް ކަރަންޓް ލިބިފައި ނުވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި މަޖިލީހުގެ ތަޅުން ހޫނުވެ ޖަލްސާ ކުރިއަށް ނުގެންދެވިގެން މެދުކަނޑާލައިފި އެވެ.
ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި މި މައްސަލައަށް ކުރިއަށް ގެންދިޔަ ބަހުސްގައި، މައްސަލަ ގޯސްވެ މެންބަރުންގެ އަޑުގަދަވީ، ދިޔަމިގިއްޔަށް ކަރަންޓް ދީފައިވާ ކަމަށާއި އެ މައްސަލައަށް ބަހުސް ނުކުރެވޭނެ ކަމަށް އެމްޑީޕީ މެންބަރުން ވިދާޅުވުމުން ވެސް، މައްސަލަ އަށް ބަހުސް ކުރުމަށް ފާސްކޮށްފައި ވަނީ މެންބަރުން ވޯޓު ދެއްވައިގެން ކަމަށް ވިދާޅުވެ ބަހުސް ކުރިއަށް ގެންދެވުމަށް ރިޔާސަތުން ނިންމެވުމުންނެވެ. އަދި އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް އަޑުގަދަކުރައްވައި މެންބަރުން ވާހަކަ ދެއްކެވުމަށް ހުރަސް އަޅުއްވާފައިވާކަން ފާހަގަ ކުރެވެ އެވެ. އެގޮތުން ފޯއްމުލަކު މެދުދާއިރާގެ މެންބަރު ޝިފާގު މުފީދު ތަކުރާރުކޮށް ނިޒާމީ މައްސަލަ ނަންގަވައި ވަނީ އަޑުގަދަ ކުރައްވައިފަ އެވެ. އަދި ޖަލްސާގެ ކޯރަމް ގެއްކުވާލުމަށް ވެސް އެ އެ މެންބަރުން ތަކުރާރުކޮށް މަސައްކަތް ކުރައްވައިފައިވާ ކަމަށް އިދިކޮޅު މެންބަރުން ތުހުމަތު ކުރެއްވި އެވެ. އެ މައްސަލައިގައި ޝިފާގު މުފީދަށާއި އެހެން މެންބަރުންނަށް އަޑުގަދަ ނުކުރެއްވުމަށާއި ނިޒާމީ މައްސަލަ ގަވާއިދު ގަވާއިދާ އެއްގޮތަށް ނެންގެވުމަށާއި މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވުމަށް ރިޔާސަތުން ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ގެންދެވި އެވެ.
އަދި މައްސަލައަށް ވާހަކަ ދެއްކޭ ފަދަ މާހައުލެއް ގާއިމްކޮށް ދެވުމަށް އިދިކޮޅު މެންބަރުން ތަކުރާރުކޮށް ރިޔާސަތަށް ދަންނަވަނަވަމުން ގެންދެވި އެވެ. އަދި އަޑުގަދަ ކުރައްވައި މެންބަރުން ވާހަކަ ދެއްކެވުމަށް ހުރަސް އަޅުއްވާ މެންބަރުންނާ މެދު ފިޔަވަޅު އެޅުއްވުމަށް ބައެއް މެންބަރުން އެދިވަޑައިގެންނެވި ނަމަވެސް ރިޔާސަތުން އެފަދަ އެއްވެސް މެންބަރަކަށް މިއަދު އިންޒާރެއް ވެސް ދެއްވައިފައެއް ނުވެ އެވެ. ނަމަވެސް އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް މެންބަރުން ވަރަށް ހުތުރު ބަހުން ވަނީ ވާހަކަ ދައްކަވައިފަ އެވެ. އަދި އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގެ ދޮރު ހުޅުއްވައިގެން ކޯރަމް ގެއްލުވާލުމަށް ޖަލްސާއިން ނިކުންނެވުމަށް ބައެއް މެންބަރުންނަށް ދަންނަވަމުން ގެންދެވި ކަމަށް ބައެއް މެންބަރުން ވިދާޅުވި ނަމަވެސް ރިޔާސަތުން އެކަމާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
އެންމެ ފަހުން ޖަލްސާ މެދުކަނޑުއްވާލައްވަމުން ރިޔާސަތުގައި އިންނެވި އަލީ މުހައްމަދު ވިދާޅުވީ، ޖަލްސާ ކުރިއަށް ގެންދެވޭވަރު ނުވާތީ 1:00ގައި ޖަލްސާ އަލުން ފެށުމަށް ޖަލްސާ މެދުކަނޑުއްވައި ލެއްވީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ