އަޅުގަނޑު އަބްދުﷲ ގާޒީ ހައްޔަރެއް ނުކުރަން: އިބްރާހިމް ދީދީ

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި ކަމުގެ ދައުވާ އަށް އިންކާރުކުރައްވާ ކަމަށާއި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާ ހަމަ އަށް ވެސް ހުންނެވީ ގާނޫނީ ސަރުކާރުގެ ހިމާޔަތުގައި ކަމަށް، އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ދައުވާ ލިބޭ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ދައުވާ އިއްވުމުން އިބްރާހިމް ދީދީ ވިދާޅުވީ ދައުލަތުން އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިންކާރު ކުރައްވާ ކަމަށާއި އަބްދުﷲ ގާޒީ ހައްޔަރުކުރީ އޭނާ ނޫން ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް ނިސްބަތްކޮށް އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހާ ހަމައަށް އޭނާ ހުންނެވީ އޭރު އޮތް ގާނޫނީ ސަރުކާރުގެ ހިމާޔަތުގައި ކަމަށާއި އަދި އެއީ އޭނާގެ ވާޖިބެއް ކަމަށެވެ. ނަމަވެސް "އެކަމާ ދެކޮޅު" ސިފައިންގެ ބަޔަކު އޭނާއާ ދެކޮޅަށް ކޯޓުގައި ދޭ ހެކިބަހުގެ އަދުލުވެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ. އަދި އޭރުގެ ޑިފެންސް މިނިސްޓްރީން ކުރިކަމާ ގުޅިގެން އޭނާގެ މައްޗަށް ފަރުދީ ގޮތުން ދައުވާ ނުކުރެވޭނެ ކަމަށާއި އެ ދައުވާއަކީ ބޭ އިންސާފު ދައުވާއެއް ކަމަށް ވެސް އިބްރާހިމް ދީދީ ވިދާޅުވި އެވެ.
އިބްރާހިމް ދީދީގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ އައިޝަތު ފަޒްނާ ވިދާޅުވީ އިބްރާހިމް ދީދީ މާލޭ އޭރިއާގެ ކޮމާންޑަރަކަށް ހުރެ އޭރުގެ ސިފައިންގެ އެންމެ މަތީވެރިޔާގެ އެންގުމަށް ހިންގި އޮޕަރޭޝަނެއްގައި، އެ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހުރެ 17 ޖެނުއަރީ 2012 ވަނަ ދުވަހުގެ ރޭ އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވާތީ އިބްރާހިމް ދީދީގެ މައްޗަށް، ކުށްނުކުރާ މީހަކު ހިފާ ހައްޔަރުކުރުމުގެ ދައުވާކުރާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގައި އިބްރާހިމް ދީދީގެ ވަކީލް އިސްމާއިލް ވިޝާމް ވަނީ އިޖްރާއީ ދެ ނުކުތާއެއް ނަންގަވައިފަ އެވެ. އެގޮތުން ކުށްނުކުރާ މީހަކު ހިފާ ހައްޔަރުކުރުމުގެ ދައުވާއަކީ ކުރިން ކުރާ ދައުވާއަކަށްނުވާތީ އެކަމާ މެދު ވިޝާމް ސުވާލު އުފެއްދެވި އެވެ. އަދި އަބްދުﷲ ގާޒީ އަކީ ކުށްނުކުރާ މީހެއްކަން ދައުލަތުން ސާބިތުކޮށްދެވިފައިވޭތޯ ވިޝާމް ސުވާލު އުފެއްދެވި އެވެ.
އެ ނުކުތާތަކާ ގުޅިގެން ދައުލަތުގެ ވަކީލާ ފަޒްނާ ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ވެސް އެފަދަ ދައުވާއެއް މީހެއްގެ މައްޗަށް ކޮށްފައިވާ ކަމަށާއި އަދި އޭނާގެ މައްޗަށް އެ ކުށް ސާބިތު ވެސް ވެފައިވާ ކަމަށެވެ. އަދި ދެ ވަނަ ނުކުތާއާ ގުޅިގެން ފަޒްނާ ވިދާޅުވީ ކުށް ސާބިތުނުވާ ކޮންމެ މީހަކީ ކުށެއް ނެތް މީހެއް ކަމަށް ގާނޫނު އަސާސީގައި އޮތުމުން އަބްދުﷲ ގާޒީއަކީ ކުށެއް ނެތް މީހެއް ކަމަށް ބެލެވޭނެ ކަމަށެވެ.
އެ ނުކުތާތަކާ ގުޅިގެން ގޮތެއް ނިންމުމަށް ފަސް މިނެޓަށް ޝަރީއަތް މެދުކަނޑާލުމަށްފަހު އަލުން ފެށުމަށް ފަހު ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ ދެ ނުކުތާއަކީ ވެސް އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅޭފަދަ ނުކުތާތަކެއް ނޫން ކަމަށެވެ. އެހެންކަމުން އެ މައްސަލައިގެ ހުކުމް އިއްވާއިރު އެކަމާ މެދު ވެސް ގޮތެއް ނިންމާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
އިބްރާހިމް ދީދީއާ ދެކޮޅަށް ދައުލަތުން ވަނީ ހެކިންގެ ގޮތުގައި ގިނަ އަދަދަކަށް ފުލުހުންނާއި ސިފައިންގެ އޮފިސަރުންގެ ނަންތައް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި އަބްދުﷲ ގާޒީ އާއި އޭނާ ހައްޔަރުކުރި އިރު ނަގާފައިވާ ވީޑިއޯ ފުޓޭޖެއްގެ އިތުރުން ބައެއް ލިޔެކިއުންތައް ވެސް ދައުލަތުން ހުށަހެޅި އެވެ.
ދައުވާއަށް ޖަވާބުދާރީވުމަށް އިބްރާހިމް ދީދީގެ ފަރާތުން 30 ދުވަހުގެ މުހުލަތަކަށް އެދުނު ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ވަނީ އެ މުއްދަތު ނުދެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދެން އޮންނަ އަޑުއެހުން އަންނަ މަހުގެ 20 ވަނަ ދުވަހު އޮންނާނެ ކަމަށާއި އެ ދުވަހު ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނަންގަވާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
އިބްރާހިމް ދީދީއާ އެކު އެ މައްސަލައިގައި ދައުވާކުރަނީ ކުރީގެ ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލުގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ. އެ ހުރިހާ ބޭފުޅުންގެ ޝަރީއަތް ވެސް ކުރިއަށް ގެންދަން ނިންމާފައި އޮތީ ވަކިވަކިން ނެވެ.
މި ބޭފުޅުންގެ މައްސަލަ ބައްވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ޝުޖާއު އުސްމާނާއި ހުސައިން މަޒީދުގެ އިތުރުން އަބްދުއްނާސިރު އަބްދުއްރަހީމެވެ. ރިޔާސަތު ބަލަހައްޓަވަނީ ޝުޖާއު އުސްމާނެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިފަހުން އިބްރާހިމް ދީދީ ވަނީ ސިފައިންގެ ވަޒީފާއިން އިސްތިއުފާ ދެއްވައިފަ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ދައުވާލިބޭ ކާނަލް ޒިޔާދުގެ ޝަރީއަތް މާދަމާ ފަށަން ވަނީ ހަމަޖައްސައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ