އަލިފުށި ދާއިރާގެ ގޮނޑި ޕީޕީއެމް ކާމިޔާބު ކުރިކަން ރަސްމީކޮން އިއުލާން ކޮށްފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރ. އަތޮޅު އަލިފުށީ ދާއިރާ ބައި އިލެކްޝަން ޕީޕީއެމް ޓިކެޓްގައި ވާދަކުރި އިބްރާހިމް މަހީޝް ކާމިޔާބުކުރިކަން އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިއުލާންކޮށްފި އެވެ.
ބޮޑު ހަތަރު ސިޔާސީ ޕާޓީއަކުން ވާދަކުރި އަލިފުށި ދާއިރާ ބައި އިލެކްޝަންސްގެ ދާއިމީ ނަތީޖާ މިއަދު އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ އިރު އެ އިންތިހާބުގެ ވަގުތީ ނަތީޖާއާ ދެމެދު އެއްވެސް ބަދަލެއް އައިސްފަ ނުވާކަމަށް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.
އަލިފުށި ދާއިރާގެ ކައުންސިލް ގޮނޑި މަހީޝް ކާމިޔާބު ކުރީ 883 ވޯޓު ލިބިގެންނެވެ. އެއީ ވޯޓުލީ މީހުންގެ 44.39 ޕަސެންޓް ވޯޓެވެ. އޭނާ އާ އެންމެ ގާތުން އެ ގޮނޑިއަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް، މޫމިނާ އީސާފުޅަށް ލިބިފައި ވަނީ 827 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 41.58 ޕަސެންޓެވެ.
އެ އިންތިހާބުގައި ވާދަކުރި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ނާސިފް އަބްދުﷲ އަށް ފަސް ވޯޓް ލިބުނު އިރު ޑީއާރްޕީން ކުރިމަތިލި އަބްދުﷲ ޝިނާނު އަށް ލިބުނީ 274 ވޯޓެވެ.
މ. އަތޮޅު ރަތްމަންދޫ ރަށު ކައުންސިލް ގޮނޑި އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލި މުހައްމަދު ރާމިޒް ކާމިޔާބު ކުރީ ޑީއާރުޕީގެ ކެންޑިޑޭޓާއި ވާދަކޮށްގެންނެވެ. އެ އިންތިހާބުގައި މުހައްމަދު ރާމިޒަށް 75 ވޯޓު ލިބުނު އިރު ޑީއާރުޕީން އެ ކައުންސިލަށް ކުރިމަތިލި ފާތިމަތު ލިއުޝާ އަށް ލިބުނީ 64 ވޯޓެވެ.
ހަތަރު ބައި އިލެކްޝަނެއް އަންނަ މަހު 29ގައި ވެސް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ