ގާސިމް ދޫކޮށްލަން މައުމޫން ގޮވާލައިފި

ޖުމްހޫރީ ޕާޓީގެ ލީޑާރު ގާސިމް އިބްރާހިމް ދޫކޮށްލަން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ގޮވާލައިފިއެވެ.
ގާސިމް ހައްޔަރުކުރިތާ ދެގަޑިއެއްހާއިރު ފަހުން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމް ހައްޔަރުކުރުމުން ކުއްލި ސިހުމެއް ލިބިވަޑައިގެންނެވި ކަމަށެވެ.
ގާސިމް ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށާއި ޤާނޫނުގެ ބާރު ދަމަހައްޓަން ޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ގާސިމް މިރޭ ހައްޔަރުކުރީ، ރިޝްވަތު ދިނުމާއި ގާނޫނީ ސަރުކާރު ބަދަލުކުރަން، ހިތްވަރު ދެމުންދާކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ގާސިމް ހައްޔަރުކުރުމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެޖެންޑާކޮށް ވަގުތު ކައިރިވެފައިވަނިކޮށް، ގާސިމް ބޭނުންވާ ވަކިގޮތަކަށް އެ ވޯޓު އަނބުރާލުމަށްޓަކައި، މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ، އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ ކަމަށެވެ.
އަދި ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން، މަސައްކަތް ކުރާ ކަމަށް ވެސް ތުހުމަތުކުރެވިފައިވާ ކަމަށާއި، ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ، ސަރުކާރު ގާނޫނާއި ގަވާއިދާއި ހިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭފަދަ، އަމަލުތަކެއް ކުރާކަމަށް ވެސް ގާސިމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެހެންކަމުން ގާސިމް ހައްޔަރުކުރީ މި މައްސަލަތަކުގެ، ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވަން މަސައްކަތް ކޮށްފާނެ ކަމަށް، ފެންނާތީ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ