އަޅުގަނޑު ޖަލަށްލާން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ: އުމަރު

ސަރުކާރުން އޭނާ ޖަލަށްލުމަށް ކުރަމުންއަންނަ މަސައްކަތް ކާމިޔާބު ނުވާނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު "ސަން"އަށް ވިދާޅުވީ ސަރުކާރުތަކުން އޭނާ ޖަލަށްލުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެ މަސައްކަތް ކާމިޔާބުނުވާނެ ކަމަށެވެ. ހޯމް މިިނިސްޓަރު ކަމުގައި ހުންނަވައިގެން ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ފައިގައި އަޅުވަން ޓެގު ގަތުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. އުމަރު ވިދާޅުވީ އޭނާ ޖަލަށްލުމަކީ އެމްޑީޕީގެ ވިސްނުމެއްކަން އެނގިގެން ދަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލަތް) ދެއްކި ވާހަކައިން ކަމަށެވެ. ޗެނަލް13 ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ދޮންބިލަތް ވިދާޅުވެފައި ވަނީ އުމަރު ތައްޔާރުވެވަޑައިގަންނަވަންވީ 2023 ގެ ރިޔާސީ އިންތިހާބަށް ނޫން ކަމަށާއި އޭނާ ތައްޔާރުވެވަޑައިގަންނަވަންވީ ޖަލަށް ދިޔުމަށް ކަމަށެވެ. "އެމްޑީޕީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އަޅުގަނޑު ޖަލަށްލެވޭތޯ އަޅުގަނޑުގެ މައްސަލައެއް ކުރިމިނަލް ކޯޓަށް ފޮނުވި. ކުރިމިނަލް ކޯޓުން ހައްޔަރު ކުރުމުގެ އަމުރެއް ނުދިނީމަ ހައްޔަރު ކުރުމުގެ އަމުރު ސުޕުރީމް ކޯޓުގައި އިސްތިއުނާފު ކުރީ. އަދި އެ އަމުރު ހައި ކޯޓުގައި ވެސް އިސްތިއުނާފު ކުރި،" އުމަރު ވިދާޅުވިއެވެ. އޭނާއަށް ދައުވާ ކުރަން އުޅެނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު މަދު ކުރުމަށް ކަމަށް ވެސް އުމަރު ސިފަކުރެއްވިއެވެ. ދައުވާކުރިޔަސް އޭނާގެ މައްޗަށް އެ މައްސަލަ ސާބިތުނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި ސަބަބަކީ ސަރުކާރުން ބުނާހާ ގޮތަކަށް ކޯޓުތަކުން ހުކުމް ނުކުރާނެތީ ކަމަށް އުމަރު ވިދާޅުވިއެވެ. "އަޅުގަނޑު ދެކޭގޮތުގައި ދިވެހިރާއްޖޭގެ ކޯޓުތަކަކުން ސަރުކާރުތައް ބުނާހާ ގޮތަކަށް ކަމެއް ކޮށެއް ނުދޭނެ،" އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ސުޕްރީމް ކޯޓާއި މުޅި ޝަރުއީ ނިޒާމަށް އޭނާގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ