މިހާރު ކަންކަން ކުރަމުން މިދާގޮތް ރަނގަޅު ނޫން ކަމަށާއި، އެހެން ނަމަވެސް ފަނޑިޔާރުގެއިން އަދުލުވެރިކަން ލިބޭނޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލައިގެ މިއަދުގެ އަޑުއެހުމަށް ކްރިމިނަލް ކޯޓަށް ހާޟިރުވެވަޑައިގެންނެވުމަށްފަހު ނުކުމެވަޑައިގަތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރިޔާޒް ވިދާޅުވީ، މިބާވަތުގެ ކަންކަން ކުރިންވެސް ހިނގާފައިވާ ކަމަށާއި، އެހެން ނަމަވެސް ފޯނެއްގެ ޕިންކޯޑް ނުދީގެން މީގެކުރިން މީހެއްގެ މައްޗަށް މިގޮތަށް ދައުވާ ކުރިކަން އެނގިވަޑައިގެންފައި ނުވާކަމަށެވެ.
މިމައްސަލާގައި އެމަނިކުފާނާ ދެކޮޅަށް ދައުވާކޮށްގެން އުޅެނީ ސިޔާސީ ބޭނުމެއްގައި ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
"މިއީ ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް. އަޅުގަނޑާމެދު ކަންކަން މިކުރާ ގޮތް ރަނގަޅު ކަމަށް ގަބޫލެއް ނުކުރަން. ހިތްހަމަނުޖެހޭ ގޮތަށް ކަންކަން ދިޔަނަމަވެސް އުންމީދުކުރަނީ ރަނގަޅަށް. ފަނޑިޔާރުގެއިން އަދުލުވެރިކަން ލިބޭނޭ ކަމަށް ގަބޫލުކުރަން" ރިޔާޒް ވިދާޅުވިއެވެ.
އަބްދުﷲ ރިޔާޒް ވިދާޅުވީ، މިގައުމުގައި ރަނގަޅު ކުރާންޖެހޭ ވަރަށް ގިނަ މައްސަލަތައް އެބަހުރި ކަމަށާއި، އެކަންކަން ހައްލު ކުރެވޭނީ ސަރުކާރު ޒިންމާދާރު ކުރުވައިގެން ކަމަށެވެ. މަޖިލީސް މެމްބަރުންގެ ޒިންމާއަކީވެސް އެއީ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
"ގައުމުގައި އެބަހުރި މައްސަލަތައް. ރަނގަޅު ކުރާންޖެހޭ ކަންކަން އެބަހުރި. ސަރުކާރު ޒިންމާދާރުކުރުވައިގެން ހައްލު ކުރެވޭނީ. މަޖިލީސް މެމްބަރުންގެ ޒިންމާއަކީ އެއީ. އެކަން ކުރިއަށްދާނެ" ރިޔާޒް ވިދާޅުވިއެވެ.
އަބްދުﷲ ރިޔާޒް ވިދާޅުވީ، ގުޅިފައިވާ ހަތަރު ޕާޓީގެ ލީޑަރުންގެ ވިސްނުންފުޅާއެކު މިހާރު ކުރިއަށްދާ އިސްލާހީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށާއި، އެކަމުގައި ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.
ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުﷲ ރިޔާޒްގެ ގާނޫނީ ވަކީލު އަލްއުސްތާޛް އަލީ ޒާހިރު ވިދާޅުވީ، ޝަރީއަތުގެ މަޖިލީހުގައި ކަންކަން ކުރިއަށްދިޔަ ގޮތް މީޑިއާއާ ހިއްސާކުރުމަކީ އޮންނަ ކަމަކަށް ނުވާތީ އެވާހަކަ ނުދައްކަވާނެ ކަމަށެވެ. އެހެން ނަމަވެސް، މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވުމުގެ ކުރިން، ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ހެކި ހުށަހެޅުމުގެ ފުރުސަތު ގާޟީ ދެފަރާތަށްވެސް ދެއްވި ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
އަބްދުﷲ ރިޔާޒްގެ މައްޗަށް ހިންގާ ޝަރީއަތުގެ މަޖިލީހެއް ދެން އޮންނަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށްވެސް ގާނޫނީ ވަކީލު އަލްއުސްތާޛް އަލީ ޒާހިރު ވިދާޅުވިއެވެ.
އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުއްވި ކަމުގެ ދައުވާއެވެ. މިދައުވާ އުފުލާފައިވަނީ އަބްދުﷲ ރިޔާޒްގެ މޮބައިލް ފޯނުގެ ޕާސްވޯޑް ފުލުހުންނާ ހިއްސާކޮށްފައިނުވާތީ ކަމަށް ބުނެ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުންނެވެ.
މިމައްސަލާގައި އެންމެފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަބްދުﷲ ރިޔާޒްވަނީ އެމަނިކުފާނުގެ ފޯނުގެ ޕިން ގާޟީގެ ހާޟިރުގައި ފުލުހުންނާ ހަވާލު ކުރައްވާފައެވެ.
ފަނޑިޔާރުގެއިން އަދުލުވެރިކަން ލިބޭނޭކަމަށް ގަބޫލުކުރަން: އަބްދުﷲ ރިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ